ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) ގެ އެސިސްޓަންޓް މެނޭޖަރުގެ މަގާމުގައި ހުންނެވި މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) އޮފީހަށް ނުނިކުންނަވައި ގޭގައި މަޑު ކުރައްވަން އަންގަވާފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ.
ކުރިން އެމްޑީޕީ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވައި، ފަހުން ޕީޕީއެމާ ގުޅިވަޑައިގެންފައިވާ މޯޑް ވިދާޅުވީ އޮފީހަށް ނުނިކުނަންނަ އަންގާފައި ނެތް ކަމަށެވެ.
"އެއީ ބަޔަކު ސޯޝަލް މީޑިއާގެ ތެރޭގައި ފަތުރައިގެން އުޅޭ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކައެއް،" މޯޑް ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ މިއަދު ވެސް އޮފީހަށް ނުކުންނަވައި، ރަސްމީ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށެވެ.
"އަޅުގަނޑާ ދޭތެރޭ އެއްވެސް ފިޔަވަަޅެއް އެއްވެސް ދިމާއަކުން އަޅަން އުޅޭ ކަމެއް ވެސް އެނގިފައެއް ނެތް. ބަޔަކު ހަމަ ހަގީގަތެއް ނެތް އަޑުތަކެއް ފަތުރަނީ،" އައްޑޫގެ ޕީޕީއެމް ކަންކަމުގައި ވަރަށް އިސްކޮށް އުޅުއްވާ މޯޑް ވިދާޅުވި އެވެ.
އެހެން ނަމަވެސް މޯޑާ ބެހޭ ގޮތުން އެފަދަ ވާހަކަތަކެއް ފެތުރުފައި މި ވަނީ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރަށް އައްޑޫން ލިބުނު ނާކާމިޔާބީއާ ގުޅިގެން އައްޑޫގެ ސިޔާސީ މަގާމުތަކެއް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ގަދަވެފައިވާ ދަނޑިވަޅެއްގަ އެވެ.