ބަރުދަން ލުއިކުރުމަށްޓަކައި ދިރިއުޅުމަށް ގެންނަން ޖެހޭ ބަދަލުތަކަކީ ގިނަ މީހުންނަށް ވަރަށް ދަތި ކަމެކެވެ.
އެގޮތުން ކެއުންބުއިމުގެ އާދަކާދަތަކާއި ކަސްރަތު ކުރުމުގެ އާދަ ގައިގައި ހަރުލެއްވުމަކީ ގިނަ މީހުން ދެކޭ ގޮތުގައި ވަރަށް ބޮޑު ގޮންޖެހުމެކެވެ.
މިހާރުގެ ދިރާސާތަކުން ދައްކާ ގޮތުގައި ހަށިގަނޑަށް ލިއްބައިދޭ ނިދީގެ މިންވަރަކީ ސީދާ ގޮތުން މީހާގެ ބަރުދަނަށް އަސަރު ކުރާ ކަމެކެވެ. ނަވާރަސަތޭކައިގެ އަހަރުތަކުގައި އެވަރޭޖްކޮށް މީހުން ނިދައި އުޅުނީ ރޭގަނޑު ނުވަ ގަޑި އިރަށެވެ.
އެހެން ނަމަވެސް، މިހާރު ގިނަ މީހުންނަށް ދުވާލެއްގެ މައްޗަށް ލިބެނީ ހަތް ގަޑިއިރުގެ ނިންޖެވެ.
ނިދީގެ މާހިރުން ބުނާ ގޮތުގައި ދުވާލު ރަނގަޅަށް މަސައްކަތް ކުރުމަށްޓަކައި ރޭގަނޑު މަދުވެގެން ހަތް ގަޑިއިރާއި އަށް ގަޑިއިރާއި ދެމެދުގެ މިންވަރަކަށް ނިދި ބޭނުންވެ އެވެ.
ރޭގަނޑު ނުނިދައި ރައްޓެހިންނާއި ޗެޓް ކުރަން ނުވަތަ އެހެނިހެން ކަންކަމުގައި އުޅުމަކީ ސީޒަނަލް އެފެކްޓިވް ޑިސްއޯޑާ (އެސްއޭޑީ) ނަމަކަށް ކިޔާ ބައްޔަކަށް މަގުފަހި ކުރުވާ ކަމެކެވެ.
އެސްއޭޑީ އަކީ އޭގެ ސަބަބުން މީހާ އިތުރަށް ބަނޑުހައި ކުރުވާ ކަމެކެވެ. އެހެންކަމުން އަވަހަށް ނިދުމަކީ މިކަމުން ސަލާމަތްވެ، ބަރުދަން އިތުރުވުމުން ސަލާމަތްކޮށްދޭ ކަމެކެވެ.
ދާއިމީ ގޮތުގައި ނިދި މަދު ކުރުމަކީ ބަރުދަން އިތުރުކޮށްދޭ ކަމެކެވެ. ރޭގަނޑު އަށް ގަޑިއިރަށް ނިދާ މީހަކާއި އަޅާބަލާއިރު ހަ ގަޑިއިރަށް ނިދާ މީހާގެ ބަރުދަން އެކަށީގެންވާ މިންވަރަކަށްވުރެ އިތުރުވެ އެމީހާ އޮބީސްވުމުގެ ފުރުސަތު 25 އިންސައްތަ އިތުރުވެގެން ދެ އެވެ.
ރޭގަނޑު ހަ ގަޑިއިރަށްވުރެ މަދުން ނިދާނަމަ، "ހަންގާ ހޯމޯން" ނުވަތަ ގްރެލިން ކިޔާ ހޯމޯނެއް ހަށިގަނޑުން އުފައްދައި ދެއެވެ. މިއީ މީހާ ބަނޑުހައިވާ މިންވަރު އިތުރު ކުރުވާ ފޮނިއެއްޗެހި ކާހިތްވާ މިންވަރު އިތުރުކޮށްދޭ ހޯމޯނެކެވެ.
އެހެންވެ އެކަށީގެންވާ މިންވަރަށް ނިދި ލިބޭ ނަމަ، ހަށިގަނޑުން ލެޕްޓިން ހޯމޯން އުފައްދައިދެ އެވެ.
މިއީ ބަނޑުހައިވާ މިންވަރު ކުޑަކޮށްދޭ ހޯމޯނެކެވެ. ވީމާ، ފުރިހަމަ ނިދި ލިބޭ ނަމަ ކާބޯތަކެއްޗާއި ބެހޭ ގޮތުން ޒިންމާދާރު ނިންމުންތައް ނިންމުމަށް ފަސޭހަވެގެން ދާނެ އެވެ.
ބަރުދަން ލުއި ކުރުމަކީ އަޅުގަނޑުމެން ހީކުރާ ވަރަށްވުރެ ފަސޭހަ ކަމެކެވެ. ކުރަން ޖެހޭހާވެސް ކަމަކީ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ނިންޖާއި އަރާމް ހޯދައިދީ، ދުޅަހެޔޮ ކާނާ ކައި އަދި ކަސްރަތު ކުރުމެވެ.