ހުނަރުން ފުރިފައިވާ އެތައް ޒުވާނުންނެއް މިއަދު މި އައްޑޫގައި އެބަ ތިއްބެވެ. ކުރިއަރައިގެން ދާން އެފަދަ ޒުވާނުންނަށް ފުރުސަތު ބޭނުންވެ އެވެ. ކޮންމެ މީހަކަށް އެންމެ ރަނގަޅު ވަޒީފާއެއް އައްޑޫން ނުލިބިދާނެ އެވެ.
ނަމަވެސް އެމީހެއްގެ ހުނަރު ބޭނުންކޮށްގެން އަމިއްލަ އާމްދަނީ ހޯދުމަކީ އުނދަގޫ ކަމެއް ނޫނެވެ. ބޭނުންވަނީ ހިތްވަރާއި އެކު ކެރިގެން ނިކުތުމެވެ.
މިއީ އެފަދަ ހިތްވަރުގަދަ އަންހެން ކުއްޖެއްގެ ވާހަކަ އެވެ. އުމުރުން އެންމެ 20 އަހަރުގެ އައިޝަތު ޒީޝާން ހަސަން (ޒީ) ގެ އާދަޔާހިލާފް ހުނަރާއި ކުޅަދާނަ ކަމުގެ ވާހަކަ އެވެ. ޒީގެ "މާމެއިޑް ތާޖް" ގެ ވާހަކަ އެވެ.
ޒީ ބުނީ އެންމެ ފުރަތަމަ ތާޖު ހަދަން ފެށީ އިންޓަނެޓުން އޭގެ ތާޖެއް ފެނިގެން ކަމަށެވެ. ފުރަތަމަ ތާޖުތައް ހެދުމަށްފަހު އެއްވެސް މީހަކަށް ނާންގާ ކަމަށާއި ދެ ތިން ތާޖެއް ފަރުމާކުރުމަށްފަހު ފާސްބުކަށް ޕޯސްޓު ކުރި ފޮޓޯއަކު ވަރަށް ގިނަ ބަޔަކަށް ތާޖު ކަމުދިޔަ ކަމަށެވެ. އަދި 24 ގަޑިއިރު ތެރޭ 80 ވަރަކަށް ޝެއާސް ލިބި ވަރަށް ގިނަ ބަޔަކު ބޭނުންވި އެއްޗަކަށް ޒީގެ އުފެއްދުން ވަނީ ވެފައެވެ.
އެއްފަހަރަށް ވުރެ އަނެއް ފަހަރު ފެންނަ ތާޖުތައް ފުރިހަމަ ވެފައި ބަލާބެލުމަށް ރީތިވެ ޒީގެ ތާޖުތައް ކައިވެނި ޕާޓީތަކުގައާއި "ބާތުޑޭ ވިޝް ލިސްޓުގެ" އެންމެ ކުރިއަށް ދިޔައެވެ.
ތާޖުތައް ވިއްކައި ކުޑަ ވިޔަފާރިއެއް ޒީ ފަށާފައިވާއިރު ހިތްހަމަޖެހޭ ވަރުގެ އާމްދަނީއެއް ލިބެމުންދާ ކަމަށް ޒީ ބުންޏެވެ.
"އައްޑޫ ލައިވް" އަށް ޒީ ބުނީ މި އުމުރުގައި މިފަދަ ވިޔަފާރިއެއް ފަށައި އާންމުންގެ ތަރުހީބު ލިބެމުންދާތީ ބަޔާންކުރަން ދަތި އުފަލެއް ލިބޭ ކަމަށެވެ.
ކޮންމެ ކަމެއް ކުރުމުގައިވެސް ދަތިތަކެއް ކުރިމަތިވާނެ ފަދައިން ޒީގެ މާމެއިޑް ކްރައުންސް އުފެއްދުމުގައި ދިމާވާ އެންމެ ބޮޑު ދަތިކަމަކީ ބޭރުން އޯޑަރު ކުރާ ސާމާނު އައްޑުއަށް ގެނެވުމުގެ ދަތިކަމެވެ.
