މަޝްހޫރު ފޯބްސް މެގަޒިން އިން ހޮވާ އޭޝިއާގެ އެންމެ ނުފޫޒު ގަދަ 30 ޒުވާނުންގެ ތެރޭގައި އައްޑޫ ސިޓީ ހުޅުދޫގެ ޒުވާނެއް ކަމަށްވާ ސަފާތު އަހްމަދު ޒާހިރު ހިމެނިއްޖެއެވެ.
މިއީ މިހާތަނަށް ފޯބްސްގެ ލިސްޓެއްގައި ދިވެއްސެއްގެ ނަން ހިމެނުނު ފުރަތަމަ ފަހަރެވެ.
މިލިސްޓްގައި ސާކު ސަރަހައްދަށް ނިސްބަތްވާ ގައުމުތަކުގެ ތެރެއިން ރާއްޖޭގެ އިތުރުން ހިމެނެނީ އިންޑިއާ އާއި ބަންގްލަދޭޝްއާއި އަފްޣާނިސްތާންގެ ޒުވާނުންނެވެ.
ފޯބްސް މެގަޒިންގައި ބުނެފައިވަނީ ސަފާތަކީ ރާއްޖޭގައި އަންހެނުންގެ ހައްގުތަކަށާއި ވަޒީފާގެ މާހައުލުގައި ހުންނަ ޖިންސުގެ ތަފާތުތައް ނައްތާލުމަށް މަސައްކަތް ކުރާ ޒުވާނެއް ކަމަށެވެ.
ސާފަތު ވަނީ މީގެ ކުރިން އިނގިރޭސި ރާނީ ކުއީން އެލިޒަބަތު ދެއްވާ ކުއީން ޔަންގް ލީޑާސް އެވޯޑު ވެސް ހާސިލްކޮށްފައެވެ.
އދ. ގެ ފަރާތުން އެކުލަވާލާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ 17 ލަނޑުދަނޑި ހާސިލްކުރުމަށްޓަކައި ހޮވި 17 ޒުވާނުންގެ ތެރޭގައި ވެސް ސާފަތު ހިމެނެއެވެ.
މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވެސް މަސައްކަތް ކުރައްވާފައިވާ ސާފަތު އެފުރުސަތު ހޯދީ ޖުމްލަ 186 ޤައުމަކުން ކުރިމަތިލި 18،000 ޒުވާނުންނާ ވާދަކޮށްގެންނެވެ.