Last Updated: November 23, 20:04
Saturday, November 23, 2024
ރިޕޯޓް

މީހުން މަރާ މުޖުތަމައަކަށް މިތަން ނަހަދަމާ!

މިއަދަކީ ޔާމީން ރަޝީދް މަރާލާފައި އޮއްވާ ފެނުނުތާ އެއްމަސްވީ ދުވަހެވެ. ޔާމީންގެ މެޔަށް 14 ފަހަރު ވަޅި ހަރާފައިވާ ކަމަށް އޭނާގެ ބައްޕަ، މީޑިޔާ އަށް ދިން އިންޓަވިއުއެއްގައި ވަރަށް އަސަރާއެކު ބުނެފައިވެ އެވެ. އަދި މީޑިޔާ ރިޕޯޓްތަކުގައި 35 ތަނަކަށް ވަޅިހަރައި ޔާމީން މަރާލާފައިވަނީ ރާއްޖޭގައި ދުވަހުވެސް ނުފެންނަ ވަރުގެ އަނިޔާތަކަކާއެކު ކަމަށް މީހުން ބުނެ އެވެ.

ޕޮލިހުން ހާމަކުރި ސީސީޓީވީ ކެމެރާގެ ފޮޓޯތަކުން އެކަމުގައި ހަރަކާތްތެރިވިކަމަށް ބެލެވޭ ދެމީހުންނަކީވެސް ޒުވާން އުމުރުގެ ދެމީހުންކަން ލަފާކުރެވެއެވެ.

މީހެއްގެ ގަޔަށް 35 ފަހަރު ބޮޑު ވަޅިއެއް ނުވަތަ ކަތިވަޅިއެއް ހަރައި ނަގައި ލޭއޮހުރުވަން ކެރޭވަރުގެ ޒުވާނުން އަހަރެމެންގެ މުޖުތަމަޢު ތެރޭގައި، އަދި އަހަރެމެންގެ ގާތުގައި އުޅޭ ކަމީ، އަހަރެމެން ވިސްނާލަންޖެހޭ ކަމެއް ނޫން ހެއްޔެއެވެ؟

އަހަރެންގެ ސުވާލަކީ، ވަޔަލަންޓް، އަނިޔާވެރި ކަންކަން ކުރާމީހުން އަދި ކުދިން އަހަރުމެންގެ މުޖުތަމަޢުގައި އިތުރުވަނީ ކީއްވެގެން ހެއްޔެއެވެ؟ އަދި މިކަންކަން ހުއްޓުވަން އަހަރެމެންނަށް ކުރެވޭނީ ކީއްހެއެޔެއެވެ؟ ވަޔަލަންޓް ހަރަކާތްތަކުގައި އަމަލީގޮތުން އެންމެ ގިނައިން ފެންނަނީ ދިވެހި ޒުވާނުންނެއެވެ.

ޒުވާނުން މިފަދަ ކަންކަމާ ގާތްވާ ސަބަބުތައް އަހަރެން ދިރާސާ ކޮށްލީމެއެވެ. މިއީ އަހަރެމެންނަށް ނޭނގޭ ކަންކަމަކަށް ނުވެދާނެއެވެ. އެކަމަކު އަހަރެމެން ފުންކޮށް ވިސްނާލަން ޖެހާ ކަންކަމެއެވެ. އަދި އަހަރެމެން މިކަންކަން ހުއްޓުވަން މަސައްކަތްކުރާން ގޮތްތަކެއް ހޯދަން އެބަޖެހެއެވެ.

އާއިލީ ހަމަނުޖެހުން

ޒުވާނުން ވަޔަލަންޓް ހަރަކާތް ތަކުގައި ބައިވެރިވާ ވަރަށް ގިނަސަބަބު ތައް އެބަހުއްޓެއެވެ. އެންމެ ފުރަތަމަ ބަލާލާނީ އާއިލީ މައްސަލަތަކަށެއެވެ. އާއިލާގައި ދެމަފިރިން ވަކިވުމުން ގިނަފަހަރަށް ދަރިންނަށް ވަރަށް ނޭދެވެއަސަރުކުރެއެވެ.

