Last Updated: November 26, 16:25
Tuesday, November 26, 2024
ޚަބަރު

ޔާމީންގެ ތަހުގީގަށް ބޭރުގެ އެހީ އެބަ ހޯދަން: ޕޮލިސް

އަނިޔާވެރި ގޮތަކަށް މަރާލި ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ބޭރުގެ އެހީ ހޯދަމުންދާ ކަމަށާއ، އެ މައްސަލައިގައި މިހާތަނަށް ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފޭދޫ ޗަނބޭލީގޭ ޔާމީން، 29، މަރުގެ މައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށެވެ.

އެގޮތުން މި މައްސަލައިގައި ތަހުގީގަށް ލިބެމުންދާ ކުރިއެރުންތަކާއެކު ތަހުގީގު ކާމިޔާބު ކުރެވުމުގެ ބޮޑު އުއްމީދު ލިބިފައިވާ ފުލުހުން ވަނީ ބުންޏެވެ.

ފުލުހުން ބުނީ، މި ތަހުގީގުގައި އެއްކުރެވިފައިވާ އަދި ލިބިފައިވާ ހެކި އިތުރަށް ތަހުލީލު ކުރުމަށްޓަކައި ބޭރުގެ އެހީތެރި ކަމަށް އެދި، ޔޫރަޕާއި އާސިޔާންގެ ގައުމުތަކުގެ ކުރިއަރާފައިވާ ފޮރެންސިކް ލެބޯޓްރީތަކަށް ފޮނުވާފައިވާ ކަމަށެވެ.

އެހެންވެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ މި ދަނޑިވަޅުގައި މައްސަލައިގެ ތަހުގީގުގެ ފޯކަސް ބަދަލުކޮށް އެހެނިހެން މަގުސަދުތައް ހިމެނޭ ގޮތަށް ތަހުގީގަށް ހުރަސް އެޅޭ ގޮތަށް އެކި ފަރާތްތަކުން މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެފަދަ މަސައްކަތްތަކުގެ ނަތީޖާއަކީ ގާތިލުންނަށް ފިލައިގެން އުޅުމަށް މަގުފަހިވާނޭ ކަމެއް ކަމަށް ވެސް ފުލުހުން ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެހެންކަމުން އެފަދަ އަމަލުތައް ހުއްޓާލުމަށް ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ.