ބުދަ ދުވަހުގެ ރޭ ހިތަދު އަށް އެރި ނަގޫރޯޅީގެ ސަބަބުން ހާލުގައި ޖެހުނު ރައްޔިތުންނަން އަވަސް ހައްލެއް ލިބޭނީ ސަރުކާރުން އައްޑޫ ސިޓީ ކައުންސިލް މެދުވެރިވެގެން މަސައްކަތް ކުރުމުން ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.
އައްޑޫގައި ހުންނަވައިގެން ހަސަން ވިދާޅުވީ ސަރުކާރުން މިހާރު މަސައްކަތް ކުރިއަށް ގެންދާ އުސޫލުން މަސައްކަތް ކުރިއަށް ގެންދާ ނަމަ، ދާއިމީ ހައްލެއް ލިބުން ލަސްވެދާނެ ކަމަށެވެ.
އަދި ހިތަދޫ ރައްޔިތުންނަނަން ދާއިމީ ހައްލެއް އަވަހަށް ލިބިގެން ދާނީ ސަރުކާރުން އައްޑޫ ސިޓީ ކައުންސިލްގެ ދައުރު ބޮޑުކޮށް މަސައްކަތް ކުރިއަށް ގެންދިއުމުން ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީގެ ފަރާތުން ހަސަނާއި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އަލީ ސިޔާމްގެ އިތުރުން ހިތަދޫ މެދު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިބްރާހިމްދީދީ ވަނީ ނަގޫރޯޅީގެ ސަބަބުން ގެއްލުން ލިބުނު ގެތަކަށް ޒިޔާރާތްކޮށް ރައްޔިތުންގެ ހާލު ބައްލަވައިފަ އެވެ.
ހަސަން އަދި ވިދާޅުވީ ކައުންސިލްގެ ބާރުވެރިކަން ރައީސް ޔާމީންގެ ސަރުކާރުން ހަނިކޮށްފައި ވާތީ، ރައްޔިތުންނަން އެހީތެރިވެދިނުމަށް ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އައްޑޫ ސިޓީ ކައުންސިލަށް ކަންކަން ހައްލުކުރުމަށް ބާރުވެރިކަން ސަރުކާރުން ދީފި ނަމަ މިހާރުން މިހާރަށް ވެސް ހައްލުކުރެވޭނެ ވަރަށް ގަނަ ކަންތަނަށް އެބަހުރި ކަމަށެވެ.
ހަސަނާއި ސިޔާމް މިއަދު ވަނީ އައްޑޫ ސިޓީ ކައުންސިލް އިދާރާ އަށް ވަޑައިގެން އެ ސިޓީ ކައުންސިލްގެ މެމްބަރުންނާ އަލަށް އިންތިހާބް ވެވަޑައިގެންނެވި މެމްބަރުންނާ ވެސް ބައްދަލުކޮށްފަ އެވެ.