އައްޑޫގައި ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ދާއިރާއިން ތަމްރީން ޕްރޮގްރާމެއް ހިންގައި ދޭނެ ބަޔަކު ހޯދަން އައްޑޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީން އިއުލާންކޮށްފި އެވެ.
ފުޑް އެންޑް ބެވެރޭޖް ހައުސްކީޕިން އެންޑް ފްރަންޓް އޮފީސް ހިމެނޭ ގޮތަށް ޕްރޮގްރާމް ރާވައި ހިންގައި ދޭން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 5 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
މި ޕްރޮގްރާމަކީ ދެ ހަފުތާގެ މުއްދަތަށް 20 ޒުވާނަކަށް ފުރުސަތު ދީގެން ހިންގަން ހަމަޖެހިފައިވާ ޓްރޭނިން ޕްރޮގްރާމެކެވެ.
އަންހެނުންގެ ކޮމިޓީން ބުނީ ޕްރޮގްރާމް ހިންގައި ދޭން ހުށަހަޅާ އިރު ކޯސް ހިންގާ އިންސްޓިޓިއުޓާއި ކޯސް ނިމޭ އިރު ދަރިވަރުންނަށް ހާސިލްވާނޭ މިންވަރާއި ކޯސް ކުރިޔަށް ގެންދާނެ ގޮތާއި ކޯހުގެ މުއްދަތު އަދި ކޯސް ހިންގައި ދޭނެ އަގު ބަޔާން ކުރަން ވާނެ ކަމަށެވެ.
މި ޕްރޮގްރާމް ހިންގާނެ ބަޔަކު ހޮވާނީ މާކްސް ދީގެންނެވެ.
އެގޮތުން އަގަށް 40 ޕަސަންޓް، ތަޖުރިބާ އަށް 30 ޕަސަންޓް އަދި ހުށަހެޅުމަށް 30 ޕަސަންޓެވެ.
އަންހެނުން ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީން ބުނީ މެއި މަހުގެ ފަސް ވަނަ ދުވަހުގެ ހެނދުނު 11:00 ގެ ފަހުން ގެންނަ ޕްރޮޕޯސަލްތައް ބަލައި ނުގަންނާނެ ކަމަށެވެ.