ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުން ހުއްޓާލަން ތައްޔާރުވަމުން އަންނަ ކަމަށް ޓީސީ ސްޕޯޓްސް ކްލަބްގެ ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ) ބުނެފި އެވެ.
ފޭދު އަށް އުފަން ބެންޖޯ ޕްރޮފެޝަނަލްކޮށް ފުޓްބޯޅަ ކުޅެން ފެށީ 2004 ގަ އެވެ.
ފާއިތުވި 13 އަހަރުގެ ތެރޭގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ބެންޖޯ ބުނީ ކުރިޔަށް އޮތް ދެ އަހަރެއްގެ ތެރޭގައި ރިޓަޔާ ކުރުމާ ދޭތެރޭ ގޮތެއް ނިންމާނެ ކަމަށެވެ.
އޭނާ "ރާއްޖެ ޓީވީ" އަށް ދިން އިންޓަވިއުއެއްގައި ބުނީ ފުޓްބޯޅަ ކުޅުން ހުއްޓާލުމަށް ފަހު ސިޔާސީ ދާއިރާ އިން ފެނުމަކީ ވެދާނެ ކަމެއް ކަމަށެވެ.
"ސިޔާސީ ދާއިރާ އަށް ޝައުގުވެރިކަން ހުރޭ. ފުޓްބޯޅަ ދާއިރާ ނޫން ދެން އެންމެ ފެނުން ގާތީ ވެސް ސިޔާސީ ދާއިރާއިން،" އޭނާ ބުންޏެވެ. "އެހެން ނަމަވެސް ފުޓްބޯޅަ ކޯޗިން ދާއިރާ އަށް ވެސް ޝައުގުވެރިކަން އެބަހުރި."
ބެންޖޯ ބުނީ އޭނާ އަށް ފުޓްބޯޅައިގައި މިހާރު އާދެވިފައި ހުރި ހިސާބަށް ގެނެސް ދިނުމަށް އެންމެ މުހިންމު ދައުރެއް އަދާކޮށްފައި ވަނީ އައްޑޫގައި ފުޓްބޯޅަ ކުރިއަރުވަން މަސައްކަތް ކުރާ އަހުމަދު ޝަރީފް (ޑުންގާ) އާއި މުހައްމަދު ސައީދު (ސަޑޭ) ކަމަށެވެ.
ބެންޖޯއަކީ ޑުންގާގެ ޅިޔަނެކެވެ. އަދި ސަޑޭއަކީ ގައުމީ ޓީމަށް ކުޅުނު މަޝްހޫރު ކުޅުންތެރިޔާ އަހުމަދު ސައީދު (އައްމަޓީ) ގެ ބޭބެ އެވެ.
"ޕްރޮފެޝަނަލް ފުޓުބޯޅަ އަށް ތައާރަފްކޮށް ދިނީ އެ ދެ މީހުން،" އިމިގްރޭޝަންގައި ވަޒީފާ އަދާ ކުރާ ބެންޖޯ ބުންޏެވެ.
ބެންޖޯ ބުނީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރައިގެން ދާ ތަން ބަލަން ވަރަށް ބޭނުން ކަމަށާއި އެހެން ނަމަވެސް އިންޓަނޭޝަނަލް ލެވެލްގައި ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.
ޓީސީ އިން ބަންގްލަދޭޝްގެ "ޝައިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕް" ގެ ޗެމްޕިއަންކަން ޓީސީ ހޯދި އިރު، އެ ޓީމުގައި ވެސް ބެންޖޯ ވަނީ މުހިއްމު ދައުރެއް އަދާކުރި އެވެ.
ބެންޖޯ އެންމެ ފުރަތަމަ ގައުމީ ސްކޮޑަށް ނެގީ 2009 ވަނަ އަހަރު އޮތް ޗެލެންޖް ކަޕް ކޮލިފައިން އަށެވެ.
އެންމެ ފުރަތަމަ ކުލަބް ލެވެލްގައި ކުޅުނީ ހުއްރިއްޔާ ސްޕޯޓްސް ކްލަބަށެވެ.
އޭގެ ފަހުން އައްޑޫގެ ވިޔަފާރިވެރިންތަކެއް އުފެއްދި އައިއެފްސީ އާއި ވީބީ ސްޕޯޓްސް ކްލަބާއި އެކު ވެސް ބެންޖޯ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.