Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު

ވެމްކޯ އަށް ކުނި ނުނެގޭތީ ކަންބޮޑުވުން އިތުރުވެއްޖެ

މިދިޔަ މަހުން ފެށިގެން އައްޑޫގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ފެށި ނަމަވެސް، ގޭބިސީތަކުން އެކަށީގެންވާ ގޮތަކަށް ކުނި ނުނެގޭތީ އާންމުންގެ ޝަކުވާތައް އަނެއްކާ ވެސް ބޮޑުވެއްޖެ އެވެ.

ފޭދޫން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އޭނާގެ ގެއިން އެންމެ ފަހުން ކުނި ނެގީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.

"އޭގެ ފަހަކުން އަދި ނާދޭ ކުނި ނަގާކަށް. ކުނިތައް އެހެރީ މިހާރު ފުނި ޖެހިފައި. މިކަމާ ހެދި ވަރަށް އުނދަގޫވޭ އެބަ،" އޭނާ ބުންޏެވެ. "ކުނި ނަގަން ނައިސްގެން ގުޅާލީމަ ގޭގެ ނަމާއި ވެރި ފަރާތުގެ ނަން އަހާފައި މިވެނި ދުވަހެއްގައި ދޯއޭ އެންމެ ފަހުން ކުނި ނަގަން ދިޔައީ ކިޔާފައި، ދެން ކުނި ނަގަން ދާނެ ދުވަހެއް ވެސް ބުނެދެނީކީ ނޫން."

އައްޑޫގެ ތަންތަނުން ކުނި ނަގަން ވެމްކޯ އިން ގެނެސްފައި ވަނީ އެންމެ ތިން ކޮމްޕެކްޓް ވެހިކަލެވެ. އޭގެ ތެރެއިން ދޭތި ބޭނުން ކުރަނީ ގުޅިފައިވާ އަވަށްތަކުގަ އެވެ.

އަނެއް ވެހިކަލް ބޭނުން ކުރަނީ ހުޅުމީދޫގަ އެވެ.

"މައްސަލައަކަށްވެގެން މި އުޅެނީ މާލޭގެ ސިސްޓަމަށް މިތަނުގައި ކުނި ނަގަން އުޅޭތީ. ކުޑަ ދެތިން ވެހިކަލް ގެނެސްގެން މި އޮތް ބޮޑު ސިޓީގެ ގޭބިސީތަކުން ކިހިނެއް ކުނި ނަގާނީ؟ މިއީ އަމާ ބުނާތީ ފަރަށް ދާ އުސޫލުން ވެމްކޯ އިން ކުރާ ކަމެއް،" މަރަދޫ މީހަކު ބުންޏެވެ. "މިކަން ކުރެވޭނެ ފެންވަރު ނެތިއްޔާ ރައްޔިތުންނަށް ދުއްތުރާ ނުކުރިއްޔާ މާ ރަނގަޅު ވާނެ. ހަފުތާއަކު ތިން ދުވަހު ކުނި ނަގަން ހަމަޖެހިފައި އޮތަސް، އެ އުސޫލަކުން އެކަމެއް ނުހިނގާ."

ކުބި ނުނެގޭ މައްސަލާގައި ކަންބޮޑުވުން ފާޅު ކުރަމުންދާ މީހުން ބުނާ ގޮތުގައި އައްޑޫގައި ކުރިން ކުނި ނަގަން ގެންގުޅުނު އުސޫލު މިހާރަށް ވުރެ މާ ރަނގަޅެވެ.

"މިހާރު މިވާ ގޮތަކީ ގޭގޭގައި ހުންނަ ގަސްތަކާއި ކެޔޮގަސްތަކާ އެއްޗެހި ކޮށާލާފައި ހުންނަ ކުންޏެއް ނުނެގޭ. ދެން ދަޅާއި ފުޅި ކަހަލަ އެއްޗެހި މި ނަގަނީ." ހިތަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ. "ކުރީގައި ވެއްޖިއްޔާ ލޮރިލޮރީގައި ވެސް ގޭހގޭގައި ހުންނަ ހުރިހާ ކުންޏެއް އެބަ ގެންދޭ. ވެމްކޯ އައުމަކުން ވީ ފަސޭހައެއް ހަމަ ހަރާން."

އެ ކުންފުނިން ބުނި ގޮތުގައި ކުނި ނަގަން ބޭނުން ކުރާ އިތުރު ވެހިކަލްތައް އައްޑު އަށް ވަރަށް އަވަހަށް ގެންނާނެ އެވެ. އަދި އެ ތަކެތި ބޭނުން ކުރަން ފެށުމުން މިހާރު ދިމާވާ މައްސަލަ ކުރިއަށް އޮތް ތަނުގައި ދިމައެއް ނުވާނެ އެވެ.