މުވައްޒަފުންގެ ބަރުދަނުން ލުއި ކުރާ ކޮންމެ ކިލޯއަކަށް 100 ޔުއާން ނުވަތަ 15 ޑޮލަރު ދޭ ގޮތަށް ޗައިނާގެ ކުންފުންޏަކުން ނިންމައިފި އެވެ.
އެ ގައުމުގެ ޝާންޒީ ޕްރޮވިންސްގެ ކުންފުންޏެއް ކަމަށްވާ ޒިއަން ޖިންގްޓަން އިންވެސްޓްމަންޓް ކޮންސަލްޓުންގެ ވެރިޔާ ވަންގް ޒުއެބާއޯ ބުނީ ބަރުދަން ލުއި ކުރާ މުވައްޒަފުންނަށް ބޯނަސް ދޭން ނިންމީ އޭނާގެ ގިނަ މުވައްޒަފުންނަކީ މަސައްކަތުގެ ގަޑީގެ ގިނަ ވަގުތު މޭޒު ކައިރީގައި އިށީނދެގެން ތިބޭ ބަޔަކަށްވާތީ، އެ މީހުންގެ ސިއްހަތާ މެދު ފިކުރު ބޮޑުވެގެން ކަމަށެވެ.
"ހަރަކާތްތެރި ކަމެއް ނެތި އެގޮތަށް މުވައްޒަފުން މަސައްކަތް ކުރަން ޖެހުނީމަ ގިނަ މުވައްޒަފުން ވަނީ ވަރަށް ބޮޑަށް ފަލަވެ، ބަރުހެލިވެފައި،" އޭނާ ބުންޏެވެ. "އެހެންވެ ބަރުދަން ލުއިކޮށް ދުޅަހެޔޮ ސިއްހަތަކަށް ހިތްވަރު ދިނުމުގެ ގޮތުން ފެށި ކެމްޕޭނެއް މިއީ."
ވަންގް ބުނީ ލުއި ކުރާ ކޮންމެ ކިލޯއަކަށް 15 ޑޮލަރު ދޭ ކެމްޕޭން ފެށީ މާޗް މަހުގެ ތެރޭގައި ކަމަށާއި މިހާރު ވެސް ވަރަށް ގިނަ މުވައްޒަފުން ނަތީޖާތަކެއް ނެރެފި ކަމަށެވެ.
ފާއިތުވި ދެ މަހުގެ ތެރޭގައި އަންހެން މުވައްޒަފެއް ކަމަށްވާ ޒޫ ވެއި ވަނީ 20 ކިލޯ ލުއިކޮށްގެން 2،000 ޔުއާން (300 ޑޮލަރު) ހޯދައިފަ އެވެ.
އޭނާ ބުނީ އެ ވަރަށް ބަރުދަން ލުއި ކުރީ ޖިމަށް ގޮސްގެންނާއި ސިއްހަތަށް ފައިދާ ކާނާ ބޭނުންކޮށްގެން ކަމަށެވެ.
އަދި އޮފީހުން ލުއި ވާން ހިތްވަރު ދޭ ކެމްޕޭނެއް ފެށުމަކީ ދުޅަހެޔޮ ސިއްހަތަކަށް ހިތްވަރު ދިން ކަމެއް ކަމަށް ބުންޏެވެ.