ސިލްވެސްޓާ ސްޓެލޯން "ރާމްބޯ" ގެ ރޯލުން ފެނިގެން ދިޔަ ހޮލީވުޑްގެ މަޝްހޫރު ފިލްމް "ރާމްބޯ" ގެ ހިންދީ ރިމެކިންއެއް ހަދަން ނިންމައި، އެ ރޯލަށް ޒުވާން އެކްޓަރު ޓައިގާ ޝްރޮފް ހަމަޖައްސައިފި އެވެ.
"ސަލާމް ނަމެސްތޭ" އާއި "ބޭންގް ބޭންގް" ފަދަ ފިލްމްތައް ޑައިރެކްޓްކޮށްފައިވާ ސިދާތު އާނަންދް ޑައިރެކްޓް ކުރާ "ރާމްބޯ" ގެ ފުރަތަމަ ޕޯސްޓަރު ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.
އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޝޫޓިން ފަށާ މި ފިލްމް ރިލީޒް ކުރާނީ އަހަރުގެ ފަހުކޮޅު އެވެ.
"ރާމްބޯ" ގެ ކެރެކްޓާ ކުޅެން ލިބުމުން ޓައިގާ ބުނީ އޭނާއަކީ އަބަދު ވެސް އެކްޝަން ފިލްމްތަކަށް ވަރަށް ލޯބި ކުރާ އެކްޓަރެއް ކަމަށާއި ސްޓެލޯންގެ ދައްކުވައި ދިން ކެރެކްޓާއެއް ކުޅެން ލިބުމަކީ ފަހުރެއް ކަމަށެވެ.
ސިދާތު ބުނީ "ރާމްބޯ" ގެ ރޯލަށް ހަމަ ވަރަށް ފައްކާ އެކްޓަރެއް ކަމަށާއި ވަރުގަދަ ފިލްމަކަށް ފިލްމް ހަދާނެ ކަމަށެވެ.
ސްޓެލޯންގެ "ރާމްބޯ" އަކީ 1982 ގައި ރިލީޒް ކުރި ފިލްމެކެވެ. މިއީ ލިޔުންތެރިޔާ ޑޭވިޑް މޮރެލްގެ "ފަސްޓް ބްލަޑް" އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.
އިންޑިއާ އިން "ރާމްބޯ" ހަދާތީ ސްޓެލޯން އިސްޓަގްރާމްގައި ބުނީ އެ ކެރެކްޓާ އިންޑިއާ އިން ހަލާކުކޮށް ނުލާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
ސްޓެލޯން ވަނީ ހަތަރު ފިލްމެއްގައި "ރާމްބޯ" ގެ ރޯލް ކުޅެފަ އެވެ.
"ރާމްބޯ" އަށް ޓައިގާ ސޮއި ކުރި އިރު، އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ސަބީރް ހާން ޑައިރެކްޓް ކުރާ "މުންނާ މައިކަލް" އިންނެވެ.
އޭނާ ސޮއިކޮށްފައިވާ އިތުރު ފިލްމްތަކުގެ ތެރޭގައި "ސްޓޫޑަންޓް އޮފް ދި އިޔާ 2" އާއި "ބާގީ 2" ހިމެނެ އެވެ.