މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ފުރަތަމަ ފަހަރަށް އައްޑޫ ސިޓީ ކައުންސިލަށް އަންހެން ކައުންސިލަރަކު ހޮވިވަޑައިގެންފި އެވެ.
އެއީ ހިތަދޫ މެދު ދާއިރާ އަށް އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރެއްވި ޖަމްޝީދާ މުހައްމަދެވެ. އޭނާއަކީ އައްޑޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ ވެސްމެ އެވެ.
އައްޑޫ ސިޓީ ކައުންސިލުން ދެ ދައުރު ފުރިހަމަ ކުރި އިރު، މީގެ ކުރިން އިންތިހާބުތަކުގައި ކައުންސިލަށް އަންހެން ކެންޑިޑޭޓަކު ވާދަކުރެއްވީ އެންމެ ފަހަރަކު އެވެ.
އެއީ ކައުންސިލްގެ ދެ ވަނަ ދައުރުގައި ފޭދޫ ދާއިރާ އަށް ހޮވިވަޑައިގަތް ކައުންސިލަރު އަބްދުﷲ އަސްވާން (އަތޯ) ކުއްލި ގޮތަކަށް އަވަހާރަވުމާ ގުޅިގެން 2014 ގައި ބޭއްވި ބައި އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި އީނާ ނަސީރެވެ.
އެ ފަހަރު އީނާ އަށް އިންތިހާބު ކާމިޔާބުކުރެވިފައެއް ނުވެއެވެ.
މިފަހަރުގެ އިންތިހާބުގައި ޖަމްޝީދާގެ އިތުރުން ހިތަދޫ އުތުރު ދާއިރާ އަށް ޕީޕީއެމްގެ ފަރާތުން އަންހެން ކަނބަލަކު ވާދަކުރި އެވެ. އެހެން ނަމަވެސް އެ ދާއިރާގެ އިންތިހާބު ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑިޑޭޓެވެ.
ޖަމްޝީދާ ކައުންސިލަރަކަށް ހޮވިވަޑައިގަތުމައި ގުޅިގެން އޭނާއަށް ތާއިދު ކުރާ ފަރާތްތަކުން ބުނެފައި ވަނީ މިއީ އައްޑޫގެ ކަނބަލުންނަށް ލިބުނު ބޮޑު އުފަލެއް ކަމަށެވެ.