އައްޑޫ ސިޓީ ކައުންސިލަށް އަލަށް ހޮވުނު ކައުންސިލަރުންނާ، މިހާރުގެ ކައުންސިލް ބައްދަލުކޮށްފި އެވެ.
ކައުންސިލް އިދާރާގައި ބޭއްވި ބައްދަލުވުމުގައި، ހުޅުމީދޫ މިހާރު ތަމްސީލް ކުރައްވާ ޕީޕީއެމް ކައުންސިލަރު އަލީ މުހައްމަދު (އައްދު) ފިޔަވައި އެހެން ހުރިހާ ކައުންސިލަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
އައްޑޫ ސިޓީ ކައުންސިލަށް މި ފަހަރު އިންތިހާބުވެ ވަޑައިގަތް ބޭފުޅުންގެ ތެރޭގައި މިހާރު ވެސް މަގާމުގައި ތިއްބެވި ތިން ކައުންސިލަރަކު ހިމެނިވަޑައިގަންނަވަ އެވެ.
އެއީ ހިތަދޫ އުތުރު ދާއިރާ ކައުންސިލަރު އަބްދުﷲ ސޯދިގް (ސޯބެ) އާއި ހިތަދޫ ދެކުނު ދާއިރާ ކައުންސިލަރު މުހައްމަދު ޔަސްރިފާއި ފޭދޫ ކައުންސިލަރު އަލީ ފަހުމީ އަހުމަދެވެ.
އެ ބޭފުޅުންގެ އިތުރަށް ދެން ކައުންސިލްގައި ތިއްބަވަނީ ހިތަދޫ މެދު ދާއިރާ ކައުންސިލަރު ހުސައިން ހިލްމީ އާއި މަރަދޫ ކައުންސިލަރު އަބްދުﷲ ތައްޔިބް (ޓޮމް) އެވެ.
ކައުންސިލަށް އަލަށް ހޮވިވަޑައިގެންނެވި ބޭފުޅުންނަކީ މަރަދޫ ކައުންސިލަރު ފައިސަލް އިބްރާހީމާއި ހިތަދޫ މެދު ދާއިރާ ކައުންސިލަރު ޖަމްޝީދާ މުހައްމަދާއި މީދޫ ކައުންސިލަރު ހުސައިން ހިޔާޒްގެ އިތުރުން ހުޅުދޫ ކައުންސިލަރު އިބްރާހީމް ޝުކުރީ އެވެ.
މި ކައުންސިލަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި ކައުންސިލްގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި މިހާރު ކައުންސިލުން އައްޑޫގެ ތަރައްގީ އަށް ކުރަމުން އަންނަ ކަންކަމާ ބެހޭ ގޮތުން މައުލޫމާތު ދީފައިވެ އެވެ.
އެލްޖީއޭ އިން ބުނެފައިވާ ގޮތުގައި ކައުންސިލްތަކުގެ ތިން ވަނަ ދައުރަށް އިންތިހާބުވި ކައުންސިލަރުން ހުވާ ކުރުން އޮންނާނީ އަންނަ މަހުގެ ތިން ވަނަ ދުވަހު އެވެ.
ކުރިން ހަ މެމްބަރުން ތިބި އައްޑޫ ސިޓީ ކައުންސިލަށް މި ފަހަރު އަލަށް ހޮވާފައި ވަނީ ހަތް ކައުންސިލަރުންނެވެ.