މި މަހުގެ ފަހެއްގައި ރިލީޒްކޮށް، އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު ޑާކް ރެއިން އެންޓަޓައިންމަންޓްގެ ފިލްމް "މީ ލޯތްބަކީ" އަންނަ މަހު އައްޑޫގައި އަޅުވަން ނިންމައިފި އެވެ.
"މީ ލޯތްބަކީ" އައްޑޫގެ ދެ ރަށެއްގައި އަޅުވާނެ ކަމަށް ޑާކް ރެއިނުން ބުންޏެވެ.
އެގޮތުން މަރަދޫ ބޮޑޮގެ އާއި ހިތަދޫގައި ހުންނަ އިވްރިވަންސް ލާނިންސް ސެންޓަރު (އީލްއެލްސީ) ގައި ފިލްމް ދައްކަން ވަނީ ހަމަޖައްސައިފަ އެވެ.
ބޮޑޮގޭގައި ފިލްމްގެ ހަތަރު ޝޯ ދައްކަން ނިންމާފައިވާ އިރު، ޝޯތައް ދައްކާނީ އަންނަ މަހުގެ 10، 11، 12 އަދި 13 ގަ އެވެ.
ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ އައްޑޫގައި "މީ ލޯތްބަކީ" އަޅުވަނީ އައްޑޫގެ ވަރަށް ގިނަ ބައެއްގެ ފަރާތުން ފިލްމް އަޅުވައި ދޭން އެދެމުން އަންނާތީ ކަމަށެވެ.
"ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އައްޑޫން ރެކްއެސްޓްތައް އެބަ އާދޭ ފިލްމް އަޅުވައި ދޭން އެދި،" އޭނާ ބުންޏެވެ. "އައްޑުއަކީ ބޮޑު އާބާދީއެއް ވެސް އޮތް ތަނަކަށްވާތީ އަޅުގަނޑުމެން ވެސް ވަރަށް ބޮޑު އިސްކަމެއް ދެން އަބަދު ވެސް އައްޑޫގައި ފިލްމްތައް އަޅުވަން."
މޮގާ ބުނީ "މީ ލޯތްބަކީ" ގެ ޝޯތަކަށް އައްޑޫން ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
އައްޑޫގައި ދައްކާ ޝޯތަކުގެ ޓިކެޓް ހޯދުން 7955243 އާއި 7845584 ނަމްބަރަށް ގުޅައިގެން ހަމަޖެއްސޭނެ އެވެ.
ފިލްމުގެ ޓިކެޓް ވިއްކާނީ 100ރ. އަށެވެ.
"މީ ލޯތްބަކީ" އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ ރޮމޭންޓިކް ކޮމެޑީ އެވެ. މީގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ޗިއްޕެ އާއި މޮގާގެ އަންހެނުން އައިޝަތު ފުއާދު ތައުފީގެވެ.
ބޮޑު ކާސްޓެއް ފެނިގެންދާ މި ފިލްމުގެ ލީޑް ރޯލް ކުޅެފައި ވަނީ ޖުމައްޔިލް ނިމާލާއި މަރިޔަމް އައްޒަ އެވެ.
ޑާކް ރެއިނުން މިދިޔަ އަހަރު ރިލީޒް ކުރި "ވާށޭ މަށާއެކީ" ވެސް އައްޑޫގައި އަޅުވާފައިވެ އެވެ.