Last Updated: November 24, 23:51
Monday, November 25, 2024
މުނިފޫހިފިލުވުން

"އިސް ޕިޔާރް ކޯ ކިޔާ ނާމް ދޫ 3" އަންނަނީ

ސްޓާ ޕްލަސް އިން ގެނެސް ދިން ޓީވީ ސިލްސިލާތަކުގެ ތެރެއިން ސަނާޔާ އިރާނީ އާއި ބަރުން ސޮބްތީ ލީޑް ރޯލް ކުޅުނު މަޝްހޫރު ޓީވީ ސިލްސިލާ "އިސް ޕިޔާރް ކޯ ކިޔާ ނާމް ދޫ" އަކީ ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު ސިލްސިލާއެކެވެ.

މީގެ ދެ ސީޒަން ގެނެސް ދީފައިވާ އިރު، މިހާރު ތައްޔާރުވަމުން އަންނަނީ އޭގެ ތިން ވަނަ ސީޒަން ބެލުންތެރިންނާ ހަމައަށް ގެނެސް ދިނުމަށެވެ.

އެހެން ނަމަވެސް ކުރީ ފަހަރުތަކާ ހިލާފަށް ބަރުންއާ އެކު، އާ ސީޒަނުން ސަނާޔާއެއް ނުފެންނާނެ އެވެ. އެހެންވެ މިއީ ފަހަރުގައި މި ޝޯ އަށް އިންތިޒާރު ކުރާ މީހުން މާޔޫސް ވެދާނެ ކަމެއް ކަމަށް ބެލެވެ އެވެ.

ބަރުން ބުނީ އޭނާ ވެސް ސަނާޔާ ވަރަށް ބޮޑަށް މިސްވާނެ ކަމަށެވެ. އެހެން ނަމަވެސް "އިސް ޕިޔާރް ކޯ ކިޔާ ނާމް ދޫ" ގެ އާ ސީޒަންގެ ބަތަލާ ޝިވާނީ ތޯމަރްއާ އެކު ފުރިހަމަ ކެމިސްޓްރީއެއް ދެއްކޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ބުންޏެވެ.

ބަރުން އަދި ބުނީ ކުރީ ފަހަރާ ހިލާފަށް އޭނާގެ ކެރެކްޓާގެ ނަން ވެސް ބަދަލުވެފައިވާ ކަމަށާއި އޭނާގެ ކެރެކްޓާއަކީ މި ފަހަރު ވަރަށް ބޮޑަށް ނެގަޓިވް ރަހަ އެކުލެވޭނެ ކަމަށެވެ.

"އޭނާއަކީ އަނދިރި މާޒީއެއް އޮތް، ތަންކޮޅެއް ޑާކް ކެރެކްޓާއެއް،" އޭނާ ބުންޏެވެ.

"އިސް ޕިޔާރް ކޯ ކިޔާ ނާމް ދޫ" ގެ ޓީޒާ ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ. ޓީޒާ އިން ފެންނަ ގޮތުގައި ވަރުންގެ ލުކަށް ވެސް މި ފަހަރު ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.