ރަޖްނީކާންތުގެ ސައިންސް ފިކްޝަން ފިލްމް "2.0" އަންނަ އޮކްޓޯބަރު މަހުގެ 18 ގައި ރިލީޒް ކުރަން ނިންމާފައި ވަނިކޮށް، އެ ތާރީހުގައި ބޮޑު އެހެން ދެ ފިލްމެއް ވެސް ރިލީޒް ކުރަން ނިންމުމާ ގުޅިގެން، އެ ފިލްމް ރިލީޒް ކުރާ ތާރީހު ފަސްކޮށްފި އެވެ.
މިހާރު ހަމަޖެހިފައިވާ ގޮތުން ޝަންކަރު ޑައިރެކްޓްކޮށްފައިވާ "2.0" ސިނަމާތަކަށް އަންނާނީ ޖެނުއަރީ 25، 2018 ގަ އެވެ.
މި ފިލްމާ އެކު ދިވާލީގައި ރިލީޒް ކުރަން ނިންމި ބޮލީވުޑްގެ ދެ ފިލްމަކީ އާމިރް ހާންގެ "ސީކްރެކްޓް ސްޕަސްޓާ" އާއި އަޖޭ ދޭވްގަންގެ "ގޯލްމާލް އެގެއިން" އެވެ.
އެ ދެ ފިލްމާ އެކު، ބޮކްސް އޮފީހުގެ ކުރިމަތިލުމަކަށް ދާން ބޭނުން ނުވާތީ "2.0" ލަސްކޮށްލުމުން އެ ފިލްމަށް އިންތިޒާރު ކުރަމުން ދިޔަ އެތައް ބަޔަކަށް މިހާރު ވަނީ ވަރަށް ބޮޑު މާޔޫސް ކަމެއް ލިބިފަ އެވެ.
ރަޖްނީކާންތާ އެކު ބަތަލާއެއްގެ ގޮތުގައި އެމީ ޖެކްސަން ފެނިގެންދާ "2.0" ގެ ނުބައިބައި ރޯލުން، ވަރަށް ތަފާތު ގޮތަކަށް އަކްޝޭ ކުމާރު ވެސް ފެނިގެން ދާނެ އެވެ.
މި ފިލްމަކީ 2010 ވަނަ އަހަރު ރަޖްނީކާންތާއި އައިޝްވާރިއާ ރާއީ ކުޅުނު ފިލްމް "ރޮބޮޓް" ގެ ދެވަނަ ބައެވެ.