1. ހަށިގަނޑު ހައިޑްރޭޓް ކޮށްދޭ
ކުރުނބާ ފެނަކީ ވަރަށް އަވަހަށް ހަށިގަނޑުގެ ތެރެއަށް ދަމައިގަނެވޭ ފެނެކެވެ. އެހެންކަމުން އާދައިގެ ފެނަށްވުރެ ކުރުނބާ ފެން ހަށިގަނޑު މާބޮޑަށް ހައިޑްރޭޓް ކޮށްދެއެވެ.
މީގެ އުތުރުން ކުރުނބާ ފެނުގައި ހިމެނިގެންވާ ޤުދުރަތީ މިނަރަލް ސޯލްޓްތަކުގެ ސަބަބުން ބަނޑު ތެރެއަށް ފެން ދަމައިގަންނަ މިންވަރު އަވަސްވެގެން ދެއެވެ. ގިނައިން ހޮޑުލެވި ބޭރަށް ހިނގާ މީހުންނަށް އާދައިގެ ފެނަށްވުރެ ރަނގަޅީ ކުރުނބާ ފެނެވެ.
އެއީ ހަށިގަނޑުން ގެއްލިގެންދާ ފްލުއިޑްތައް އަލުން ލިއްބައިދިނުމަށެވެ. މީގެ އިތުރުންވެސް ކުރުނބާގެ ވަހަކީ ވަރަށް މަޑު ވަހަކަށް ވުމުން، ހޮޑުލަވާ މީހަކަށް އެ ވަސް ތަހައްމަލް ކުރަން ފަސޭހަވާނެ އެވެ. މީގެ އިތުރުންވެސް ހަށިގަނޑުން ވަރަށް ގިނަ ލޭ ގެއްލިފައިވާ މީހުންނަށާއި މާބަނޑު އަންހެނުންނަށްވެސް ކުރުނބާ ފެން ބޯން ދެއެވެ.
2. އިލެކްޓްރޮލައިޓްތައް ލިއްބައިދޭ
އެއް ޖޯޑު ކުރުނބާ ފެނުގައި 600 މިލިގްރާމް އަށްވުރެ ގިނައިން ޕޮޓޭސިއަމް އާއި، 250 މިލިގްރާމް އަށްވުރެ ގިނަ ސޯޑިއަމް އާއި، ގާތްގަނޑަކަށް 60 މިލިގްރާމް ޕޮޓޭސިއަމް އާއި 58 މިލިގްރާމް ކެލްސިއަމް އަދި 48 މިލިގްރާމް ފޮސްފަރަސް ހިމެނެއެވެ.
ސޯޑިއަމް، ޕޮޓޭސިއަމް އަދި މެގްނީސިއަމް ފަދަ އިލެކްޓްރޮލައިޓްތަކަކީ ހަށިގަނޑުގެ މަސްލް ފައިބާތަކާއި ނާރު ސެލްތަކުގައި އިލެކްޓްރިކަލް އެކްޓިވިޓީ ރަނގަޅަށް ރެގިއުލޭޓް ކުރުމުގައި އެހީތެރިވެދޭ އެއްޗެހި އެވެ.
ކުރުނބާ ފެނުގައި ޤުދުރަތީ ގޮތުން އެ އިލެކްޓްރޮލައިޓްތައް ހިމެނިގެންވާތީ، ހަށިގަނޑުން އެއްވެސް އިލެކްޓްރޮލައިޓެއް މަދުވެއްޖެ ނަމަ ވަގުތުން ކުރުނބާ ފެން ބުއިން ރަނގަޅެވެ. މީގެ އިތުރުން ހަށިގަނޑަށް ގިނައިން އިލެކްޓްރޮލައިޓްތައް ލިބުމަކީ ލޭމައްޗަށް ދާ މިންވަރުވެސް ދަށްކޮށްދޭ ކަމެކެވެ.
