އިސްލާމިކް މިނިސްޓްރީން އައްޑޫގައި ވަގުފް އިމާރާތެއް އަޅާނެކަން އިއުލާން ކުރިތާ މިހާރު ތިން އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.
އެ ވާހަކަ އެންމެ ފުރަތަމަ ދެއްކެވީ މިހާރު އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރަކަށް ހުންނެވި، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
ވަގުފު އިމާރާތެއް ހިތަދޫގައި އަޅަން ސަރުކާރުން ނިންމިކަން މިނިސްޓަރު އިއުލާން ކުރެއްވީ މާޗް، 25 2014 ގައި ހިތަދޫގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ހުޅުވަން ބޭއްވި ރަސްމިއްޔާތުގަ އެވެ.
މި މަޝްރޫއާ ބެހޭ ގޮތުން 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝަހީމް ވިދާޅުވެފައި ވަނީ އައްޑޫ ވަގުފު އިމާރާތަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) އިން ލިބޭތޯ ބަލަމުން އަންނަ ކަމަށާއި އެ މަޝްރޫއަށް ފަސް މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އޭގެ ފަހުން 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޝަހީމް ވަނީ ވަގުފު އިމާރާތުގެ ބިންގާ މާޗް މަހު އެޅޭނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
އެކަމަކު ފަހުން މިހާރު ތިން އަހަރަށް ވުރެ ގިނަ ދުވަސްވެގެން ދިޔަ އިރު، ވަގުފު އިމާރާތުގެ ވާހަކައެއް ސަރުކާރުން ދައްކާ އަޑެއް ނޫވެ އެވެ.
އެހެން ނަމަވެސް އައްޑޫ ސިޓީ ކައުންސިކުން ވަނީ އެ އިމާރާތް ބިނާ ކުރުމަށް ހިތަދޫން 15،000 އަކަފޫޓްގެ ބިމެއް ވެސް އިސްލާމިކް މިނިސްޓްރީ އަށް ހަމަޖައްސައި ދީފަ އެވެ.
އެއީ ހިތަދޫގައި ހުންނަ ދިރާގުގެ އޮފީސް ކުރިމަތިން އޮތް ހުސް ބިމުންނެވެ.
މިހާރު ސުވާލަކީ މި ވަގުފު އިމާރާތް ނެހެދިގެން އުޅެނީ ނުވަތަ އެތަނިގެ ވާހަކަ ސަރުކާރުން މިހާރު ނުދައްކަނީ އެ މަޝްރޫ އަށް ކައުންސިލުން ހުރަސް އަޅައިގެންތޯ އެވެ. ޔަގީނުން އެ މަގުން އެކަން ހިނގައިފައެއް ނެތެވެ.
މިކަމަށް މަގުފަހިކޮށް ދިނުމުގެ ގޮތުން ކައުންސިލުން މިހާތަނަށް ކޮށްދޭ ޖެހޭ ހުރިހާ ކަމެއް އޮތީ ކޮށްފަ އެވެ. މި މަޝްރޫއާ ގުޅޭ ގޮތުން އައިޑީބީން އައްޑު އަށް ވަޑައިގެންނެވި ޓީމާ އެކު ވެސް ކައުންސިލުން ވަނީ މަސައްކަތްތަކެއްކޮށްފަ އެވެ.
އެހެންވެ މިދިޔަ އަހަރުގެ ތެރޭގައި މި މަޝްރޫއު އަވަަސްކޮށް ދިނުމަށް ވެސް އިސްލާމިކް މިނިސްޓްރީގައި އެދިފަ އެވެ.
ކައުންސިލުން ވަނީ ވަގުފު އިމާރާތް ޑިޒައިން ކުރަން އެސް ޕްލަސް އާކިޓެކްޓްސް 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހު ހަވާލު ވެސްކޮށްފަ އެވެ.