ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން އެމްޑީޕީން ތ. އަތޮޅަށް ކުރާ ދަތުރެއްގައި އެ އަތޮޅަށް އެ ޕާޓީގެ ޓީމެއް ހިނގައްޖެ އެވެ.
އަންނަ އާދީއްތާ ހަމައަށް ކުރާ މި ދަތުރުގައި އެމްޑީޕީގެ ޓިކެޓްގައި ކައުންސިލް އިންތިޙާބަށް ވާދަ ކުރާ ކެންޑިޑޭޓުން ތައާރަފު ކުރުން އޮންނާނެ އެވެ.
ތ. އަތޮޅަށް ކުރާ ދަތުރުގައި އެމްޑީޕީގެ ލީޑަޝިޕްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވަ އެވެ.
އޭގެ ތެރޭގައި އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒާއި މެމްބަރު ރޮޒައިނާ އާދަމާއި މެމްބަރު މުހައްމަދު ފަލާހްގެ އިތުރުން އެ ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ އިތުރު ބޭފުޅުންތައް ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ތ. އަތޮޅުގެ ކެމްޕޭން ދަތުރުގައި އެ އަތޮޅުގެ ހަ ރަކަށް ދިއުމަށް ހަމަޖެހިފައިވެ އެވެ.
މި ދަތުރުތަކުގައި އިރު ދޮރުން ދޮރަށް ހިނގާ ރައްޔިތުންނާއި ބައްދަލުކޮށް މަޝްވަރާ ކުރުމާއި ތިން ރަށެއްގައި ޖަލްސާ ވެސް ބާއްވާނެ އެވެ.
ޖަލްސާތައް އޮންނާނީ ކިނބިދޫ، ވިލިފުށި އަދި ތިމަރަފުށީގަ އެވެ.