ހޮރައިޒަން އެކަޑަމީގެ ފަރާތުން އައްޑޫގައި ކުރިއަށްގެންދާ 8 ވަނަ އިންޓަރ އޮފީސް ބެޑުމިންޓަން މުބާރާތުގެ ފައިނަލް މެޗުތައް މިއަދާއި މިރޭ ކުޅުމަށް ހަމަޖެހިފައިވާ އިރު ބޮޑެތި މައްސަލަތައް ފެނަމަތިވެ ޝަކުވާ ގިނަވެއްޖެ އެވެ.
"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުބާރާތުގައި މައްސަލަ އުފެދިފައިވަނީ މިއަދު ހަވީރު ފައިނަލްގައި އެއްކޮޅުން ވާދަކުރާ އައްޑޫ ބެޑްމިންޓަން ކްލަބް (އޭބީސީ)ގެ ކުޅުންތެރިއަކަށް ނުކުޅެވޭ ގޮތް އިންތިޒާމް ކުރާ ފަރާތުން ހެދުމާއި ގުޅިގެންނެވެ.
ހޮރައިޒަން އެކަޑަމީއަށް މިއަދު ހަވީރު ފައިނަލްގައި އަނެއް ކޮޅުން ވާދަކުރާ ފެނަކަ ކޯޕަރޭޝަން ޓީމްގެ ފަރާތުން ހުށަހެޅި މައްސަލައަކާއި ގުޅިގެން އޭބީސީ ޓީމްގެ ފާޠިމަތު ޝައްނާއަށް ވަނީ ނުކުޅެވޭ ގޮތް ހަދާފައެވެ.
ޝައްނައަށް ނުކުޅެވޭނެކަން އަންގައި ހޮރައިޒަންއިން ފޮނުވި ސިޓީގައި ބުނެފައިވަނީ އޭބީސީ ޓީމްގައި ހިމެނޭ ފާޠުމަތު ޝައްނާ ބެޑްމިންޓަން ޖޫނިއަރ ޕޫލްގައި 2000 ވަނަ އަހަރު އަދި 2001 ވަނަ އަހަރު ކުޅުންތެރިއެއްކަން އެކަޑަމީން ހޯދި މައުލޫމާތުން އެނގިފައިވާކަމަށެވެ. އެކަމާއި ގުޅިގެން މުބާރާތުގެ ހިންގާ ކޮމެޓީގެ ބައްދަލުވުމެއް މޭއި 8 ވަނަ ދުވަހު ބޭއްވުމަށްފަހު ކުރިއަށް ހުރި މެޗްތަކުގައި އެކުޅުންތެރިއާއަށް ނުކުޅެވޭނެގޮތް ހަދާފައިވާ ކަމަށެވެ. އަދި އެއެކަޑަމީން ނިންމި ނިންމުން ބަދަލު ނުކުރެވޭނެ ކަމަށާއި އެ ނިންމުމާއި ދެކޮޅު ހަދާނަމަ އޭބީސީ މުބާރާތުން ޑިސްކޮލިފައި ކުރާނެކަމަށެބެ.
"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝައްނާއަކީ ހޮރައިޒަން އެކަޑަމީގެ މުބާރާތުގެ ގަވާއިދުގައި ބުނެފައިވާ ގޮތަށް މި މުބާރާތުގައި ކުޅެވޭނެ ކުޅުންތެރިއެކެވެ، އަދި އެކަން މުބާރާތް އިންތިޒާމް ކުރާ ކޮމެޓީއަށްވެސް ސާފުކޮށް އެނގެއެވެ. ނަމަވެސް ހޮރައިޒަންއިން ބުނީ މައުލޫމާތު އެނގުނު ގޮތެއްވެސް އަދި މިކަމާއި ގުޅޭ މައުލޫމާތެއްވެސް އޭބީސީ ޓީމަކާއި ހިއްސާ ނުކުރާނެކަމަށެވެ.
މި މައްސަލަ ފެންމަތިވުމާއި ގުޅިގެން ރޭ ވަރަށް ލަސްވަންދެން އޭބީސީ ޓީމުން ވަނީ މުބާރާތުގެ އިންތިޒާމް ކޮމެޓީއާއި އިތުރަށް ވާހަކަ ދައްކާފައެވެ. ނަމަވެސް އަދި މިހާތަނަށް އެކަމަށް ހައްލެއް ލިބިފައި ނުވެއެވެ.
މި މުބާރާތުގެ ފިރިހެން އިވެންޓުގެ ފައިނަލުގައި ވެސް ބައްދަލު ކުރަނީ ބައައްޑޫ ބެޑުމިންޓަން ކުލަބު (އޭބީސީ) ގެ ބީ ޓީމާއި ސީ ޓީމެވެ. މިމެޗު ކުޅޭނީ މިރޭގައެވެ.
ބެޑުމިންޓަން އެސޯސިއޭޝަނާއި، ހޮރައިޒަން އެކަޑަމީއާ ގުޅިގެން ބާއްވާ މުބާރާތަކަށްވެފައި މި މުބާރާތުގައި ބޮޑެތި މައްސަލަތައް ހައްލު ނުކުރެވި ހުރުމުގެ ސަބަބުން ގިނަ ކުޅުންތެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެގޮތުން ބައެއް ކުޅުންތެރިން ބުނީ ހޮރައިޒަންއިން މުބާރާތް އިންތިޒާމް ކުރާއިރު އަބަދުވެސް ގަވާއިދު ފަހު ވަގުތު ބަދަލު ކުރާކަމަށާއި، ކުޅިވަރުގެ ރޫހާއި ހިލާފަށް ގިނަކަންކަން ކުރިއަށްގެންދާ ކަމަށެވެ. ނަމަވެސް ހޮރައިޒަންއިން ވަނީ އެފަދ ތުހުމަތުތައް ދޮގުކޮށްފައެވެ.
ސައުތު ރީޖަންގެ އޮފީސްތަކުގެ މުވައްޒަފުންގެ ގުޅުން ބަދަހިކުރުމާއި ބެޑްމިންޓަން ކުރިއެރުވުމުގެ މަގްސަދުގައި ކުރިއަށްގެންދާ މި މުބާރާތުގެ ކުރީގެ މުބާރާތްތަކުގައިވެސް މައްސަލަތައް ކުރިމަތިވެ ކުޅުންތެރިންނާއި އިންތިޒާމް ކޮމެޓީ އާއި ދެމެދު މައްސަލަ އުފެދިފައިވެއެވެ.
އޭބީސީން ބުނީ އެއްވެސް އަސްލެއް ނެތްކަމެއްގައި އެޓީމްގެ ކުޅުންތެރިއަކަށް ނުކުޅެވޭ ގޮތް ހަދުމުގެ ސަބަބުން ޓީމަށާއި ކްލަބަށް އެތައް ގެއްލުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.