Last Updated: April 19, 17:13
Saturday, April 19, 2025
ޚަބަރު

ޔާމީންގެ މަރާ ގުޅިގެން ސުއޫދު ދެއްކި ވާހަކަތާ ގުޅޭ ގޮތުން ސުވާލުކޮށްފި

އަނިޔާވެރި ގޮތަކަށް މަރާލި ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ދެއްކެވި ވާހަކަތަކަކާ ގުޅިގެން އޭނާ ފުލުހަށް ހާޒިރުކޮށް، މިއަދު ސުވާލުކޮށްފި އެވެ.

ޔާމީންގެ ބައްޕަ ހުސައިން ރަޝީދުގެ ވަކީލް ސުއޫދު ވަނީ ނޫސް ކޮންފަރެންސްގައި ޔާމީންގެ މަރާ މެދު ކަންބޮޑުވާން ނުޖެހޭ ކަމަށް އޭނާގެ ބައްޕަގެ ގާތު ފުލުހުން ބުނި ކަމަށް ވިދާޅުވެ ސުއޫދާ ސުވާލު ކުރީ ފުލުހުންގެ ވާޖިބަށް ހުރަސް އަޅަން އުޅުނުކަމުގެ ތުހުމަތުގަ އެވެ.

"އަޅުގަނޑު ބުނިން އަޅުގަނޑު ކައިރީގައި ޔާމީން ރަޝީދު ބައްޕަ އެދުމުގެ މަތިންނޭ އަޅުގަނޑު އެ ވާހަކަ އެގޮތަށް ބުނީ،" އޭނާ ވިދާޅުވި އެވެ. "ދެން އެގޮތަށް އަޅުގަނޑުގެ އަތުން ބަޔާނެއް ނަގާފައި ސޮއި ކުރުވި."

ސުއޫދު ވިދާޅުވީ ބަޔާން ނެގުން ފިޔަވައި އިތުރު އެއްވެސް ފިޔަވަޅެއް ފުލުހުން ނާޅާ ކަމަށެވެ.

އެހެން ނަމަވެސް އިތުރު މައުލޫމާތެއް ސާފު ކުރަން އޮތް ނަމަ އަންގާނެ ކަމަށް ފުލުހުން ބުނި ކަމަށް ސުއޫދު ވިދާޅުވި އެވެ.

"މީހަކާ ހަވާލާދީ އެއްޗެއް ބުނުމަކީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ އަމަލެއް ކަމަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" ސުއޫދު ވިދާޅުވި އެވެ.