އައްޑޫގައި ޕީޕީއެމަށް އޮތް ހަމައެކަނި ހުރަހަކީ ފޭދޫ ދާއިރާގެ ޕީޕީއެމް މަޖިލިސް މެމްބަރު އިބްރާހީމްދީދީ (އައިބީ) ކަމަށް ބުނާ ވާހަކައަކީ ހަމަ ހަގީގަތުގައި ވެސް ކަން އޮތް ގޮތް ކަމަށް އައްޑޫ ޑެޕިއުޓީ މޭޔަރު އަދި މަރަދޫ ކައުންސިލަރު އަބްދުﷲ ތައްޔިބް (ޓޮމް) ވިދާޅުވެއްޖެ އެވެ.
އޭނާގެ ފޭސްބުކްގައި މިއަދު ވިދާޅުވީ އައްޑޫގެ ތަރައްގީގެ ވަރަށް ގިނަ ކަންކަން ހުއްޓުނީ އަައިބީގެ ސަބަބުން ކަމަށެވެ.
އަދި ލާމަރުކަޒީ ގާނޫނުން އައްޑޫ ސިޓީ ކައުންސިލަށް ލިބިފައިވާ ބާރުތައް ކަނޑުވާލީ ވެސް އައިބީގެ ހިއްސާ އޮވެގެން ކަމަށް ކައުންސިލްގައި ދެ ދައުރު ފުރިހަމަ ކުރެއްވި ޓޮމް ވިދާޅުވި އެވެ.
"އައްޑޫ ކައުންސިލް މެމްބަރުންގެ މުސާރަ ކުޑަކުރުމާއި އައްޑޫގައި އަޅަން ނިންމި ފްލެޓްތައް ހުޅުމާލެ އަށް ބަދަލު ކުރުމާއި އައްޑޫގެ ކޮންވެންޝަން ސެންޓަރު ހަލާކުކޮށްލުމާއި އައްޑޫގެ ހޮސްޕިޓަލް ފަދަ އެތައް ކަމެއް އައްޑޫ ތަމްސީލް ކުރައްވާ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން [އައިބީ] ވަނީ ކުރައްވާފައި،" އޭނާ ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް، އައްޑޫގެ ނަރުދަމާ ނިޒާމް އިފުތިހާ ކުރުމާއި ފޭދޫ އިންޑޯ ކޮމްޕްލެކްސްގެ ބިންގާ އެޅުން ފަދަ ކަންކަން ކުރި ނަމަވެސް، ޕީޕީއެމަށް ވަނީ އައްޑޫ ސިޓީ ކައުންސިލުން އެންމެ ގޮނޑި އަށް ވެސް ނުލިބި ބޮޑު ލަދަކާ ކުރިމަތިލާން ޖެހިފަ އެވެ.
ހާއްސަކޮށް އައިބީގެ މަސައްކަތާ އެކު ފޭދޫ ގޮނޑި އަށް ވާދަ ކުރި ޕީޕީއެމްގެ ކެންޑިޑޭޓް ގޮނޑި ކާމިޔާބު ނުކުރެވުމަކީ އައިބީ ފެއިލްވެފައިވާކަން ވަަރށް ރަނގަޅަށް ސާބިތުވެގެން ދިޔަ ކަމެއް ކަމަށް އައްޑޫގެ ވަރަށް ގިނަ އަންނަނީ ބުނަމުންނެވެ.