Last Updated: November 24, 23:51
Sunday, November 24, 2024
ޚަބަރު

"މި އަހަރު ފޭދޫގައި 500 ޓޫރިސްޓް އެނދު ގާއިމް ކުރެވޭނެ"

އަލީ ހަނީޒު (ބޮއްކާ)ގެ ކެމްޕެއިން ބައްދަލުވުމުގައި އައިބީ ވާހަކަ ދައްކަވަނީ. ފޮޓޯ: އަހްމަދް ޒިޔާދް

2017 ވަނަ އަހަރު ނިމުމުގެ ކުރިން އައްޑޫ ސިޓީ ފޭދޫގައި 500 ޓޫރިސްޓް އެނދު ގާއިމްކުރެވޭނެ ކަމަށް ފޭދޫ ދާއިރާގެ މަޖިލިސް މެންބަރ އިބްރާހިމްދީދީ ވިދާޅުވެއްޖެއެވެ.

އިބްރާހިމް ދީދީ މިގޮތަށް ވިދާޅުވެފައި ވަނީ، ލޯކަލް ކައުންސިލް އިންތިހާބުގައި ފޭދޫ ދާއިރާއަށް ވާދަކުރައްވާ އަލީ ހަނީޒުގެ ކެމްޕެއިން ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

"އަޅުގަނޑުމެންނަށް ގާތްގަނޑަކަށް އަޅުގަނޑު ދަންނަވާނީ 10 ރިސޯޓޭ. 25 ކޮޓަރީގެ 10 ބްލޮކް. މިތާގައި މިއަހަރު ތެރޭގައި އަޅާ ނިމޭނެ. އެއީ 500 ބެޑު. 250 ކޮޓަރި.އެހެންވީމަ އަލީ ހަނީޒަށް ވޯޓު ދޭން މިބުނަނީ..މިއީ ސަޅިބައިސާއެއް ނޫން މިކަނޑަނީ…މިއީ ކަންކޮށްފަ ދައްކާ ސަރުކާރެއް." -އައިބީ-

އައިބީ ވިދާޅުވި ގޮތުގައި ފޭދޫގެ ހިއްކާފައިވާ ބިމުގައި 25 ކޮޓަރީގެ 10 ބްލޮކް އަޅާނެ ކަމަށާއި އެއީ 500 އެނދު ކަމަށެވެ.

ފޭދޫގައި އަޅާ 250 ކޮޓަރި އާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން އައިބީ ވިދާޅުވި ގޮތުގައި އިއްޔެވެސް އެ ކޮޓަރިތައް އެޅުމާއި ބެހޭގޮތުން، ޓޫރިޒަމް މިނިސްޓްރީއިން ގުޅުއްވި ކަމަށާއި އަދި މިހަފްތާގެ ހުކުރު ދުވަހު މިނިސްޓްރީގެ ޓީމުތައް އައްޑޫއަށް އަންނާނެ ކަމަށް ބުނެފައިވާ ކަމަށެވެ.

އައިބީ މިހެން ވިދާޅުވެފައިވާއިރު ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލުން އައްޑޫއަށް ވަޑައިގަންނަވަނީ 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އައްޑޫ އިންވެސްޓާސް ފޯރަމްގައި ބައިވެރިވުމަށެވެ. އެއީ އައްޑޫގައި ހުރި އިންވެސްޓްމެންޓް ފުރުސަތުތަކާއި ބެހޭގޮތުން އިންވެސްޓަރުންނަށް މައުލޫމާތު ދިނުމަށް ބާއްވާ ފޯރަމެކެވެ.

މީގެ އިތުރުން 2017 ވަނަ އަހަރަށް ފޭދޫއަށް އިރުއަރައިގެން އައީ އިތުރު އުފާވެރިކަމަކާއި އެކީގައި ކަމަށާއި ސީދާ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ފޭދޫ އިން ހިއްކާފައިވާ ބިމުގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފެށިފައިވާ ކަމަށް އައިބީ ވަނީ ވިދާޅުވިއެވެ.

ފޭދޫގައި 100 ހައުސިންގ ޔުނިޓް ޢިމާރާތް ކުރުމަށް، މިއަހަރުގެ ބަޖެޓްގައި ވަނީ ކަނޑައަޅާފައިވާއިރު މިއަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެ ކަމަށް ހައުސިން މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ. އެހެން ނަމަވެސް މިހާތަނަށް އެކަމުގެ އަމަލީ އެއްވެސް މަސައްކަތެއް ފެށިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

"ސީދާ ރައީސްގެ އިސްނެންގެވުމުގެ މަތިން. މިރަށުގެ ތަރައްގީއަށްޓަކައި އެމަނިކުފާނު ހިއްކަވާދެއްވާފައި މިވާ ބިމުގައި މިހާރު މިވަނީ 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފެށިފައި. އެ މަސައްކަތް އިރާދަކުރެއްވިއްޔާ ކުރިއަށް ދާނެ"

އައިބީ ވިދާޅުވި ގޮތުގައި އިންވެސްޓްމަންޓް ފޯރަމަށް ރާއްޖޭގެ މަޝްހޫރު ބޮޑެތި ބެންކުތައް އަންނާނެ ކަމަށާއި ފަތުރުވެރިކަމުގެ 3000 ކޮޓަރި މިއަތޮޅުގައި އަޅާނެ ކަމަށެވެ. އަދި މިކަމުގައި ވަކި ރަށެއް ތަފާތު ނުކުރާނެ ކަމަށާއި ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ގޮވާލަނީ އެހެންވެ ކަމަށެވެ.