މީހަކާ ދިމާލަށް ހެޔޮ ހިތުން ބަލާލައި، ހިނިތުންވެލައިފި ނަމަ، އަނެކާ އަށް ވަރަށް ބޮޑު އުފަލެއް ގެނެސް ދޭނެ އެވެ. އަދި އެ މީހަކާ ދޭތެރޭ ހިތުގައި ލޯބި ވެސް އުފެދެ އެވެ.
ހިނިތުންވެފައި ހުންނަ މީހަކު ފެނިއްޖެ ނަމަ، ކޮންމެ މީހަކު ވެސް ހަމަ އުފާވާނެ އެވެ. އެހެންވެ ތިމާއަކީ އެހެން މީހުންގެ މޫނު މައްޗަށް އުފާވެރިކަން ގެނެސް ދޭ މީހަކަށް ވާށެވެ.
ހިނިތުންވުމަކީ ވެސް ސިއްހީ ގޮތުން ވެސް އެތައް ފައިދާއެއް ލިއްބައިދޭ ކަމެކެވެ.
ފަހުގެ ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ހިނިތުންވެފައި ހުރުމުން މީހާ ޒުވާންކޮށް ދައްކައި ދެ އެވެ.
ސައިކޮނޯމިކް ބްލެޓިން އެންޑް ރިވިއުގައި މިހާރު ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނެފައި ވަނީ އަބަދު ހިނިތުންވެފައި ހުންނަ ނަމަ، ތިމާގެ އަސްލު އުމުރަށް ވުރެ ދެ އަހަރު ހަގުކޮށް ނުވަތަ ޒުވާންކޮށް ދައްކައިދޭ ކަމަށެވެ.
އެހެންވެ އަބަދު ވެސް ހިނިތުންވެފައި ހުރުމަކީ ކޮންމެ މީހަކު ވެސް ބޭނުން ވާނެ ކަމެކެވެ.
މި ދިރާސާ ހެދި ވެސްޓަން ޔުނިވަސިޓީގެ ބްރެއިން އެންޑް މައިންސް އިންސްޓިޓިއުޓްގެ ޑިރެކްޓަރު މެލްވިން ގުޑޭލް ވިދާޅުވީ ހިނިތުންވެފައި ހުރުމަކީ ކަންކަމާ ދޭތެރޭ ރަނގަޅު ނަޒަރަކުން އަބަދު ވެސް ވިސްނުމަށް ވެސް ބާރު އަޅައިދޭ ކަމެއް ކަމަށެވެ.
"އެހެންވެ މީގެ އަސްލު އިމްޕެކްޓް އެންމެ ބޮޑަށް ކުރާނެ ބަޔަކީ ޒުވާނުން،" މެލްވިން ވިދާޅުވި އެވެ.
އޭނާ އަދި ބުނީ ދަތް އުނގުޅާ ބޭހާއި ގައިގެ ހަންގަނޑު ރީތިކޮށްކޮށްދޭ ބާވަތްތައް އުފައްދާ ތަންތަނުގެ މޮޓޯއަކީ ވެސް ކަސްޓަމަރުންނަށް އުފާވެރިކަން ގެނެސްދީ، އެ މީހުންގެ މޫނު މައްޗަށް ހިނިތުންވުން ގެނުވައި ދިނުން ކަމަށެވެ.
"ހަމައެއާ އެއްގޮތަށް އަބަދު ހިނިތުންވެފައި ހުންނަ ނަމަ މޫނު މައްޗަށް އެ އަންނަ ހަރަކާތުގެ ސަބަބުން އުމުރުން ދުވަސްވާ ވަރަކަށް މޫނު މަތީގައި އެ ޖެހޭ ރޫތަކާ އެއްޗެހި ފިލުވައި ދޭން އެބަ ބާރު އަޅާ،" މެލްވިން ބުންޏެވެ. "އޭގެ މާނައަކީ ހިނިތުންވުމުގެ ސަބަބުން މޫނުމަތީގެ ޒުވާންކަން ދަމަހައްޓައި ދެއޭ."