ކޮންމެ އަހަރެއްގެ ރޯދަ މަހު މަރަދޫ ގޯދިއްޔާ ޖަމިއްޔާ އިން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ގޯދިއްޔާ ފުޓްސަލް ކަޕް މުބާރާތުގެ މި އަހަރުގެ މީޑިއާ ޕާޓްނަރަކަށް އައްޑޫ ލައިވް ހަމަޖައްސައި، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
މުބާރާތުގެ ކެޓަރިން ޕާޓްނަރު މަރަދޫ "ކިއު ކޯނާ" ގައި މިއަދު މެންދުރު އޮތް ހަފުލާއެއްގައި ގޯދިއްޔާގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރީ އެ ޖަމިއްޔާގެ ރައީސް ހުސެއިން އާޠިފެވެ.
އައްޑޫ ލައިވްގެ ފަރާތުން ސޮއި ކުރީ ހެޑް އޮފް މާކެޓިން އަލީ ފާއިގެވެ.
މި އެއްބަސްވުމުގެ ދަށުން މި އަހަރުގެ މުބާރާތުގެ އެންމެ ފަހުގެ ހަބާރާއި މައުލޫމާތު ހިމެނޭ ވަކި ޕޭޖެއް އައްޑޫ ލައިވް ވެބްސައިޓްގައި ގާއިމު ކުރެވިގެން ދާނެ އެވެ.
މި ޕޭޖުން މުބާރާތުގެ ކުރިއަށް ހުރި މެޗްތަކާއި،ކުޅެވުނު މެޗްތަކުގެ ނަތީޖާ އާއިއެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިން އަދި ގްރޫޕްތަކުގެ މައުލޫމާތު ކިއުންތެރިންނާއި ހަމައަށް ގެނެސް ދެވޭނެ އެވެ.
މީގެ އިތުރުން މުބާރާތުގައި ވާދަ ކުރާ ޓީމްތަކުގެ މައުލޫމާތާއި ޓީމްތައް މުބާރާތަށް ވަމުންދާ ތައްޔާރީތަކާއި ކުޅުންތެރިންގެ މައުލޫމާތު ކިއުންތެރިންނާއި ހަމައަށް ތާޒާކަމާ އެކު ގެނެސް ދެވޭނެ އެވެ.
އައްޑޫލައިވް އާއި ގޯދިއްޔާ ގުޅިގެން މި ފަހަރުގެ މުބާރާތުގެ ފޯރިގަދަ ކުރުމުގެ ގޮތުން އެކި ހަރަކާތްތައް ކުރިއަށްގެން ދިއުމަށް ވެސް ވަނީ ނިންމައިފަ އެވެ.
އައްޑޫގެ ހަތަރު އަވަށަކުން ޖުމްލަ 17 ޓީމާއި ދައުވަތު ދީގެން މުބާރާތުގައި ބައިވެރިކޮށްފައިވާ 3 ޓީމާ އެކު ޖުމްލަ 20 ޓީމް މުބާރާތުގައި ކުޅޭއިރު މިފަހަރުގެ މުބާރާތް ކާމިޔާބް ކުރާ ޓީމަކަށް 80،000ރ. ގޯދިއްޔާއިން ވަނީ ހުށަހަޅައިފައެވެ.
ރަނަރަޕް ޓީމަށް މި ފަހަރު ހުށަހަޅާފައި ވަނީ 30،000ރ. އެވެ.
މުބާރާތުގެ ގުރުއަތުލުން މި މަހުގެ 25 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމާފައިވާ އިރު މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 2 ވަނަ ދުވަހު އެވެ.
މި މުބާރާތުގެ ފާއިތުވި ދެ އަހަރުގެ ޗެމްޕިއަނަކީ ފޭދޫ ހަބޭސް ޓީމެވެ.