އޭޝިޔާ ފައުންޑޭޝަނުން 2012 އަހަރު ނެރެފައިވާ ރިޕޯޓެއްގައި، މައިންބަފައިން ވަކިވުން ނުވަތަ މަރުވުން ފަދަ ހާދިސާ ތަކަކީ ރާއްޖޭގައި ގޭންގު ތަކާއި ޒުވާނުން ގުޅެން މެދުވެރިވާ އެއް ސަބަބެއެވެ. މައިންބަފައިން ވަރިވުމުގެ މަރުހަލާގައި ހިނގާ ކޯޅުންތަކުގައި ވަރަށް ގިނައިން ދަރިން ބައިވެރިކުރެއެވެ. އަދި އާއިލާ ރޫޅުމުން ގިނަފަހަރަށް ކުދިންނާ ހަވާލުވާ މަންމަ، ގިނަ މަސްއޫލިއްޔަތު ތަކެއް ނަގަން ޖެހެއެވެ.

ވަޒީފާ އަދާ ކޮށް ގޭގެ ހަރަދުތައް ބަލަހައްޓައި، ގިނަ ޒިންމާ ތަކެއްނަގަން ޖެހުމުން ހިތްވަރުއެލި، ޑިޕްރެސްވެ، ކުއްޖާޔަށް ދޭންވާ އަޅާލުމާއި ލޯބި ނުދެވެއެވެ. އަހަރެންނާއި ދިމާވި މަސްތުވާތަކެތި ކުޑައިރުއްސުރެ ބޭނުން ކުރަމުންއައި ޒުވާނަކު ބުނީ، އޭނާ އެކަމުގެ ތެރެއަށް ވަދެވުނީ މައިންބަފައިން ވަކިވެ މަންމަ އެހެންމީހަކާ ކައިވެނި ކޮށް ދަރިން ހޯދުމުން، އާއިލާގައި އޭނާ މުޅިން ބާކީވެ އެކަހެރިކަން އިހުސާސް ކުރުމެގެ ތެރެއިން ކަމަށެއެވެ.

އަދި އޭނާގެ ބައްޕަވެސް ޢޭނާ އަށް އަޅާނުލުމުން ކަމަށެއެވެ. އަހަރެން ގާތުގައި ޓީޗަރަކު ބުނީ ކުދިން ވަޔަލަންޓު ކަންކަން ހިޔާރު ކުރާ އަނެއް ސަބަބަކީ، ކުޑައިރު ޖިސްމާނީ އަނިޔާ ލިބިފައިވާތީ ކަމަށެއެވެ. އޭނާ ބުނިގޮތުގައި އޭނާ ކިޔަވައިދިން ކުއްޖަކަށްވަނީ، މީހަކުމެރިކަމުގެ ހުކުމް އިއްވާފައެވެ. އަދި ކުޑައިރު އެކުއްޖާ އަކީ ވަރަށް ބޮޑަށް އާއިލާ އިން އަނިޔާ ކޮށްފައިވާ ކުއްޖެއްކަމަށް އޭނާ ފާހަގަ ކުރިއެވެ.

ދިރިއުޅުމެގެ ހާލަތު ދަށްވުން

އާއިލާގެ ހަމަނުޖެހުމާ ގުޅިފައިވާ އެއް މައްސަލައަކީ ގެދޮރުގެ ދަތިކަމެއެވެ. ގެދޮރުގެ ދަތިކަން ދިމާވަނީ މާލޭގައި ގޯތީގެ ޖާގަ ކުޑަވެ، އާއިލާތައް އުފެދުމުން ގޯތި ބައިބަޔަށް ބައިކުރަން ޖެހުމުންނެއެވެ. އޭގެ އިތުރުން، ސްކޫލަށް ދަރިން ވެއްދުމަށް ނުވަތަ ވަޒީފާ ހޯދުމަށް މާލެއަށް، އަތޮޅު ތަކުން ބަދަލުވާ އާއިލާ ތައްވެސް މާލޭގައި ކުލި އަގުބޮޑުވުމުން، ވަރަށް ނިކަމެތި ހާލުގައި ކުއްޔަށް ކޮޓަރި ހިފައިގެން އުޅެއެވެ.

