ސިޓީ ކައުންސިލް އުފެއްދި ފަހުން މިހާތަނަށް ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުތަކުގެ ތިން އިންތިހާބު ވެސް ކާމިޔާބުކޮށް، އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވަރުގަދަ ރެކޯޑެއް ހަދައިފި އެވެ.
ސޯބެ ކޮންމެ ފަހަރަކު ވެސް އިންތިހާބުވެވަޑައިގެންފައި ވަނީ ހިތަދޫ އުތުރު ދާއިރާއިންނެވެ. މި ފަހަރު އޭނާއާ އެ ގޮނޑި ވާދަ ކުރީ ފީޕީއެމްގެ ކެންޑިޑޭޓް ޝަފާއަތު މުހައްމަދެވެ.
ތިން ވަނަ ދައުރަކަށް ސޯބެ ކައުންސިލަށް ހޮވިވަޑައިގަތް އިރު، މިހާތަނަށް ކައުންސިލްގެ މޭޔަރުކަން ވެސް ކުރައްވާފައި ވަނީ އޭނަ އެވެ.
މިހާރު އައްޑޫ ކައުންސިލްގައި ތިއްބެވި މެމްބަރުންގެ ތެރެއިން، އިތުރު އެހެން ދެ މެމްބަރަކު ވަނީ ދެ ވަނަ ދައުރަކަށް ހޮވިވަޑައިގެންފަ އެވެ.
އެއީ ހިތަދޫ ދެކުނު ދާއިރާ އަށް ހޮވުނު މުހައްމަދު ޔަސްރިފާއި ފޭދޫ އަށް ހޮވުނު އަލީ ފަހުމީ އަހުމަދެވެ.
މީގެ އިތުރުން ދެން އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ކަމަކީ މުޅި އައްޑޫ ސިޓީ ކައުންސިލްގެ ހުރިހާ ގޮނޑިއެއް އެމްޑީޕީން ކާމިޔާބު ކިރި އިރު، އަންހެން ބޭފުޅަކު ވެސް ކައުންސިލަށް އަލަށް ހޮވިވަޑައިގަތްކަމެވެ.
އެއީ ހިތަދޫ މެދު ދާއިރާ އަށް ހޮވުނު ޖަމްޝީދާ މުހައްމަދެވެ.
އައްޑޫ ސިޓީ ކައުންސިލްގެ އިންތިހާބީ ރެކޯޑަށް ބަލާ އިރު، ތިން އިންތިހާބު ވެސް ކާމިޔާ ކުރީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.
އެހެން ނަމަވެސް ސަރުކާރު ހިންގާ ޕީޕީއެމުން ވަނީ ހުޅުމީދޫ ދާއިރާގެ މިހާރު ކައުންސިލަރު އަލީ މުހައްމަދު (އައްދު) އެ ޕާޓީ އަށް ގެންގޮސްފަ އެވެ. އަދި މި ފަހަރު ޕީޕީއެމްގެ ޓިކެޓްގައި ނިކުތުމުން އޭނާ އަށް ގޮނޑި ކާމިޔާބެއް ވެސް ނުކުރެވުނެވެ.