Last Updated: November 24, 21:27
Sunday, November 24, 2024
ޚަބަރު

ކައުންސިލް އިންތިހާބަށް ފުލުހުން ތައްޔާރު: ހަމްދޫން

އަންނަ މަހުގެ ހައެއްގައި ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ފުރިހަމަ އަށް ތައްޔާރުވެފައިވާ ކަމަށް އިންތިޚާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަންގެ ކޮމާންޑަރު އަދި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަމްދޫން ރަޝީދު ވިދާޅުވެއްޖެ އެވެ.

ޙަމްދޫން ވިދާޅުވީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ވާންޖެހޭ ތައްޔާރީތައް ވެފައިވާ ކަމަށާއި އިންތިޚާބާއި ގުޅިގެން އަތޮޅުތަކަށް ދާ ފުލުހުންގެ ޓީމްތައް މި މަހުގެ 30 ވަނަ ދުވަހު ފުރުވާލެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ އަތޮޅުތަކަށް މާލޭން ދާ ފުލުހުންނަކީ އެ އަތޮޅުތަކުގައި މަސައްކަތް ކުރާ ފުލުހުންނާއި ގުޅީގެން އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ބައިވެރި ވާނެ ފުލުހުން ކަމަށެވެ.

"މި ފުލުހުންގެ ތެރެއިން ބައެއް ޕޮލިސް ސްޓޭޝަން ހުންނަ ރަށްރަށުގައި މަސައްކަތް ކުރާ ފުލުހުންނާއި ގުޅިގެން ރަށުތެރެ ޕެޓްރޯލްކޮށް ރަށުތެރެ އަމާން ކުރުމަށް މަސައްކަތްތަކެއް ކުރަމުން ދާނެ،" ހަމްދޫން ވިދާޅުވި އެވެ. "އަދި އިންތީޚާބާއި ގުޅިގެން ވެފައިވާ ތައްޔާރީތަކުގެ ތެރެއިން ސަލާމަތީ ކަންކަމުގައި ހަރަކާތްތެރިވާ ހުރިހާ ފުލުހުންނަށް ބޭނުންވާ ތަމްރީނުތަކައި ވިސްނަން ޖެހޭ ކަންކަމާ ގުޅޭ ގޮތުން މިހާރު ވަނީ ކުލާސްތައް ކުރިއަށް ގެންގޮސްފައި."

އޭނާ އަދި ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބަކީ ރާއްޖޭގައި ބާއްވާ ބޮޑު އިންތިޚާބަކަށްވާ އިރު އަދި މިއީ އެންމެ ގިނަ ކެންޑިޑޭޓުން ހަރަކާތްތެރިވާ އިންތީޚާބަށްވާތީ އިންތިޚާބު އަމާންކަމާއި އޮމާންކަމާ އެކު ކުރިއަށް ގެންދިޔުމަށްޓަކައި ގިނަ މަސައްކަތްތަކެއް މިހާތަނަށް ކުރެވިފައިވާ ކަމަށެވެ.

އިންތިޚާބު އަންނަ މަހުގެ 6 ވަނަ ދުވަހު ބާއްވާ އިރު މެއި 5 ވަނަ ދުވަހުގެ ރޭ ފުލުހުން އޮޕަރޭޝަނަލް ހާލަތަށް ގެނެވި ސަލާމަތީ ކަންކަން މިހާރަށް ވުރެ ވަރުގަދަ ކުރުމަށް ފަހު ފުލުހުން ހަރަކާތްތެރި ވަމުން ދާނެ ކަމަށް ހަމްދޫން ވިދާޅުވި އެވެ.

"އިންތީޚާބާއި ގުޅިގެން ސަލާމަތީ ކަންކަމުގައި ހަރަކާތްތެރިވާ ފުލުހުން އަންގާ ގޮތުގެ މަތިން އަމަލު ކުރުމަށާއި މަސްލަހަތު ނަގާ ނުލައި ސުލްހަވެރިކަމާ އެކު އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިޔުމަށް އެދެން،" ހަމްދޫން ވިދާޅުވި އެވެ. "އަދި އިންތިޚާބު އަމާން އޮމާންކަމާ އެކު ކުރިއަށް ގެންދިޔުމުގައި ހުރިހާ ރައްޔިތުންގެ ފަރާތުން އެއްބާރުލުން ދެއްވުމަށް އިލްތިމާސް ކުރަން."