3. ކިޑްނީއަށް ރަނގަޅު އެއްޗެއް
ސޯޑިއަމް ގިނައިން އެކުލެވިގެންވާ އެއްޗެހި ކެއުމަކީ ކިޑްނީ އަށް ވަރަށް ޕްރެޝަރު ބޮޑު ކުރުވާ ކަމެކެވެ. އެއީ ގިނައިން ސޯޑިއަމް ހުންނަ އެއްޗެހި ކެއުމުން ހަށިގަނޑުގެ ޓިށޫތަކާއި ކެވިޓީތަކުގައި ގިނަ އަދަދަކަށް ފެން ހަރުލައެވެ.
އޭގެ ސަބަބުން ކިޑްނީތަކުގެ މަސައްކަތަށް ބުރޫ އަރައެވެ.
ކުރުނބާ ފެނުގައި ހިމެނޭ ޑައިޔުރެޓިކް އެއް ކަމަށްވާ ޕޮޓޭސިއަމް އަކީ ސޯޑިއަމްގެ އަސަރުތައް ނައްތާލާ އެއްޗެކެވެ. މީގެ އިތުރުން ކުރުނބާ ފެނަކީ ކިޑްނީ ހިލަތަކަށް ވެސް އޮތް ފަރުވާ އެއް ކަމަށް ވަނީ ސާބިތުވެފައެވެ. ކިޑްނީ ރަނގަޅަށް މަސައްކަތް ކުރާނަމަ އޭގެ މާނަ އަކީ ބޮޑުކަމުދިއުމުގެ ނިޒާމް ވެސް އިތުރަށް ރަނގަޅުވާނެ ކަމެވެ.
4. ދިފާޢީ ނިޒާމް ވަރުގަދަ ކޮށްދިނުން
ކުރުނބާ ފެނުގައި ލޯރިކް އެސިޑް ހިމެނެއެވެ. އެއީ އުރަމަތީ ކިރުގައި ވެސް ހިމެނޭ އެއްޗެކެވެ. ލޯރިކް އެސިޑް އަކީ ފަންގައި، ބެކްޓީރިއާ އަދި ވައިރަސްތަކާއި ދެކޮޅަށް ހަނގުރާމަ ކުރުމުގައި އެހީތެރިވެދޭ އެއްޗެކެވެ.
ހަށިގަނޑުގައި ލޯރިކް އެސިޑް މޮނޮލޯރިން އަށް ބަދަލުވެއެވެ.
މޮނޮލޯރިން އަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމް ވަރުގަދަ ކޮށްދޭ އެންޓިމައިކްރޯބިއަލް މާއްދާތައް ހިމެނޭ އެއްޗެކެވެ. މީގެ އިތުރުން ކުރުނބާ ފެން ބުއިމުން ބަނޑުގައި އުފެދޭ ފަނީގެ މައްސަލަ ވެސް ހައްލުވެ އެވެ.
5. ބަނޑުގެ މައްސަލަތައް ރަނގަޅުކޮށް ހަޖަމު ކުރުމުގެ ނިޒާމު ފަސޭހަކޮށްދޭ
ގޭސްޓްރޯއިންޓެސްޓިނަލް މައްސަލަތަކުގެ ސަބަބުން އާންމުކޮށް ބަނޑުގެ ވަށައިގެންވާ ފަށަލައިގައި އިންފްލެމޭޝަން އުފެދެ އެވެ. އޭގެ ސަބަބުން ކާހިތް ނެތުމާއި، ގޭހުގެ ސަބަބުން ބަނޑު ބޮޑުވުމާއި ހޮޑުލަވާ ގޮތް ވާނެ އެވެ.
މީގެ އިތުރުން ހަށިގަނޑުން ގިނަ މިނަރަލްތަކާއި އިލެކްޓްރޮލައިޓްތައް ވެސް ގެއްލިގެން ދާނެ އެވެ. ގޭސްޓްރޯއިންޓެސްޓިނަލް މައްސަލަތަކުގައި ބަނޑުގެ ވަށައިގެންވާ ފަށަލަ އިންފްލެމޭޓް ވުމުގެ ސަބަބުން، ފަސޭހައިން ހަކުރާއި ފެން ބަނޑަށް ދަމައިނުގަނެވޭނެ އެވެ.
