މިދިޔަ ބުދަ ދުވަހުގެ ރޭ ހިތަދު އަަށް އެރި ނަގޫރޯޅީގައި ލިބުނު ގެއްލުންތަކަށް ސަރުކާރުން އެހީވާން ނިންމުމަކީ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށް ދިނުމުގައި އެއްވެސް ރައްޔިތަކު ތަފާތު ނުކުރާނެ ކަމުގެ ހެއްކެއް ކަމަށް ޕީޕީއެމުން ބުނެފި އެވެ.
އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ ގެއްލުން ލިބުނު މީހުންނަށް އެހީވުމުގެ މަސައްކަތް ސަރުކާރުން ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށެވެ.
"އިހަށް ދުވަހު ނެގުނު ވޯޓުން ވެސް ހުރިހާ ގޮނޑިއެއް ލިބުނީ އެމްޑީޕީއަށް. އެހެން ނަމަވެސް އެމްޑީޕީގެ ސިޓީ ކައުންސިލްގެ ފަރާތުން މާބޮޑު ކަންތައްތަކެއް ނުކުރެވި އޮއްވާ ސަރުކާރުން ވަރަށް ބޮޑު އަހައްމިޔަތު ކަމެއް ދެއްވައިގެން ކުރާ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާއަކީ ހުރިހާ ދިވެހި ރައްޔިތުންގެ ރައީސެއް ކަން ހާމަކޮށްދޭ ލާމަސީލު މިސާލެއް،" އޭނާ ވިދާޅުވި އެވެ.
ނޫސް ކޮންފަރަންސްގައި ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް އަބްދުﷲ ޚަލީލް ވިދާޅުވީ ގެއްލުން ލިބުނު މީހުންނށް އެހީވުމުގައި އައްޑޫ ސިޓީ ކައުންސިލް އޮތީ ނުކުޅެދިފައި ކަމަށެވެ.
އެހެންވެ އެކަމަށް އެހީވާން ސަރުކާރުން މަސައްކަތް ކުރަނީ އައްޑޫ ސިޓީ ކައުންސިލް ވެސް ބައިވެރިކޮށްގެން ކަމަށް ވިދާޅުވި އެވެ. އަދި އެކަމުން ވެސް އެނގެނީ ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅު ވަނީ ޚިޔާލު ތަފާތުވާ މަސައްކަތް ކުރަން ކަމަށް ހަލީލް ވިދާޅުވި އެވެ.
"އައްޑޫ ސިޓީ ކައުންސިލް ވެސް މީގެ ތެރޭގައި ހިމަނުއްވާފައި ރައީސް ޔާމީން އެ އޮތީ. މީގެން ވެސް އެބަ އެނގޭ ރައީސް ޔާމީނާ ޚިޔާލު ތަފާތުވިޔަސް އެމަނިކުފާނު ވަރަށް ބޮޑަށް އެބަ ބޭނުންފުޅުވާ ކަން އެތަނެއްގެ ރައްޔިތުން ހޮވާފައި ތިބޭ ބަޔަކު ވެސް ޝާމިލް ކޮށްގެން ކުރިއަށް ވަޑައިގަންނަވަން،" އޭނާ ވިދާޅުވި އެވެ.
އާރިފް އަދި ވިދާޅުވީ ނަގޫރޯޅީގައި އެންމެ ބޮޑަށް ގެއްލުން ލިބުނީ ހިތަދޫ މެދު ދާއިރާ އަށް ކަމަށްވާ އިރު އެ ދާއިރާގެ މެމްބަރަކީ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރެއް ނަމަވެސް ރައްޔިތުންނަށް އެހީވުމުގައި ސަރުކާރުން އެކަމަށް ނުބަލާ ކަމަށެވެ
"އެ ދާއިރާގެ މެމްބަރަކީ ވެސް އަޅުގަނޑުމެންނާ ޚިޔާލު ތަފާތު ބޭފުޅެއް، ރިޓަޔާޑް ބްރިގޭޑިއާ އިބްރާހިމް ދީދީގެ ދާއިރާ މިއީ،" އޭނާ ވިދާޅުވި އެވެ. "މިއިން ވެސް އެނގިގެންދޭ ރައީސް ޔާމީނަކީ އެމަނިކުފާނާ ޚިޔާލު ތަފާތު ބޭފުޅަކު އެތަނުގައި ހުންނެވިޔަސް ވަރަށް ކައިރިން ޚިދުމަތް ދެއްވަން ބޭނުންވާ ބޭފުޅެއް ކަން،"
އޭނާ ވިދާޅުވީ އެހީތެރިކަން ދިނުމުގައި އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ސަރުކާރާ އެކު ބައިވެރިވެ ވަޑައިގަތުމަކީ ހެޔޮ ފާލެއް ކަމަށެވެ. އަދި ކައުންސިލްގެ އެއްބާރުލުން އެކަމަށް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.