މިނިވަންނޫހުގައި ޑރ. އަފްރާޝީމް މަރާލި ކަމަށް ހުކުމް ކުރެވިފައިވާ ހުމާމްގެ އާއިލާގެ އިންޓަވިއުއެއްގައި އޭނާގެ އާއިލާގެ 6 މެމްބަރުން ދިރިއުޅެމުން އައީ ކުޑަކުޑަ ކޮޓަރިއެއްގައި ކަމަށް ބުނެފައިވެއެވެ. އަހަރެންގެ ރައްޓެއްސެއްގެ ތިމާގެ ކުއްޖަކުވެސް މީހަކު މަރާލި ކަމުގެ ތުހުމަތުގައި މިހާރު ހުރީ ޖަލުގައެވެ. އޭނާގެ އާއިލާގެ 7 މެމްބަރުން ދިރިއުޅެމުން އައީވެސް މާލޭގެ ގެއެއްގެ ކުޑަ ދެކޮޓަރީގައިއެވެ. އަދި ކުޑައިރުއްސުރެ އޭނާއަކީވެސް އާއިލާގެ އެކި ހަމަނުޖެހުންތައް ތަހައްމަލް ކުރަމުން އައި ކުއްޖެކެއެވެ. އޭނާގެ މަންމަ ގޭގެއަށް މަސައްކަތް ކޮއްދޭން ދިއުމުން އޭނާގެ ބައްޕަ، މަންމަގެ ހަގަށްހުންނަ ކޮއްކޮއަށް ޖިންސީ އަނިޔާ ކުރާކަމަށްވެސް ބުނެއެވެ.

ދިރިއުޅުމުގެ ހާލަތާއި ޢާމްދަނީގެ ތަފާތުތަށް ކުޑައިރުއްސުރެ ފެންނަމުން އަންނަ ކަމަށް ގޭންގު ހަރަކާތްތަކުގައި އުޅޭ ޒުވާނުން، އޭޝިޔާ ފައުންޑޭޝަންގެ ރިޕޯޓުގައި ފާހަގަ ކުރެއެވެ. ސްކޫލުގައި ރިވެތި ދަބަހާއި، ފޮތް ފަންސުރު ހުންނަ ކުދިނަންނާއި ދިމާވުމުން ތަފާތުތައް ވަރަށް ބޮޑަށް އިހުސާސް ވާކަމަށް، މާލޭގެ ގޭންގަކަށް ނިސްބަތްވާ ކުއްޖަކު އަހަރެން ގާތުގައިވެސް ބުނިއެވެ. އަދި ގޭންގު ތަކުގައި ހަރަކާތްތެރިވެގެން މަސްތުވާތަކެތި ވިއްކާ ކަންކަން ކުރުމުން އާމްދަނީއެއް ލިބި، ކުޑައިރު މަހުރޫމުވިއުފާ ފޫބައްދަން، ޕްލޭސްޓޭޝަން އާއި މޮޅެތި ސައިކަލާއި ކާރާއި ފޯނު ހޯދަން މަގުފަހިވާ ކަމަށް އޭނާ ބުނިއެވެ.

ޓީޗަރުންގެ ލޯބި ނުލިބުން

ދެންއޮތީވެސް މުހިއްމު ޕޮއިންޓެކެއެވެ. އޭޝިޔާ ފައުންޑޭޝަން ގެ ރިޕޯޓުގައިވެސް ފާހަގަ ކޮށްފައިވާ ސްކޫލުގެ މާހައުލެއެވެ. އާއިލާ އަދި ގޭތެރޭގައި ދިމާވާ މައްސަލަ ތަކުގެ ސަބަބުން ކުދިން ސްކޫލަށް އައިސް އެޓެންޝަން ނުވަތަ އަޅާލުން ހޯދަން މަސައްކަތް ކުރެއެވެ. ނަމަވެސް މިފަދަ ބިހޭވިއަރ ސްކޫލުން ބަލައިނުގަނެ ކުއްޖާއަށް އަދަބުދީ ސަސްޕެންޑު ކޮށް، އިތުރަށް ކުއްޖާ އެކަހެރިކުރެވެއެވެ. އަދި ޓީޗަރުންގެ ފަރާތުން މުއްސަދި، ލިބޭމިހުންގެ ދަރިންނާއި ސަރުކާރުގެ ނުފޫޒު އޮންނަ މީހުންގެ ދަރިންނަށް އިސްކަންދީ، ތަފާތުކުރުންތައް ކުލާހުގައި ބޮޑުކަމަށް، ގޭންގު ތަކުގައި ބައިވެރިވާ ޒުވާނުން ފާހަގަ ކުރެއެވެ.

