Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު

ޔާމީންގެ ގާތިލުން ހޯދައި، އަދަބު ދޭން އައިބީ ގޮވާލައްވައިފި

ރޭގެ ވަގުތެއްގައި އަނިޔާވެރި ގޮތަކަށް މަރާލި ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ ހާދިސާ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެ އަމަލު ހިންގި މުޖުރިމުންނަށް އަބަދު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހީމްދީދީ (އައިބީ) ގޮވާލައްވައިފި އެވެ.

ޔާމީން ވެސް ނިސްބަތްވާ ދާއިރާގެ މެމްބަރު އޭނާގެ ފޭސްބުކް ސްޓޭޓަސްއެއްގައި ވަނީ ޔާމީންގެ އާއިލާ އަށް ކެތްތެރިކަން ދެއްވުމަށް ވެސް އެދިވަޑައިގެންފަ އެވެ.

"މި އަމަލު އަޅުގަނޑު ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. އަދި މިފަދަ ރަހުމް ކުޑަ ނާތަހުޒީބު އަމަލުތައް ހިންގާ ފަރާތްތައް ހޯދައި، މުޖުރިމުންނަށް ހައްގު އަދަބު ދިނުމަށް ކަމާބެހޭ މުއައްސަސާތަކަށް ހަރު އަޑުން ގޮވާލަން،" އައިބީ ވިދާޅުވި އެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ވަޒީފާ އަދާ ކުރަމުން ދިޔަ އުމުރުން 29 އަހަރުގެ ޔާމީނަކީ ފޭދޫ ޗަނބޭލީގެ ޒުވާނެކެވެ.

ޔާމީންގެ ޖަނާޒާ މިއަދު އަސުރު ނަމާދަށް ފަހު ހުޅުމާލޭގައި ބާއްވައި، އޭނާގެ ހަށިގަނޑު މިހާރު ވަނީ ވަޅުލައިފަ އެވެ.

ޔާމީންގެ މަރާލުމާ ގުޅިގެން އައްޑޫގެ ވަރަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކޮށް، އެ އަނިޔާވެރި އަމަލު ހިންގި ގާތިލުން އިންސާފުގެ ކުރިމައްޗަށް ގެންނަން ގޮވާލަމުންނެވެ.