އައްޑޫގައި ގާއިމު ކުރާ އިކޯ-ޓޫރިޒަމް ފެސިލިޓީގެ ވިޒިޓާސް ސެންޓަރުގެ ނުނިމި ހުރި މަސައްކަތްތައް ކޮށް ދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
މިނިސްޓްރީން ބުނީ ހިތަދޫ އީދިގަލި ކުޅީގެ ގުދުރަތީ ރީތިކަން ފެންނާނެ ގޮތަށް އެތަން ތަރައްގީ ކުރާ އިރު، އެ ސަރަަހައްދަށް ޒިޔާރަތް ކުރާ މީހުންނަށް ހާއްސަކޮށްގެން ހަދާ ވިޒިޓާސް ސެންޓަރުގެ ނުނިމި ހުރި މަސައްކަތްކޮށް ދޭނެ ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ.
އެހެންވެ ބީލަމުގައި ބައިވެރިވާން ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ވެސް ދައްކަން ޖެހެ އެވެ.
މީގެ އިތުރުން މި ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 35,000.00ރ. ހުށަހަޅުއްވަން ޖެހޭ އިރު ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުށައަޅާ ތާރީހުން ފެށިގެން 119 ދުވަހެވެ.
ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 29 ވަނަ ދުވަހު އެވެ.
ވިޒިޓާސް ސެންޓަރުގެ ނުނިމި ހުރި މަސައްކަތް ކުރަން ބަޔަކު ހޯދާ އިރު، މި މަސައްކަތް އެންމެ ފުރަތަމަ ހަވާލުކޮށްފައި ވަނީ ވީ އަވާ އިންވެސްޓްމަންޓް ކޮމްޕެނީ އެވެ. އެ ކުންފުންޏާ މަޝްރޫއު ހަވާލު ކުރީ ޖޫން 4، 2016 ގަ އެވެ.
ވީ އަވާއާ ވިޒިޓާސް ސެންޓަރު އަޅަން ހަވާލު ކުރީ 8.2 މިލިއަން ރުފިޔާއަށެވެ.
އައްޑޫގައި އިކޯ ޓޫރިޒަމަށް ހާއްސަކޮށް ހިންގާ މަޝްރޫއަކީ އެންވަޔަމަންޓް މިނިސްޓްރީން ވޯލްޑް ބޭންކްގެ ހިލޭ އެހީގައި ހިންގަމުންދާ ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕޮރޮޖެކްޓް (ސީޕެކް) ގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.