ގޭތެރޭގައި ކުޑަ ތަންކޮޅެއްގައި ހާސްކަންމަތީ އުޅެފައި ކުލާހުގައި ނުވަތަ ސްކޫލް ތެރޭގައި ތަންއޮތުމުން ދުވެލާ މަޖާކޮއްލާ، ސަމާސާ ކޮއްލަން އުޅޭކުދިންނަށް ގިނައިން ލިބެނީ އެކިކަހަލަ އަދަބުތަކެއެވެ. ކުލާހުގައި ކޮޅަށް ބެހެއްޓުން ނުވަތަ ބޭރުގައި ތިބެން އަމުރުދެވެއެވެ. އަހަރެންނާއި ދިމާވި ސްކޫލެއްގެ ޕްރިންސިޕަލް ބުނީ އޭނާގެ ސްކޫލުގައި ހެދި ސާރވޭ އެއްގައި 80 އިންސައްތަ ކުދިންނަކީ އާއިލާ ރޫޅިފައިވާ ކުދިން ކަމަށެއެވެ.

އަދި އެކަމުގެ ސަބަބުން ކުދިންނަށް ދޭންޖެހޭ ކައުންސިލިން ފަދަ ސަޕޯޓު ސްކޫލުން ނުދެވެނީ ޓީޗަރުން މިފަދަ ކަންކަމަށް ތަމްރީންވެފައިނުވާތީއެވެ. އަދި ކުދިންނަށް ލޯތްބާ އަޅާލުން ދިނުމާއި ނަސޭހަތްތެރި ވުމަކީ ހަމައެކަނި މައިންބަފައިންގެ ޒިންމާއެއް ކަމަށްގިނަ ޓީޗަރުން ދެކި، ކުދިންނާ ދޭތެރޭ ހަމްދަރުދީއެއް ނުބާއްވާ، ހަރުކަށި ކޮށް ކަންތައް ކުރާކަން އޭނާ ފާހަގަ ކުރިއެވެ. މީގެ ސަބަބުން ކުދިން ކިޔަވަން ފޫހިވެ، ސްކޫލަށް އައުންމަދުވެ، ވަކިހިސާބަކުން ކިޔެވުން އެއްކޮށް ދޫކޮއްލާ މަގުމައްޗަށް ބަދަލުވެއެވެ.

ޓީޗަރު ފާހަގަ ކުރި ގޮތުގައި އާއިލާ ރޫޅުމުގެ އިތުރުން ފަހަކަށް އައިސް ސްކޫލު މާހައުލުގައި އެކަހެރިވާ އެހެން ކުދިންވެސް އެބަތިއްބެއެވެ. އެއީ މަސްތުވާތަކެތި ފަދަ ކަންކަމުގައި ޖަލަށް ލާފައިވާ މީހުންގެ ދަރިންނެއެވެ. އެ ކުދިންގެ ބެލެނިވެރިންނަކީ ގިނަފަހަރަށް އެކުދިންގެ މާމަ އާއި ކާފައެވެ. އަދި އެހެން ބެލެނިވެރިން އެމީހުންގެ ދަރިން، މަސްތުވާތަކެތި ބޭނުން ކުރާ މީހެއްގެ ދަރިއަކާ ގުޅުން ބޭއްވިއަ ނުދޭން ސްކޫލަށް އަންގައެވެ.

އެފަދަ ކުދިން ކައިރީ ކުލާހުގައި ބައިތިއްބަން މަނާކުރެއެވެ. އަހަރެން ވާހަކަ ދެއްކި ޓީޗަރު ބުނީ މިކުދިންނަކީ ވަރަށް ނިކަމެތި ކުދިންކަމަށެއެވެ. އަދި ސްކޫލް މާހައުލުންވެސް މުޖުތަމަޢުންވެސް އެކަހެރި ކުރެވިއްޖެނަމަ ކުރިއަށް އޮތްތާގައި މިކުދިން ކުށްކުރާ އަދި އަނިޔާވެރި ހަރަކާތްތަކަށް ލޯބި ކުރާ ބަޔަކަށްވުން އެކަށީގެންވެއެވެ.

