ފިލްމީ ދާއިރާ އަށް އަލަށް ނިކުތް ފިލްމް ސްޓޫޑިއޯ އިމޭޖިނޭޝަން ރިއަލިޓީގެ ފުރަތަމަ ފިލްމް "ދަޅަ" އަންނަ ޖުލައި މަހުގެ ތެރޭގައި ސްކްރީނަށް ގެންނަން އަމާޒު ހިފައިފިި އެވެ.
މި ފިލްމުގެ ޝޫޓިން ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ އިރު، "ދަޅަ" އިގެ ފަސްޓްލުކް ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.
ދާދި ފަހުން "އަންނާށޭ ހުންނާށޭ" ގެ ނަމުގައި ހިތްގައިމު ވީޑިއޯ ލަވައެއް ވެސް ބެލުންތެރިންނަށް ގެނެސް ދިން އިމޭޖިނޭޝަންގެ ރިއަލިޓީގެ މި ފިލްމަކީ ރޮމޭންޓިކް ތުރިލާއެކެވެ.
ފިލްމުގެ ޕްރޮޑިއުސްކޮށް، ސްކްރީންޕްލޭ ލިޔެ، ޑައިރެކްޓް ކުރަނީ އެ ސްޓޫޑިއޯގެ ވެރިޔާ އަހުމަދު ޔާސިރު އެވެ.
އޭނާ ބުނީ "ދަޅަ" އިގެ ލީޑް ރޯލް ކުޅޭ، އިބްރާހީމް ސޮބާހް (ކުދަ ސޮބާ) ގެ ކޮންސެޕްޓަކަށް، ލިޔުނު ސްކްރީންޕްލޭ ވެސް މިހާރު ނިމި ޝޫޓިން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
"މި މަހުގެ ފަންސަވީހުގައި ފިލްމުގެ ޝޫޓިން ފެށުމަށް މި އަންނަނީ ތައްޔާރުވަމުން. ހުޅުމާލެ އާއި މާލޭގައި ފިލްމް ޝޫޓް ކުރާނީ،" ޓީއެމްއޭގެ ޕައިލެޓެއްގެ ވަޒީފާ ވެސް އަދާ ކުރަމުން އަންނަ ޔާސިރު ބުންޏެވެ.
"ދަޅަ" އަކީ އޭނާގެ ފުރަތަމަ ޑައިރެކްޝަނެވެ. ޔާސިރު ބުނީ "ދަޅަ" އިގެ ޝޫޓިން އަށް ނަގާނީ ދޮޅު މަހެއްހާ ދުވަސް ކަމަށެވެ.
"މިއީ ރޮމޭންޓިކް ތުރިލާއަކަށް ވިޔަސް، ފިލްމުގައި ވަރަށް ބޮޑަށް އެކްޝަން ހިމެނޭނެ. ދިވެހި ފިލްމަކުން މިހާތަނަށް ފެނިފައި ނުވާ ކަހަލަ ވަރުގަދަ، އެކްޝަން މަންޒަރުތަކެއް ދަޅައިން ފެންނާނެ،" އޭނާ ބުންޏެވެ. "އެހެންވެ މާޝަލް އާޓްސް އެސޯސިއޭޝަންގެ ސަޕޯޓް ލިބިގެން، ފިލްމުގެ ޝޫޓިން ކުރިއަށް ގެންދާނީ. މަންޒަރުތައް ނެގުމުގެ ކުރިން އެކްޝަން މަންޒަރުތަކަށް ފިލްމުގެ ކާސްޓުން ޓްރޭން ވެސް ކުރެވޭނެ. އެ މަސައްކަތް މިހާރު ވެސް ފަށައިގެން ކުރިއަށް އެބަދޭ."
އަށާރަ އަރުން މަތީގެ މީހުންނަށް ހާއްސަކޮށްގެން ހަދާ "ދަޅަ" އިގައި ދެ ލަވަ ހިމެނޭނެ އެވެ.
"މީގެ އެއް ލަވައަކީ ވަރަށް ބޮޑު ލަވައެއް. އެލަވައިގެ ސަތޭކެއްހާ މީހުންނާއި ކުޑަކުދިން ބޭނުން ކުރެވޭނެ،" ޔާސިރު ބުންޏެވެ.
ޔާސިރު ބުނީ "ދަޅަ" އިގެ ކާސްޓުންގެ ތެރޭގައި ގިނައިން ހިމެނޭނީ މުޅިން އާ މީހުން ކަމަށެވެ. މި ފިލްމުން ގިނަ އަދަދެއްގެ ވީޑިއޯ ލަވަތަކާއި "އެ ދަތުރު" ފަދަ ފިލްމްތައް ކުޅެފައިވާ ސޮބާއާ އެކު، ޓީވީއެމްގެ ޕްރެޒެންޓަރު އަދި މީގެ 17 އަހަރު ކުރިން އަސްލަމް ރަޝީދުގެ "ނަމޫނާ" އިން ފިލްމީ ދާއިރާ އަށް ތައާރަފުވި މުހައްމަދު ޝައްމޫން ވެސް ފެނިގެން ދާނެ އެވެ.
"ދަޅަ" ވެގެން ދާނީ އޭނާ ކުޅޭ ދެވަނަ ފިލްމަށެވެ.
ޔާސިރު ބުނީ ކުޑަކުއްޖަކު ވެސް މުހިއްމު ރޯލަކުން ފެނިގެންދާ މި ފިލްމުގެ ބަތަލާއަކީ ކާކުކަން ބާއްވަން ބޭނުން ވަނީ ސަޕްރައިޒެއްގެ ގޮތުގައި ކަމަށެވެ.
"ފިލްމް އެޅުވުމާ ހަމައަށް މީގެ ބަތަލާއަކީ ކާކުކަން ސަޕްރައިޒެއްގެ ގޮތުގައި ބާއްވަން ބޭނުން ވަނީ،" އަންނަ މަހުގެ ތެރޭގައި "ދަޅަ" އިގެ ޕްރޮމޯޝަން ވެސް ފަށާނެކަން ފާހަގަކޮށް އޭނާ ބުންޏެވެ.
ޓާގެޓަކީ ޖުލައި މަހުގެ ފަހުކޮޅު ފިލްމް ސިނަމާ އަށް ގެނައުން. ބެލުންތެރިން ގަޔާވާ ކަހަލަ ރީތި އަދި ފުރިހަމަ ފިލްމަކަށް ދަޅަ ހަދަން އަހަރެމެންގެ ޓީމުން މެކްސިމަމް ނެރޭނެ،" ޔާސިރު ބުންޏެވެ.