ކުރުނބާ ފެނަކީ އެންޓިބެކްޓީރިއަލް މާއްދާތައް އެކުލެވިގެންވާ އެއްޗެކެވެ. އެހެންކަމުން ކުރުނބާ ފެން ބުއިމުން އިންފްލެމޭޓް ވެފައިވާ މިންވަރު ކުޑަވެއެވެ. އަދި ހަމަ އެހެންމެ ކުރުނބާގައި ވާ ލޯރިކް އެސިޑްގެ ސަބަބުން ބަނޑު ތެރޭގައި އުފެދިފައިވާ އިންފެކްޝަންތައް ވެސް ރަނގަޅުވެގެން ދެއެވެ.
6. ބަރުދަން ލުއިކޮށްދޭ
ކުރުނބާ ފެނަކީ ސީދާ ގޮތުން ބަރުދަން ލުއިކޮށްދޭ އެއްޗަކަށް ނުވިނަމަވެސް، އޭގެ ސަބަބުން ހަށިގަނޑަށް ކުރާ އަސަރުތަކަކީ ބަރުދަން ލުއިކޮށްދޭ ކަންތައްތަކެވެ. އެގޮތުން އެއް ތަށި ކުރުނބާ ފެން ބޯލުމުންވެސް ބަނޑު ފުރޭނެ އެވެ. އެއިރުން އެހެނިހެން އެއްޗެހި ބޭކާރު ގޮތުގައި ކާހިތް ނުވާނެ އެވެ.
ކުރުނބާ ފެނުގައި ހިމެނޭ ފައިބާގެ ސަބަބުން ވެސް ގިނައިރު ވަންދެން ބަނޑު ފުރިފައި ހުރެއެވެ. އަދި އެ ފައިބާގެ ސަބަބުން ހަޖަމު ކުރުމުގެ ނިޒާމަށްވެސް ބޮޑު ލުއެއް ލިބެއެވެ. ކެއުމުގެ ކުރިން އެއް ތަށި ކުރުނބާ ފެން ބުއިމަކީ ކާ ގަޑީގައި މަދުން ކެވޭނެ ގޮތެކެވެ. އަދި ކަސްރަތު ކުރުމަށްފަހު ކުރުނބާ ފެން ބުއިމަކީ ހަށިގަނޑު ރީހައިޑްރޭޓްވެ، ހަށިގަނޑަށް އިލެކްޓްރޮލައިޓްތައް ލިއްބައިދޭ ކަމެކެވެ.
ކަސްރަތަށްފަހު ހަކުރު އަޅާފައި ހުންނަ ބުއިންތައް ބުއިމަށްވުރެ ތާޒާ ކުރުނބާ ފެން ބުއިން މާ ރަނގަޅެވެ.
7. ހަންގަނޑު ދުޅަހެޔޮކޮށްދީ ރީތިކޮށްދޭ
މުޅި ހަށިގަނޑު ހައިޑްރޭޓް ވާނަމަ އޭގެ މާނަ އަކީ ހަށިގަނޑުގެ އެންމެ ބޮޑު ގުނަވަން ކަމަށްވާ ހަންގަނޑަށް ވެސް ވަރަށް ގިނަ ފައިދާތަކެއް ލިއްބައިދޭނެ ކަމެވެ.
އެގޮތުން ކުރުނބާ ފެނުގެ ސަބަބުން ހަށިގަނޑު ރަނގަޅާށް މޮއިސްޗުރައިޒް ވެފައި ހައިޑްރޭޓް ވެފައި ހުރެއެވެ.
އާދަވެގެން ދާއިމީ ގޮތެއްގައި ކުރުނބާ ފެން ބޯނަމަ ހަންގަނޑުގެ ޖުމްލަ ގޮތެއްގައި ދުޅަހެޔޮވެ ރީތި ވާނެ އެވެ.