ވަޒީފާގެ ފުރުސަތު މަދުވުން

ވަޒީފާގެ ފުރުސަތު މަދުވުމަކީ ޒުވާނުންނަށް ތާހިރު، އަބުރުވެރި ދިރިއުޅުމެއް ހޯދުމަށް އޮތް ބޮޑުހުރަހެކެއެވެ. ވަޒީފާގެ ފުރުސަތު އޮތް ޓުއަރިޒަމް ދާއިރާ އަކީ ގިނަ ޒުވާނުން އެހާ ގަޔާވާ ދާއިރާއެއް ނޫނެއެވެ. ރަށުން ބޭރުގައި، އާއިލާ އާއި ރައްޓެހިން ދުރުގައި ހުންނަން ޖެހޭތީކަމަށްވެސްވެދާނެއެވެ. އޭޝިޔާ ފައުންޑޭޝަން ގެ ރިޕޯޓުގައި ބުނެފައިވަނީ އެފަރާތުން އިންޓަވިއު ކުރި ގޭންގުތަކުގައި ހަރަކާތްތެރިވާ ޒުވާނުންގެ ތެރެއިން ދެބައިކުޅަ އެއްބައި ކުދިންނަކީ ދުވަހަކުވެސް ވަޒީފާ އަދާ ނުކުރާކުދިންނެއެވެ.

އަދި މަސްތުވާތަކެތި ނުވަތަ ގޭންގު ހަރަކާތަކާއި ގުޅިގެން ހައްޔަރު ކުރެވިއްޖެ ނަމަ، ކުށުގެ ރެކޯޑުގެ ސަބަބުން ވަޒީފާ ހޯދަން ދަތިވާކަމެއެވެ. އަދި ގޭންގު ހަރަކާތްތަކުގައި އުޅުމުން ލިބޭ މުސާރަ އާއްމު ކޮށް ހުންނަ ވަޒީފާތަކުން ލިބޭ މުސާރަ މާބޮޑެއެވެ. ގޭންގު ހަރަކާތްތަކުން ބޭރުވާން އުޅުނަސް ވަޒީފާ ހޯދަން ދަތިވުމުން އެކަންކަން ދޫކޮއްލަން އުނދަގު ވާކަމަށް، މާލޭގެ ގޭންގަކަށް ނިސްބަތްވާ ކުއްޖާ އަހަރެން ގާތުގައި ބުނިއެވެ.

ޒުވާނުންގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ނުވަތަ އެކްސްޕްލޮއިޓް ކުރުން

އަހަރެންނާއި ބައްދަލުވި، އެކިއެކި މާރާމާރީ އަދި އަނިޔާވެރި ކަންކަމުގައި ބައިވެރިވި ޒުވާނަކު ބުނީ މިފަދަ ކަންކަން ރާއްޖޭގައި ނުހުއްޓުވޭނެ ކަމަށެއެވެ. އެއީ ސިޔާސީ ވެރިންނާއި ވިޔަފާރި ވެރިންނާއި ދީނީ ގޮތުން ހަރުކަށި ވިސްނުން ގެންގުޅޭ ފަރާތްތަކުން ޒުވާނުންގެ ބޭނުން ނަހަމަ ގޮތުގައި ހިފާކަމަށް ވާތީއެވެ.

އޭޝިޔާ ފައުންޑޭޝަން ގެ ރިޕޯޓުގައި ވެސް މިކަން ފާހަގަކުރެއެވެ. ސިޔާސީ ފަރާތްތައް އަގު ދީގެން ތަންތާ ރޯކޮށް، ހަމަނުޖެހުން ހިންގަން، ގޭންގުތަކަށް ކޮންޓްރެކްޓް ދޭކަމަށް ބުނެފައިވެއެވެ. އަދި އަހަރެންނާއި ވާހަކަ ދެއްކި ޒުވާނާވެސް، ރާއްޖޭގެ ބޮޑު ކުންފުންޏަކަށް ދަރަނިވެރިވާ މީހުންނަށް ބިރުދައްކަން، ހަވާލުވެފައިވާ ކަމަށް އޭނާ ބުނިއެވެ.

ވީމާ ވަޒީފާގެ ފުރުސަތު މަދު، އަދި އަގުބޮޑު އެއްޗެއްސަށް ލޯބިކުރާ ޒުވާނުންނަށް ފަސޭހައިން އާމްދަނީ ހޯދޭނެ ގޮތަކީ ސިޔާސީ ޕާޓީ ތަކާއި ވިޔަފާރިވެރިންނަށް އެކިކަހަލަ ވަޔަލަންޓް މަސައްކަތް ކޮށްދީގެންނެއެވެ. އަދި ސިޔާސީ ފަރާތްތަކުން، އެފަރާތްތަކުގެ ނުފޫޒު ޕޮލިހަށާއި ކޯޓުތަކަށް ފޯރުކޮށްގެން، މިފަދަ ޒުވާނުން އަދުލު އިންސާފުގެ ސިސްޓަމުން ހިމާޔަތް ކޮއްދެއެވެ. މިފަދަ ކޭސްތަކުގެ އިންވެސްޓިގޭށަން އަދި ޝަރީޢަތް ކުރިއަށް ނިހިނގަނީ މިސަބަބާ ހުރެކަން އެނގެއެވެ.

