ރާއްޖޭގެ ޢަދުލުއިންސާފުގެ ނިޒާމަށް 2008 ވަނަ އަހަރު ބޮޑެތި ބަދަލުތަކެއް އައިއިރު، އެންމެ މުހިންމު އެއް ބަދަލެއްގެ ގޮތުގައި ފެނިގެންދިޔައީ ސިޔާސީ ނުފޫޒުން އެއްކިބާވެ ޖިނާއީ ދަޢުވާތައް އުފުލާނެ މިނިވަން ޕްރޮސިކިއުޓަރ ޖެނެރަލެއް އުފެދުމެވެ.
މިއީ ރާއްޖޭގެ އެތައް ރައްޔިތުންނަށް އުންމީދު އާކޮށް ދިންކަމެކެވެ. ހާއްސަކޮށް ވާދަވެރި ސިޔާސީ މާހައުލެއްގައި މަސައްކަތް ކުރުމަށް ބޭނުންވެފައިތިބި މީހުންނަށް ލިބުނު ބޮޑު ހިތްހަމަ ޖެހުމެކެވެ. ސަބަބަކީ ސިޔާސީ ވާދަވެރިއަކަށްވީތީ ސަރުކާރުން ބޭނުން ކޮންމެއިރަކު ޖަލަށްލުމަށް ކުރިން ފަހިވެފައިއޮތް ފުރުޞަތު އެއްކޮށް ބަންދު ކުރެވިގެންދާނެ ނިޒާމެއް ގާއިމްވީތީއެވެ.
ޤާނޫނުއަސާސީގެ 220 ވަނަ މާއްދާގައި ބުނާ ގޮތުން ޕްރޮސިއުޓަރ ޖެނެރަލަކީ އޭނާގެ މަސްއޫލިއްޔަތު އަދާކުރުމުގައްޔާއި އޭނާއަށް ލިބިފައިވާ ބާރުތައް ބޭނުންކުރުމުގައި އެއްވެސް މީހަކު ނުވަތަ އެއްވެސް ފަރާތަކުން އަންގާ ގޮތަށް ކަންކަންކުރާ މީހަކަށްވެގެން ނުވާނެއެވެ.
އަދި އެއްވެސް މީހެއްގެ ނުވަތަ އެއްވެސް ފަރާތެއްގެ ނުފޫޒެއްގެ ދަށުގައިވާ މީހަކަށްވެސް ވެގެންނުވާނެއެވެ. މީގެއިތުރުން ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރަންވާނީ އަދި ބާރުތައް ބޭނުންކުރަންވާނީ ، އެއްވެސް ފަރާތަކަށް ޖެހިލުންވުމެއްނެތި، ވަކިފަރާތަކަށް މަންފާހޯދައިދިނުމެއްނެތިކަން ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވެއެވެ.
ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ ސިޔާސީ މަސްރަހުގައި އިސްކޮށް ހަރަކާތްތެރިވި އެތައް ބޭފުޅުންނެއް ދިގު މުއްދަތުތަކަށް ޖަލަށް ލެވިފައިވާއިރު، އެބޭފުޅުންގެ މައްޗަށް އުފުލުނު ދަޢުވާތަކަކީ ސިޔާސީގޮތުން އުފުލުނު ދަޢުވާތަކެއްކަމަށް ގިނަބަޔަކު ދަނީ ތުހުމަތުކުރަމުންނެވެ.
ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުހައްމަދު ނާޒިމާއި، އަދާލަތު ޕާޓީގެ ރައީސް ޝެއިޙް އިމްރާންއާއި، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސްކަން ކުރައްވާފައިވާ ކުރީގެ ދިއްގަރު ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް އަދި ކުރީގެ ނައިބްރައީސް އަހްމަދު އަދީބުގެ މައްޗަށް އުފުލުނު ދަޢުވާތައް ހިމެނެއެވެ.
މި ނަންތަކުގެ އިތުރުންވެސް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ އަހްމަދު މަހްލޫފް އާއި މިހާރު ދައުވާ އުފުލިފައިވާ ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް އާއި ކުރީގެ ކަމިޝްނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ފާހަގަކޮށްލެވެއެވެ.
ރާއްޖޭގެ ގިނަ ސިޔާސީ ލީޑަރުންތަކެއް ޖަލަށްލެވިފައިވާއިރު ހަނދާން ނައްތާ ނުލެވޭނެ ވަރަށް މުހިންމު އެއްކަމެއް އެބައޮތެވެ.
އެއީ މިހާރު ދިގު މުއްދަތުތަކަށް ޖަލަށްލެވިފައިވާ ގިނަ ސިޔާސީ ލީޑަރުންގެ މައްޗަށް އޭރު ދަޢުވާ އުފުއްލެވި ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހްތާޒް މުހްސިންގެ ވާހަކައެވެ. އެމަނިކުފާން ވެސް މިއަދު އޮންނެވީ ދިގު މުއްދަތަކަށް ޖަލަށްލެވިފައެވެ. ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލްވެސް ޖަލަށްލެވިފައިވަނީ ބޭއިންސާފުން ކަމަށް އެއް ބަޔަކު ދަނީ ބުނަމުންނެވެ.
މިއީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގައި މިހާރު ހުންނެވި ފަރާތަށާއި، ކުރިއަށް އޮތްތަނުގައި އެމަޤާމު ފުރުއްވަން ތިއްބެވި ބޭފުޅުންނަށް އިބްރަތުން ފުރިގެންވާ ހާދިސާތަކެވެ.
ކުރީގެ ޕްރޮސިކުޓަރ ޖެނެރަލް މުހްތާޒް މުހްސިން މަގާމުގައި ހުންނެވި ދުވަސްވަރު ޖަލަށްލެވިފައިވާ ސިޔާސީ ލީޑަރުންގެ މައްޗަށް އުފުލުނު ދަޢުވާތަކުގައި ވަރަށް ހަރަކާތްތެރިކޮށް އެބޭފުޅާ އުޅުއްވި މަންޒަރުވަނީ ފެނިފައެވެ.
އެގޮތުން އެފަރާތްތަކާއި މެދު އުފުލިފައިވާ ދައުވާތައް ދިފާއުކުރައްވައި އޭރުގެ އިދިކޮޅުފަރާތްތަކަށް ފާޑު ވިދާޅުވަމުން ގެންދެވީ ފާޅުގައެވެ. ފޮރޮސިކިއުޓަރ ޖެނެރަލްގެ މަޤާމުގެ މިނިވަންކަމާއި މުސްތަގިއްލުކަން ޤާނޫނުން ކަށަވަރުކޮށްދީފައި ވީނަމަވެސް މުހުތާޒް މުހްސިންގެ އަމަލުތައް ހުރިގޮތުން އޭރުވެސް އެތައް ބަޔަކު އެބޭފުޅާގެ އެ ވާހަކަތަކަށް ފާޑުކިޔެވެ. ނަމަވެސް އޭރު އެއިން ކަމަކަށް އެއްވެސް ފަރުވާލެއް ބެހެއްޓެވިތަނެއް ފެނިގެން ނުދިޔައެވެ. ފެނުނީ ފުލުފުލުގައި ދައުވާ އުފުލައި އެފަރާތްތައް ޖަލަށް ލެވުނުތަނެވެ. އަދި މަދު ދުވަސްކޮޅެއްގެ ތެރޭގައި އަމިއްލައަށް ހަމަ އެގޮޅިއަށް ފެތުނުތަނެވެ.
ޤާނޫނުން މިނިވަން މުސްތަގިއްލު މުވައްސަސާތައް އުފެއްދުމުގެ ބޭނުމަކީ އެމުވައްސަސާތަކުން މުޅި މުޖްތަމަޢުއަށް ހަމަހަމަކަމާއެކު ފާއިދާ ލިއްބައިދިނުމެވެ. އެއްވެސް ހާލެއްގައި އޭރަކު ބާރުވެރިކޮށް އުޅޭ ސިޔާސީ ފަރާތްތަކަށް ވާގިވެރިވުމެއްނޫނެވެ.
މިދުވަސްކޮޅަކީ އަނެއްކާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފުލުފުލުން ސިޔާސީ ބޭފުޅުންގެ މައްޗަށް ދަޢުވާ އުފުލުމަށް ފޮނުވަމުންދާ ދުވަސްކޮޅެކެވެ. މިފަދަ ދަނޑިވަޅެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ބޭނުން ޤާނޫނުގައި ބަޔާންކޮށްފައިވާ މަޤްޞަދާއި ޚިލާފަށް ހިފުމަށް ފުރުޞަތު ދީގެންނުވާނެއެވެ.
އުފުލަންނުޖެހޭ ދަޢުވާއެއް މީހެއްގެ މައްޗަށް އުފުލުމުން ލިބިގެންދާނެ ހިތްދަތިކަން އިހުސާސްވާނީ އެފަދަކަމަކާ ކުރިމަތިލާން ޖެހުމުންނެވެ. މިއަދު ތިމާ ޤާއިމްކުރާ ބޭއިންސާފު ސަގާފަތުގެ ޝިކާރައަކަށް މާދަމާ ތިމާ އަމިއްލައަށްވެސް ވެދާނެކަން ދަންނަން އެބަޖެހެއެވެ. އެއީ މިހާތަނަށް ރާއްޖޭގައި ކަންހިނގާފައިވާ ގޮތުންނެވެ.
މަޤާމަކާއި ހަވާލުވެ ތިމާގެ ވެރިރަސްކަލާނގެ ދުނިޔޭގައި ތިމާ ދަތުރު ކުރުމަށް އަންގަވާފައިވާ މަގު ހަނދާން ނެތިކޮށްލައި އުޅެގަންނަން ފަށާއިރު އެކަލާނގެ ތިބާ ހަލާކުކޮށް ނެތިކޮށްލަން ހިނދުކޮޅެއްވެސް ނުނަގާނެއެވެ. ނުރަނގަޅު ސިޔާސީ ބާރުވެރިންގެ މަގަށް ތަބާވުމުން ދެ ދުނިޔެއިންވެސް ކާމިޔާބެއްނެތެވެ.