ބަންޑާރަ ނައިބަށް، ރައްޔިތުންގެ މަޖިލީހާ ދެކޮޅަށް ސުޕްރީމް ކޯޓަށް ވަޑައިނުގެންނެވޭނެ ކަމަށް ވިދާޅުވެ، އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ ނައިބް ލީޑަރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) ރޭ ވިދާޅުވެއްޖެ އެވެ.
އެކަށީގެންވާ ސަބަބެއް ނެތި، ވަޒީރުންގެ އިތުބާރު ނެތް ކަމަށް ފާސްނު ކުރެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ދައުލަތުގެ ބަންޑާރ ނައިބް ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފަ އެވެ.
ރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި އެކަމަށް އިޝާރަތް ކުރައްވައިި ރޮޒޭ ވިދާޅުވީ ބަންޑާރަ ނައިބަކީ، ދައުލަތް ތަމްސީލް ކުރައްވަން ހުންނަވާ ބޭފުޅެއް ކަމަށާއި އެހެންކަމުން ދައުލަތުގެ އެއްބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހާ ދެކޮޅަށް މައްސަލަ ހުށަނޭޅުއްވޭނެ ކަމަށެވެ.
އޭނާ އަދި ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ޤާނޫނު އަސާސީން ލިބިދީފައިވާ ބާރުތައް ސުޕްރީމް ކޯޓާއި ހަވާލު ކުރުމަށް ދައުލަތުގެ ބަންޑާރަ ނައިބަށް ނޭދެވޭނެ ކަމަށެވެ. އަދި ޤާނޫނު ހެދުމާއި، ޤާނޫނުތަކަށް ބަދަލު ގެނައުމުގެ ބާރަކީ ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ ބަރާކަށްވާ އިރު، ސުޕްރީމް ކޯޓަށް ވެސް އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
"ސަރުކާރާ އެއްބައިވެގެން ދައުލަތުގެ އެޓާނީ ޖެނެރަލްއަކަށް ދައުލަތުގެ އެހެން މުއައްސަސާއެއް ގޮވައިގެން ކޯޓަކަށް ނުދެވޭނެ. މި ވާހަކަ މިއީ މީގެކުރިން ސުޕްރީމް ކޯޓުންވެސް ނިންމާފައި އޮތް ކަމެއް،" ރޮޒޭ ވިދާޅުވި އެވެ. "އަޅުގަނޑު ހިތަށް އަރާ މި މައްސަލަ ކީއްވެބާއޭ މި ބައްލަވައިގަތީ."
ބަންޑާރަ ނައިބް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަގެ ފުރަތަމަ އަޑުއެހުމުގައި ދައުލަތުގެ ވަކީލާ ފާހަގަކުރެއްވި ބައެއް ނުކުތާތަކަށް ފާޑުވިދާޅުވަމުން ރޮޒައިނާ ވިދާޅުވި، "މި މީހުން ކިޔައިގެން އުޅެނީ ކޮން ތާކު އޮތް ގާނޫނު އަސާސީ" އެއްކަން ވެދސް ބަލަން ޖެހޭ ކަަމަށް ވިދާޅުވި އެވެ.
އަދި ބަންޑާރަ ނައިބާއި ދައުލަތުގެ ވަކީލުންނަށް ލިޔަންކިޔަން އެނގޭކަމާ ދޭތެރޭ ވެސް ސުވާލު އުފެދޭ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.