ގްރީން ޓީއަކީ ބަރުދަން ލުއިކުރުމަށްޓަކައި ވަރަށް އާންމުކޮށް މީހުން ބޭނުންކޮށް އުޅޭ ބުއިމެކެވެ. އެންމެ ފުރަތަމަ ޗައިނާގައި އުފެއްދި މި ބުއިން ވަނީ މިހާރު އޭޝިއާގެ އިތުރުން މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައެވެ.
ދުނިޔޭގެ އެންމެ ދުވަސްވީ ހާބަލް ޓީގެ ގޮތުގައި ބުނެވޭ ގްރީން ޓީ އަކީ ކާއެއްޗެހި ހަޖަމް ކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. އެހެންނަމަވެސް، ގްރީން ޓީގެ ސަބަބުން ބަރުދަން ލުއިވާ ކަމުގެ މާބޮޑު ހެކިތަކެއް މިހާތަނަށް ފެނިފައި ނުވެއެވެ.
މަދުމަދުން ގްރީން ޓީ ބުއިމަކީ ކޮލެސްޓްރޯލް ލެވެލްތައް ދަށްކޮށްދޭ ކަމެކެވެ. އެގޮތުން ސިއްޙީ މާހިރުން ބުނާ ގޮތުގައި ދުވާލަކު އެއް ޖޯޑު ގްރީން ޓީ ބުއިމަކީ ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކުރުވާ ކަމެކެވެ. އެންމެ ގިނަވެގެން ބޯން ރަނގަޅީ ދެ ޖޯޑު ގްރީން ޓީ އެވެ.
އެހެންނަމަވެސް، ފަސް ޖޯޑު ނުވަތަ އެއަށްވުރެ ގިނައިން ގްރީން ޓީ ބުއިމަކީ ސިއްޙަތަށް ވަރަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމެކެވެ. އެގޮތުން ތިރީގައި މިވާ ސިއްޙީ މައްސަލަތައް ހުންނަ މީހުން ގްރީން ޓީ ބުއިމަކީ ރަނގަޅު ކަމެއް ނޫނެވެ.
1. މާބަނޑު އަންހެނުން
މާބަނޑު އަންހެނުން ނުވަތަ އަވަސް މުސްތަޤްބަލެއްގައި ބަނޑުބޮޑުވާން ބޭނުން އަންހެނުން އެހާ ގިނައިން ގްރީން ޓީ ބޯން ނުވާނެ އެވެ. ކެފެއިން އަކީ ވަރަށް ފަސޭހައިން މައިމީހާގެ ލެއިން ބަނޑުގައިވާ ކުއްޖާގެ ލޭގެ ތެރެއަށް ދައުރުވާ އެއްޗެކެވެ. އަދި ބަނޑުގައިވާ ކުއްޖާގެ ލޭގެ ތެރޭގައި ބޮޑެތި މީހުންގެ ހަށިގަނޑަށްވުރެ ގިނައިރު ކެފެއިން މެޓަބޮލައިޒް ވާން ނަގާނެ އެވެ.
މީގެ ސަބަބުން ދަރިފުޅުގެ ހެދިބޮޑުވުމަށް ހުރަސްއެޅި އިތުރު އެތައް މައްސަލަތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން މާބަނޑު ދުވަސްވަރު ކެފެއިން ހިމެނޭ އެއްވެސް އެއްޗެއް ބޭނުންކުރުމުގެ ކުރިން ޑޮކްޓަރުގެ ލަފާ ހޯދާށެވެ.
2. އެނީމިކް
އެނީމިއާ އަކީ ހަށިގަނޑުގައި ހުންނަންޖެހޭ މިންވަރަށް އަޔަން ނުހުރުމުގެ ސަބަބުން ދިމާވާ މައްސަލައެކެވެ. އެފަދަ މީހުންގެ ގައިގައި ލޭ މަދުވާނެ އެވެ. އެނީމިކް މީހުން ގްރީން ޓީ ބުއިމަކީ އެމީހުންގެ ފުރާނައަށް ގެއްލުން ކުރުވާފަދަ ކަމެކެވެ. އެއީ ގްރީން ޓީގެ ސަބަބުން ކާއެއްޗެހީގައި ހުންނަ އަޔަން ހަށިގަނޑަށް ނަގައިގަނެވޭ މިންވަރު މަދުވެއެވެ. އެހެންކަމުން މީހާގެ ސިއްޙަތު އިތުރަށް ގޯސްވެއެވެ.
3. އިންސޯމްނިއާ
އިންސޯމްނިއާ އަކީ ނިދުމުގައި އުނދަގޫތައް ކުރިމަތިވުމެވެ. ގްރީން ޓީގައި ހިމެނޭ ފިލްޓާޑް ކެފެއިން އަކީ ނިދަން މަގުފަހިކޮށްދޭ ކެމިކަލްތައް ބްލޮކް ކޮށް، ހޯމޯން އެޑްރީނަލިން އުފެއްދުން އިތުރުކޮށްދޭ އެއްޗެކެވެ. އެހެންކަމުން އިންސޯމްނިއާގެ މައްސަލަތަކަށް ފަރުވާ ހޯދަމުންދާ އަދި އެހެނިހެން ނިދުމުގެ މައްސަލަތަކަށް ބޭސްކާ މީހުން ގްރީން ޓީ ބުއިމަކީ ރަނގަޅު ކަމެއް ނޫނެވެ.
4. ހަކުރު ބައްޔާރި ލޭމައްޗަށް ދާ މީހުން
ހަކުރު ބަލި ހުންނަ މީހުންނާއި ލޭމައްޗަށް ދިއުމުގެ މައްސަލަ ހުންނަ މީހުން ގްރީން ޓީ ބުއިމަކީ އެއްގޮތަކަށްވެސް އެދެވިގެންވާ ކަމެއް ނޫނެވެ. ކިތަންމެ މަދުން ގްރީން ޓީ ބުއިމަކީވެސް ހަކުރު ބަލި ހުންނަ މީހުންގެ ހަށިގަނޑުގައި ހަކުރު ހުންނަ މިންވަރަށް ކުއްލި ބަދަލުތަކެއް ގެނެސްދޭ ކަމެކެވެ. އޭގެ ސަބަބުން މެއިން ދިލަ ނެގުމާއި ބޯއަނބުރާ ގޮތް ވާނެ އެވެ. އަދި ގްރީން ޓީ އަކީ އެޑްރީނަލިން އުފައްދައިދޭ އެއްޗަކަށް ވީއިރު، ލޭމައްޗަށް ދާ ބަލިމީހުން ވެސް ގްރީން ޓީ ބުއިމަކީ ރަނގަޅު ކަމެއް ނޫނެވެ.