Last Updated: November 23, 17:46
Saturday, November 23, 2024
ކޮލަމް

ކަދުރު ލިބިއްޖެ، މި ފަހަރު ކަދުރު ބަހާނީ ކާކު؟

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާ ކުރި ވާހަކަ ނުދައްކާ މީހަކު މިހާރު މަދުވާނެއެވެ. އެމީހުން ދައްކަނީ ކަދުރު ލިބުނު ވާހަކައެއް ވެސް ނޫނެވެ. އަދި ކަދުރު ރާއްޖެއަށް ހަދިޔާ ކުރި ސައުދީއަށް ސަނާ ކިޔަނީ އެއްވެސް ނޫނެވެ.

ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އުފައްދަނީ މި ސުވާލުތަކެވެ.

މިފަހަރު ކަދުރު ބަހާނީ ކާކު ހެއްޔެވެ؟ އަދި ކަދުރު އުފުލާނީ ކޮން ލޮރީތަކެއްގައި ހެއްޔެވެ؟

ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މި ސުވާލުތައް އުފައްދަމުން ގެންދާއިރު ފާއިތުވި އަހަރުގެ ރަމަޟާން މަހު ސައުދީ އިން ރާއްޖެއަށް ހަދިޔާކުރި ކަދުރު ބެއްސެވުމުގައި އިސްނެންގެވީ ފަސްޓް ލޭޑީ ފާތިމަތް އިބްރާހީމެވެ. އެކަމަނާގެ ޖަމިއްޔާއިން ކަދުރު ބެހިއިރު އެކަމުގައި މޯލްޑިވްސް ރޯޑް ޑިވޮލަޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)ގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނެވެ. އެގޮތުން ކަދުރު އުފުލާފައި ވަނީ އެމްއާރްޑީސީގެ ލޮރީތަކުގައެވެ.

ފަސްޓް ލޭޑީ ހިންގަވާ ޖަމިއްޔާއަކުން އާއްމުންނަށް ކަދުރު ބެހުމުގައި ހަރަކާތްތެރިވުމުން އެއީ ނުފޫޒުން ހިންގި "ކޮރަޕްޝަންގެ" އަމަލެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރި ނަމަވެސް އޭސީސީއިން ވެސް ވަނީ އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ނެތް ކަމަށް ނިންމާފައެވެ.

މީގެ އިތުރުން ފަސްޓް ލޭޑީގެ ޖަމިއްޔާއިން ކުރެއްވި މަސައްކަތް ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީ އިން ވަނީ ޝުކުރުވެރިކަމާއި އެކު ބަލައިގަތެވެ. ސައުދީ އެމްބަސީން އޭރު ބުނެފައި ވަނީ ފަސްޓްލޭޑީގެ ޖަމިއްޔާއިން ބެހީ ސައުދީ އަރައްބިޔާ އިން ދިވެހިންނަށް ހަދިޔާ ކުރި ކަދުރު ކަމަށާއި އެކަމާ ފަހުރުވެރިވާ ކަމަށެވެ.

އިޖްތިމާޢީ ކަންކަމުގައި ވަރަށް ފުޅާދާއިރާއެއްގައި ހަރަކާތްތެރިވާ "ސޮދަޤާތް ފައުންޑޭޝަން" އިން މިއަހަރު ސައުދީން ހަދިޔާ ކުރި 50 ޓަނުގެ ކަދުރު ބެހުމުގައި ހަރަކާތްތެރިވާނެ ކަމެއް އަދި ނޭނގެއެވެ. އެކަން އެ ޖަމިއްޔާއިން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ކިއުގައި ނުޖެހި ފަސޭހަ އިންތިޒާމުތަކެއްގެ ތެރެއިން ކަދުރު ލިބޭނެ ގޮތް ހަމަޖެހިގެން ދިއުމަކީ، ރައްޔިތުންނަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމެކެވެ. މިދިޔަ އަހަރު އެ ހިތްހަމަޖެހުން ރައްޔިތުންނަށް ހޯދައި ދިނުމަށް އިސްނެގީ "ސޮދަޤާތް ފައުންޑޭޝަން"ގެ ފަރާތުންނެވެ.

މިއަހަރު އިސްނަގާނީ ކޮން ޖަމިއްޔާއަކުން ކަމެއް އަދި ނޭނގެއެވެ. އެހެން ނަމަވެސް ކުރިއަށް އޮތް މަދު ދުވަސްތަކެއްގެ ތެރޭގައި ރައްޔިތުންނަށް ފަސޭހަ ކަމާއި އެކު ކަދުރު ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގައި އިސްނަގާނެ ޖަމިއްޔާއެއް އެނގިގެންދާނެއެވެ.