ހިތަދޫގައި އިމާރާތް ކުރި ފްލެޓްތައް މި މަހުގެ ތެރޭގައި ހަވާލު ކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނި ނަމަވެސް، އެކަން އަދިވެސް ކުރިއަށް ނުދާތީ ފްލެޓްތަކަށް ކުރިމަތިލި މީހުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.
ހައުސިން މިިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ޒިޔާދު މިދިޔަ މަހު ވިދާޅުވީ ފްލެޓްތައް ހަވާލު ނުކުރެވި އެހާ ބޮޑަށް ލަސްވެގެން ދިޔައީ ފޯމްތަކުގެ އިވެލުއޭޝަނަށް ކުރިން ހީކުރި ވަރަށް ވަރު ގިނަ ވަގުތު ނެގުމުން ކަމަށާއި މެއި މަހުގެ ތެރޭގައި ފްލެޓްތައް ހަވާލު ކުރާނެ ކަމަށެވެ.
އައްޑޫގެ ގުޅިފައިވާ ހުރިހާ އަވަށްތަކުގެ ރައްޔިތުންނަށް ކުރިމަތިލެވޭ ގޮތަށް ހިތަދޫގެ 264 ފްލެޓަށް މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ހުޅުވާލައި، މުއްދަތު ހަމަވި އިރު 585 މީހަކު ވަނީ ފްލެޓްތަކަށް ކުރިމަތިލައިފަ އެވެ.
އެހެން ނަމަވެސް އޭގެ ފަހުން މިހާރު އަހަރެއްހާ ދުވަސްވެފައިވާ އިރު އަދިވެސް ފްލެޓް ހަވާލު ނުކުރެވުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށް ބައެއް މީހުން ބުންޏެވެ.
"މިދިޔަ މަހު މީޑިއާގައި ބުނެފައި އެބަ އޮތް މި މަހު ހަވާލު ކުރާނެ ކަމަށް. އެކަމަކު މަސް ދެބައިވެގެން ދިޔަ އިރު މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އަޅުގަނޑުމެންނަކާ ހިއްސާއެއް ނުކުރޭ،" ހިތަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ފްލެޓަކަށް ކުރިމަތިލި އެހެން މީހަކު ބުނި ގޮތުގައި މިކަމާ އެންމެ ކަންބޮޑުވަނީ ފްލެޓް ލިބޭ އިރު، ބޮޑެތި މަރާމާތުތަކެއް އަލުން ކުރަން ޖެހިފައި ހުރެދާނެތީ އެވެ.
"އެތަންތަން ނިމިފައި ހުންނަތާ ވެސް މިހާރު ލައްކަ ދުވަސްވެއްޖެ. ރަނގަޅަށްވިއްޔާ އެތަންތަން ނުބެލެހެއްޓިގެން މިހާރު ހުންނަނީ ފްލެޓްތަކުގެ ބައެއް ތަންތަން ހަލާކުވެ، މަރާމާތު ވެސް ކުރަން ޖެހިފައި،" އޭނާ ބުންޏެވެ.
މި ފްލެޓްތަކަށް ޑައުންޕޭމަންޓަށް 25،000ރ. ދައްކަން ޖެހެ އެވެ. އަދި މަހު ކުލީގެ ގޮތުގައި 3،000ރ. ދައްކަން ޖެހެ އެވެ.