އޭޝިޔާ ފައުންޑޭޝަން ގެ ރިޕޯޓުގައި 2012 ވަނަ އަހަރު ގޭންގު ތަކާއި ދީނީ ލީޑަރުންނާއި މާބޮޑު ގުޅުމެއްނެތް ކަމަށް ފާހަގަ ކުރެއެވެ. އެހެންނަމަވެސް ވޭތުވެ ދިޔަ 5 އަހަރު ތެރޭގައި މިކަން ވަރަށް ބޮޑަށް ބަދަލުވެ، ދީނީ ހަރުކަށި ވިސްނުން ގެންގުޅޭ ފަރާތްތަކުން އަދި ޖާމާޢަތް ތަކުން ޒުވާނުންނަށް އަމާޒު ކޮށްފައިވާކަން އެނގެއެވެ.

ޖަލުގައި ތިބޭ ޒުވާނުންނާއި ގޭންގު ތަކުގެ ހަރަކާތްތެރިވާ ޒުވާނުން ހަރުކަށި ދީނީ އަމަލުތަކަށް އަހުލުވެރިކޮށްފައިވެއެވެ. އަހަރެންނާއި ބައްދަލުވި ޒުވާނާ ބުނީ އެކި ކަހަލަ ކުށްތައް ކޮށްފައިވާ މިޒުވާނުން ދީނީގޮތުން ހަރުކަށި ބަޔަކަށް ހަދަން ފަސޭހަވަނީ، ދީނުގެ ނަމުގައި އަނިޔާވެރި ކަންކަމުގައި ބައިވެރިވުމުން އެމީހުންގެ ކުށްތަކާއި ފާފަތައް ފޮހެވޭނޭ ކަމަށް ދީނީމީހުން ބުނާތީއެވެ. އެއީ ސީރިޔާއަށް ހަނގުރާމަ ކުރަން ދިވެހިންދާ އެއް ސަބަބު ކަމަށް އޭނާ ބުނިއެވެ. އަދި މީހުން މެރުމާއި ބިރުދެއްކުން ފަދަ ކަންކަން ކުރަން ޒުވާނުން އިސްނަގަނީ މިސަބަބަށްޓަކައި ކަމަށް އޭނާބުނިއެވެ.

އަހަރެމެން އެންމެންގެ ރޯލު

ޔާމީން މަރާލި ގޮތަށް ދަރިއަކު މަރުވާން އެއްވެސް މަންމައަކު އަދި އާއިލާއަކުން ނޭދޭނެއެވެ. އަދި ޔާމީނަށް ކޮށްފައިވާ އަނިޔާތައް ކުރަން ކެރޭ ވަރުގެ އަނިޔާވެރި ދަރިއަކަށްވެސް އެއްވެސް މަންމައަކު ނޭދޭނޭކަން ކަށަވަރެއެވެ. އަހަރެމެންގެ ތެރޭގައި މިފަދަ އަނިޔާވެރި މީހުން ނުއުފެދޭތޯ އަހަރުމެން މަސައްކަތް ކުރަމާ ހިނގާށެވެ. އަދި ޔާމީން ކުރިމަތިލިފަދަ މަރަކަށް އަހަރެމެންގެ އެއްވެސް ދަރިއަކު ކުރިމަތިލާންނުޖެހޭތޯ މަސައްކަތް ކުރަމާ ހިނގާށެވެ.

މިގޮތުން އަހަރެމެންގެ ތެރޭގައި ކުޑަކުދިންނަށް ހަރުކަށި ކޮށްހިތާ އަނިޔާކުރުން މިއަދުން މިއަދަށް ހުއްޓަމާތޯއެވެ. އާއިލާގައި ހަމަނުޖެހުން އުޅޭނަމަ، ކުދިން މިކަމުގައި ނުބައްސާ، ކުދިން ކުރިމަތީ ޒުވާބު ކުރުމާއި ހަޅޭއްލެވުން، އަނިޔާކުރުން، ހުއްޓުވުށެވެ.

