އެކަކު އަނެކަކަށް މަސާޖުކޮށް ދިނުމަކީ ދެމީހުންގެ ޖިސްމާނީ އަދި ނަފްސާނީ ސިއްޙަތު ރަނގަޅުކޮށް، ދެމީ ހުންގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް ދޭނެ ކަމެއް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
އެންމެ ފަހުގެ ހޯދުންތައް ބުނާގޮތުން އެކަކު އަނެކަކަށް މަސާޖު ދިނުމަކީ ގުޅުން އިތުރަށް ހަމަޖެހި، މައްސަލަތަކާއި ކުރިމަތިވާ ވަގުތުތަކުގައި އެކީގައި މަސައްކަތް ކުރުމަށް ފަސޭހަކޮށްދޭ ކަމެއް ކަމަށެވެ.
"މަސާޖު ކުރުމަކީ އެކަކު އަނެކަކު ހިތްހަމަޖައްސައިދީ ޖިސްމާނީ އަދި ނަފްސާނީ ސިއްޙަތު ރަނގަޅު ކުރުމަށްޓަކައި ލޯބިވެރިންނަށް ކުރެވިދާނެ ވަރަށް އާދައިގެ ފަސޭހަ ކަމެއް،" އިނގިރޭސިވިލާތުގެ ނޯތަމްބްރިޔާ ޔުނިވާސިޓީގެ ސަޔޫރީ ނަރޫސް ވިދާޅުވި އެވެ.
މަސާޖަކީ ދެމަފިރިންނަށް ވެސް ވަރަށް ރަނގަޅު ފައިދާތަކެއް ލިއްބައިދޭ ކަމެކެވެ. އެގޮތުން މަސާޖަކީ ދެ މީހުންގެ ސިއްޙަތާއި ކަންބޮޑުވުންތަކަށް ލުއިކަމެއް ގެނެސްދީ، ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެކެވެ.
ޕްރޮފެޝަނަލެއްގެ ކިބައިން މަސާޖެއް ލިބުމުގެ ފައިދާތަކަކީ ކުރިން ވެސް އެނގޭ ކަންތައްތަކެކެވެ.
އެހެން ނަމަވެސް ނަރޫސް ވިދާޅުވާ ގޮތުގައި މި ދިރާސާއިން ވަނީ ހަމަ އެފަދަ ހިތްހަމަޖެހުމާއި ފައިދާތައް ދެމަފިރިން އެކަކު އަނެކަކަށް މަސާޖު ދިނުމުން ވެސް ލިބޭނެކަން ސާބިތުކޮށް ދީފަ އެވެ.
މި ދިރާސާގެ ނަތީޖާތައް އެންމެ ފުރަތަމަ ހުށައެޅީ ބްރައިޓަންގައި ބޭއްވި ބްރިޓިޝް ސައިކޮލޮޖިކަން ސޮސައިޓީސް އެނުއަލް ކޮންފަރެންސް ގައެވެ.
މި ދިރާސާގައި ތިން ހަފްތާގެ މަސާޖު ތާވަލެއް ފުރިހަމަކުރި ޖުމްލަ 38 މީހުން ބައިވެރިވެފައިވާއިރު، ދިރާސާގައި އެމީހުންގެ ސިއްޙަތާއި ބެހޭގޮތުން މަސާޖުގެ ކުރިންނާއި ފަހުން ސުވާލުތަކެއް ކުރެވުނެވެ.
އެ ސުވާލުތައް މައިގަނޑު ގޮތެއްގައި ބިނާކޮށްފައި ވަނީ އެ މީހުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމާއި ސްޓްރެސް އަދި ލޯބީގެ ގުޅުމާ މެދު ހިތްހަމަޖެހޭ މިންވަރާ ބެހޭ ގޮތުންނެވެ.
މަސާޖު ކުރުމަކީ ދެމަފިރިންގެ އާންމު ދިއިރުޅުމުގައި އެކަކު އަނެކަކާއި އެކު ވަގުތު ހޭދަ ކުރާ އިރު، ކުރުން ރަނގަޅު ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ ކަމެކެވެ.