ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް ހުޅުމީދު އާއި ފޭދުއާ ދެމެދު ބާއްވާ ދަތުރުތަކަށް ސަދަން ޓްރާންސްޕޯޓް ލިންކް (އެސްޓީއެލް) އިން ބަދަލުތަކެއް ގެނެސްފި އެވެ.
އެ ކުންފުނިން ބުނީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށްވާ އަންނަ ހޮނިހިރު ދުވަހުން ފެށިގެން ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ޖުމްލަ ހަ ދަތުރު ބާއްވާ ގޮތަށް ރާވާފައިވާ ކަމަށެވެ.
ހުޅުމީދޫން ފޭދު އަށް ހެނދުުނު 9:00 ގައި ފެރީ ދޯނި އޮންނަ އިރު، ފޭދޫން މީދު އަށް 9:30 ގައި އޮންނާނީ ލޯންޗެވެ.
މެންދުރު 11:00 ގައި ހުޅުމީދޫން ފޭދޫ އަށް ލޯންޗް ދަތުރު ބޭއްވުމަށް ހަމަޖެހިފައިވާ އިރު މެންދުރު ފަހު 2:30 ގައި ފޭދޫން ހުޅުމީދޫ އަށް ދޯނި ފެރީ ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން ހުޅުމީދޫން ފޭދު އަށް 2:30 ގައި ލޯންޗް ބާއްވާ ގޮތަށް ހަމަޖައްސާފައިވާ އިރު ފޭދޫން ހުޅުމީދު އަށް އެންމެ ފަހު ދަތުރު އޮންނަނީ މެންދުރު ފަހު 3:30 ގަ އެވެ.
އެސްޓީއެލުން ބުނ ހުކުރު ދުވަހު ހުރިހާ ގަޑިތަކެއްގައި ވެސް ލޯންޗް ދަތުރު ބާއްވާ އިރު ހުޅުމީދޫން ފޭދޫ އަށް ހެނދުން 10:00 ގައި އެއް ދަތުރު، ހަވީރު 4:00 ގައި އެއް ދަތުރު އަދި ރޭގަނޑު 8:00 ގައި ޖަހާއިރު އެއް ދަތުރު ބާއްވާ ގޮތަށް ވަނީ ދަތުރިތައް ތާވަލްކޮށްފަ އެވެ.
އަދި ހުކުރު ދުވަހު ފޭދޫން ހުޅުމީދު އަށް 9:30، 4:30 އަދި ރޭގަނޑު 11:00 ގައި ދަތުރުތައް ހަމަޖެހިފައިވާ އިރު ޓިކެޓް ވިއްކަން ފަށާނީ ފުރުމުގެ 30 މިނިޓް ކުރިންނެވެ.
އެސްޓީއެލުން ބުނީ ރޯދަ މަހުގެ ދަތުރުތަކުގެ ތާވަލް ރާވާލައިފައި ވަނީ ރަސްމީ ގަޑިތަކަށް ބަލައިގެން ގިނަ ބަޔަކަށް ފަސޭހަ ވާނެ ގޮތަށް ކަމަށެވެ.