އާއިލާ ރޫޅޭ ފަދަ ކަންކަން ދިމާވާނަމަ ކުއްޖާއަށް އިތުރަށް އަޅާލައި، ވާހަކަދައްކާ، ކުއްޖާގެ އިހުސާސްތައް ދެނެގަނެ، ސްކޫލް ނުވަތަ އެހެނިހެން ގޮތަކުން ކައުންސިލަރެއްގެ އެހީ ހޯދަމާ ހިނގާށެއެވެ. އަދި ޓީޗަރުންނަށް ކުއްޖާގެ ގޭގެ މާހަޢުލު ކިޔައިދީ، ސްކޫލުގައި އާދަޔާހިލާފް ބިހޭވިއަރ ހުންނަނަމަ، ކުއްޖާއަށް އިތުރަށް އަޅާލުން ދޭންވީއެވެ.

އަމިއްލަ ޖަމިއްޔާ ތަކުން، ޓީޗަރުންނާއި މައިން ބަފައިންނަށް ކުދިންގެ މައްސަލަތަށް ދެނެގަނެ އެކަމަށް ފިޔަވަޅު އަޅަން ތަމްރީނު ޕްރޮގްރާމް ތަށް ގަވައިދުން ބާއްވަން ހިނގާށެވެ. މިފަދަ ޕްރޮގްރާމްތަށް ހިންގުމަށް އަހަރެމެން އަމިއްލަ ފަރުދުން ގޮތުގައި ވޮލަންޓިއަރ ކުރަންވީއެވެ. އަދި ސްކޫލުގައި ބޭނުން ކުރާ ތަކެތި ސްޓޭންޑަޑައިޒް ކުރަން ސްކޫލަށް ގޮވާލަންވީއެވެ.

މުޖުތަމަޢުގައި ވަޒީފާ ހޯދަން ދަތިވާ ކުދިންނަށް ކިޔަވަން ނުވަތަ ތަމްރީންގެ ފުރުސަތުތައް ހޯދާ ދެމާ ހިނގާށެވެ. އަދި ކަސްޓަމަރުންގެ ހައިސިއްޔަތުން އަހަރެމެން ބޭނުންކުރާ ވިޔަފާރިތަކަކީ ޒުވާނުން ނަހަމަ ގޮތުގައި ބޭނުންކުރާ، ގޭންގުތަކަށް ފައިސާ ދޭ ވިޔަފާރިތަކެއްތޯ ބަލައި، އެކަންކަން ހުއްޓުވަން އަހަރެމެން އާއްމުން ގޮވާލަމާ ހިނގާށެވެ.

ޒުވާނުންނަށް ވަޒީފާދޭން އިސްނަގާ ވިޔަފާރިތަކަށް ސަޕޯޓު ކުރަމާ ހިނގާށެވެ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި އަންނަ ރިޔާސީ އަދި މަޖުލިސް އިންތިހާބުގައި، ކެނޑިޑޭޓުންނާއި ޕާޓީ ތަކަކީ ގޭންގުތަކަށް ފަންޑު ކޮށް، ޒުވާނުން ނަހަމަ ގޮތުގައި ބޭނުންކުރާ ބައެއްތޯ ބަލައި، އެފަދަ ކަންކަމަކީ ވޯޓުލާއިރު އަހަރެމެން ފާހަގަ ނުދޭނޭ ކަންކަން ކަން، ސިޔާސީ ފަރާތްތަކަށް އަންގަމާ ހިނގާށެވެ.

ދިރިއުޅުމުގެ ހާލު ރަނގަޅުކުރުމަށް، ގެދޮރުގެ ދަތިކަން ނައްތާލަން، އަދި ޒުވާނުން ވަޒީފާއަށް ނެރެން، ހަމަޖެހޭ ސިޔާސަތު ތަކެއް ކެނޑިޑޭޓުން ގެންގުޅޭތޯ ބަލަމާ ހިނގާށެވެ. އަހަރެމެންނަކީ، ފައިސާއއަށް ނުވިކޭ، ސިޔާސަތުތަކާއި ކެނޑިޑޭޓުންގެ އިހުލާސްތެރިކަން މިނައިގެން ވޯޓުދޭ ބައެއްކަން ސިޔާސީ ފަރާތްތަކަށް، މިއަދުން ފެށިގެން އަންގަމާ ހިނގާށެވެ