އެންއެޗް 10 އާއި ދާދި ފަހުން ރިލީޒް ކުރި ފިލޯރީ އަށް ފަހު، ބަތަލާ އަނުޝްކާ ޝަރްމާ ޕްރޮޑިއުސް ކުރާ އާ ފިލްމުގެ ނަމާއި ލީޑް ކާސްޓް އިއުލާންކޮށްފި އެވެ.
އަނުޝްކާގެ ކްލީން ސްޓޭޓް ފިލްމްސް އާއި ކިރިއާޖް ގުޅިގެން މި ފަހަރު ގެނެސް ދޭން ނިންމާފައިވާ ފިލްމަކީ "ޕަރީ" އެވެ.
ފިލްމުގެ ލީޑް ރޯލުން ފެނިގެން ދާނީ އަނުޝްކާ އާއި "ކަހާނީ" ފަދަ ފިލްމްތަކުން ފެނިގެން ދިޔަ ބެންގާލީ އެކްޓަރު ޕަރަމްބްރަޓާ ޗެޓަޖީ އެވެ.
"ޕަރީ" ޑައިރެކްޓް ކުރަން ހަމަޖެހިފައި ވަނީ އަލަށް ޑައިރެކްޝަނަށް ނިކުންނަ ޕްރަސީތު ރޯއި އެވެ. މީގެ ޝޫޓިން އަންނަ ޖޫން މަހުގެ ތެރޭގައި ފަށަން ވަނީ ނިންމައިފަ އެވެ.
"ޕަރީ" އާ ބެހޭ ގޮތުން އަނުޝްކާ ބުނީ އޭނާގެ އެންމެ ބޮޑު ބޭނުމަކީ ރަނގަޅު ވާހަކަތަކެއް ސްކްރީނާ ހަމަައަށް ގެނެސް، ހުނަރުވެރި މީހުންގެ ހުނަރުތައް ދައްކައިލުން ކަމަށެވެ.
"ފިލްމުގެ އެންމެ މުހިއްމު އެއްޗަކީ ސްކްރިޕްޓް. އެހެންވެ އަހަރެން އަބަދު ވެސް ބަލާނީ އެހެން ހުރިހާ ކަމަކަށް ވުރެ ބޮޑަށް ރަނގަޅު އަދި ވަރުގަދަ ސްކްރިޕްޓްތަަކަށް ފިލްމް ހަދަން،" 2008 ގައި "ރަބް ނެ ބަނާދީ ޖޯޅީ" އިން ބޮލީވުޑަށް ނިކުތް ބަތަލާ ބުންޏެވެ.
ޕަރަމްބްރަޓާ ބުނީ އަނުޝްކާއާ އެކު މަސައްކަތްކޮށްލަން ލިބުން ވަރަށް އުފާވެއްޖެ ކަމަށާއި މިއީ ސަޅި ތަޖުރިބާއަކަށް ވާނެ ކަމަށެވެ.
"ޕަރީ" ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
އަނުޝްކާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ޝާހްރުކް ހާނާ އެކު ކުޅެފައިވާ އިމްތިއާޒް އަލީގެ އަދި ވަކި ނަމެއް ދީފައި ނުވާ ފިލްމުންނެވެ.
އޮގަސްޓްގައި ރިލީޒް ކުރާ އެ ފިލްމުގެ ވާކިން ޓައިޓްލްއަކީ "ރިންގް" އެވެ.