ބަންގީގެ އަޑަަށް ފަތިހު ހޭލެވޭތީ ރުޅިގަދަވެގެން އިންޑިއާގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ސޯނޫ ނިގާމް ކުރި ޓްވީޓްތަކުގެ މައްސަލައެެއް ހޫނުވެފައި ވަނިކޮށް، އެ މައްސަލަ ބަލައި ދޭން އެދި ޕޫނޭގެ ކޯޓަކަށް ހުށަހަޅައިފި އެވެ.
ޕޫނޭގެ އޭއެސް ޕަންސަރޭ ކޯޓަށް މައްސަލަ ވެއްދީ ހެމަންތު ޕަޓިލް އާއި އަންވަރު ޝެއިހް ކިޔާ މީހެކެވެ.
އެ މީހުން ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ސޯނޫ ނިގާމް ބަންގި އަށް އިޝާރާތްކޮށް ދެއްކި ވާހަކަތަކީ އިސްލާމް ދީނަށް ފުރައްސާރަ ކުރުން ކަމަށާއި އެއްވެސް ދީނަކަށް ފުރައްސާރަކޮށް، ފާޑު ކިޔުމުގެ ހައްގު އެއްވެސް މީހަކަށް ލިބިފައި ނުވާ ކަމަށް ބުނެ އެވެ.
މި މައްސަލާގައި އޭނާގެ މައްޗަށް ގާނޫނުލްއުގޫބާތުގެ ތިން މާއްދާއެއްގެ ދަށުން ފިޔަވަޅު އަޅައި ދިނުމަށް ވެސް ކޯޓްގައި އެދިފައިވެ އެވެ.
މައްސަލައިގެ އަޑު އެހުމެއް މިހާރު ވަނީ މި މަހުގެ 28 އަށް ކޯޓްގައި ތާވަލް ވެސްކޮށްފަ އެވެ.
ސޯނޫ ކުރި ޓްވީޓްތަކެއްގައި ބުނީ އޭނާގެ ގެ ކައިރީ ހުންނަ މިސްކިތަކުން ލައުންޑްސްޕީކަރު ބޭނުންކޮށްގެން ފަތިހު ބަންގި ގޮވާތީ، ވަރަށް ބޮޑަށް އުނދަގޫވާ ކަމަށާއި އެއީ ގަދަ ބާރުން ދީނަކަށް ގޮވާލުން ކަމަށެވެ.
God bless everyone. I'm not a Muslim and I have to be woken up by the Azaan in the morning. When will this forced religiousness end in India
— Sonu Nigam (@sonunigam) April 16, 2017
އަދި ލައުޑްސްޕީކަރު ބޭނުންކޮށްގެން އިންޑިއާގައި ބަންގި ދިނުން ހުއްޓުވަން ޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.
ސޯނޫ އަދި ބުނީ މިސްކިތްތަކާއި ފައްޅިތަކާއި ދީނީ ހަރަކާތްތައް ހިންގާ އެހެން ތަންތަނުން ވެސް ލައުޑްސްޕީކަރު ބޭނުންކޮށްގެން އާމްމުންނަށް ދޫކޮށްގެން ނުވާނެ ކަމަށެވެ.
އޭނާގެ މި ވާހަތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވެފައިވެ އެވެ.
އަދި ދީނީ މީހަކު ސޯނޫގެ ބޯ ބާލުވައި، އޭނާގެ ކަރުގައި ފައިވާނުން ހަދާފައި އޮތް ފައްޗެއް އަޅުވައިގެން މަގުމަތީގައި ހިނގުވައިފި ނމަަ، އެ މީހަކަށް ދިހަ ލައްކަ ރުޕީސް ދޭނެ ކަމަށް ބުންޏެވެ.
މމިކަމާ ގުޅިގެން ސޯނޫ ވަނީ މީޑިއާ ކުރިމަތީގައި އަމިއްލަ އަށް ބޯ ބާލައިފަ އެވެ.