މޯލްޑިވިއަންގެ ކާގޯ އޮފީސް ގިނަ އިރު ބަންދުކޮށްފައި ހުރުމުގެ ސަބަބުން ކަސްޓަމަރުންނަށް ދީފައިވާ ވަގުތަށް ތާޖުތައް ފޯރުކޮށް ނުދެވޭކަން ޒީ ފާހަގަ ކުރި އެވެ.
މީގެ އިތުރުން ތާޖްތަކުގެ އަގު ކުޑަކުރުމަށް ބައެއް ކަސްޓަމަރުން ޑިމާންޑް ކުރާތީ ނުއަގުގައި ވިއްކަން ޖެހޭ ކަމަށްވެސް ޒީ ބުންޏެވެ.
"މީހުން ބައެއް ފަހަރު ބޭނުމެއް ނުވޭ ޒީ ކިޔާ އަގަށް ގަންނަން. ދެން ޖެހެނީ އަގު ތިރިކުރަން. އަސްލު ބައެއް މީހުންނަށް އިހުސާސް ނުކުރެވޭ މިއިން ކޮންމެ ތާޖަކަށް ވެސް ކުރާ މަސައްކަތް. ވަރަށް ގިނަ އިރު ހޭދަ ކުރަން ކުދިކުދި ކަންތައްތަކުގައި. ކިތަންމެ ގިނަ އިރެއް ވިޔަސް ކޮންމެ ތާޖެއް ވެސް ކަސްޓަމަރު އަތަށް ދޫކޮށްލަން ބޭނުމީ ޕާފެކްޓްކޮށް،"
މޯލްޑިވިއަން އައިޑޮލްގެ ރޭގެ ޝޯވްގައި އުނޫޝާ އަޅައިގެން ހުރި މާމެއިޑް ތާޖަކީވެސް ޒީގެ އުފެއްދުމެކެވެ. ޒީ ވަނީ އެ ކްރައުން އުނޫޝާ ބޭނުންކުރުމާއި ގުޅިގެން އޭނާގެ އިހްސާސް ހިއްސާކޮށްފައެވެ.
އައްޑޫ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒީގެ ތާޖުތައް ވިކެމުންދާ އިރު ޓޫރިސްޓު ރިސޯޓްގަކުގެ ގެސްޓް ފިހާރަތަކަށް ޒީގެ ތާޖުތައް ވިއްކަން ގެންދިއުމަކީ ޒީ މިހާރު ދެކެމުން އަންނަ ހުވަފެނެކެވެ.
ދިވެހިންގެ އިތުރުން ރާއްޖެ އަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ތާޖުތައް ވިއްކުމަކީ ޒީގެ މިހާރުގެ އެންމެ ބޮޑު އަމާޒެވެ.
ޒީގެ ހުވަފެނަކީ އައްޑޫގައި ހުރެގެން ރަނގަޅު އާމްދަނީއެއް މި މަސައްކަތުން ލިބުމެވެ. ގިނަ ފަހަރަށް ދިރިއުޅުމުގެ މިސްރާބު ހުންނަ ގޮތުން އެމީހަކު ކުރަން ބޭނުންވާ ކަން ނުކޮށް އެހެން ކަހަލަ މިސްރާބަކަށް ދާތަން ފެނެއެވެ.
ކުޑައިރުއްސުރެ ކުރެހުމަށް ލޯބިކުރި ޒީ ވަނީ ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހަދައިފަ އެވެ. ޒީވެފައި ވަނީ ރާއްޖޭގެ ވަރަށް ގިނަ ޒުވާން އަންހެން ކުދިންނަށް ލާމަސީލު ނަމޫނާއަކަށެވެ.
ޒީގެ ތާޖުތައް ބައްލަވައިގަތުމަށް އިންސްޓަގްރާމް ޕޭޖް ނުވަތަ ފޭސްބުކް ޕޭޖަށް ޒިޔާރަތްކޮށްލައްވައިގެން މިހާރު ލިބެން ހުރި ތާޖުތަކަށް އޯޑަރު ކުރެވޭނެ އެވެ.