ދިވެހިރާއްޖެއަށް އައި ޑިމޮކްރަސީގެ އޮއިވަރުގައި ޖެހި، އެންމެބޮޑު ގޮންޖެހުމަކާއި ކުރިމަތިލާންޖެހިފައި ވަނީ އައްޑޫގެ ސިޓީކައުންސިލަށެވެ. އައްޑޫގެ ތަރައްޤީއަށްޓަކައި ރައްޔިތުން ބޭނުންވާ ކަންތައްތައް ބޭނުންވާ މުއްދަތުގައި ނުވުމުން އެކަމުގައި ރައްޔިތުން ކުރާ ޝަކުވާގައި އެކަމުގެ ޒިންމާ އުފުލަން ޖެހެނީވެސް ސިޓީކައުންސިލެވެ. އަދި ގިނަ މީހުން ކޮންމެ ކަމެއްގައި އިނގިލި ދިއްކުރާ ފަރާތަކީ ވެސް އައްޑޫސިޓީ ކައުންސިލެވެ. އެއާއެކު އައްޑޫގައި މިނިވަން ނޫސްވެރިކަމަކަށް ފުރުޞަތު ލިބުމުން ލިޔުން ތެރީންނާއި ފާޑުކިޔާމީހުންގެ އެންމެބޮޑު އަމާޒަކަށްވީ ޢުމުރުން އެންމެ ދެއަހަރުވީ އައްޑޫ ސިޓީ ކައުންސިލެވެ. ހަމައެހެންމެ އައްޑޫގައި ހިނގާ ކޮންމެ ނޭދެވޭ ކަމެއްގެ " ފޫޅު ކަނޑަނީ" ވެސް އައްޑޫ ސިޓީ ކައުންސިލަށެވެ.
2011 ވަނަ އަހަރު ރާއްޖޭގައި ލާމަރުކަޒީ ނިޒާމަކުން އަތޮޅު ތަކާއި ރަށްތައް ހިންގުމަށް ކައުންސިލް ތަކެއް އިންތިޚާބުު ކުރެވުނުއިރު އޭރުގެ ސަރުކާރުން ނިންމެވީ އައްޑޫގައި ސިޓީ ކައުންސިލެއް ޤާއިމު ކުރެއްވުމަށެވެ. ނަތީޖާ އަކަށްވީ އައްޑޫގައި ހަ ކައުންސިލަރުންގެ މައްޗަށް އެކުލެވޭ ސިޓީ ކައުންސިލެއް އުފެދުމެވެ. އަައްޑޫ ސިޓީ ކައުންސިލް އިންތިޚާބު ކުރުމަށްޓަކައި އިންތިޚާބަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލުމާއެކު ކުރިމަތިލެއްވި ކޮންމެ ކެންޑިޑޭޓަކީވެސް އެބޭފުޅެއްގެ ރޮނގުން ތަޢުލީމާއި ތަޖުރިބާ ހުރި ބޭފުޅެކެވެ. އެހެންކަމުން އިންތިޚާބު ކާމިޔާބުކޮށް ކައުންސިލަށް ހޮވިވަޑައިގަތް ހަ ބޭފުޅުންނަކީވެސް ވެރިކަން ކުރާ މާލޭގެ ސިޓީ ކައުންސިލާއި ރާއްޖޭގެ އެހެން އަތޮޅުތަކާއި ރަށު ކައުންސިލްތަކަށް އިންތިޚާބުވި ގިނަ ކައުންސިލަރުންނާއި ތަފާތު، ތަޢުލީމާއި ތަޖުރިބާ ހުރި ބޭފުޅުންނެވެ. އައްޑޫ ސިޓީއެއްގެ ގޮތުގައި ތަރައްޤީ ކުރަން ބޭނުންވާ ހުރިހާ ދާއިރާ އެއްގެ ތަޖުރިބާ ޒުވާން އައްޑޫ ސިޓީ ކައުންސިލުގައި އެބަހުއްޓެވެ. ތަޢުލީމާއި ފަތުރުވެރިކަމާއި ވިޔަފާރި އަދި އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅުންތަކެއްގެ މައްޗަށް އެކުލެވޭ މިޓީމަށް އެހީތެރިވެ ސިޔާސަތު ތަންފީޒު ކުރަން އައްޑޫގައި އޮތް ސިވިލްސާވިސް އަކީވެސް ޤާބިލް ޓީމެކެވެ.
އައްޑޫގެ ތަރައްޤީއަށް އެދި ތިބި ރައްޔިތުން ހަނދާން ކުރަންޖެހޭ ކަމަކީ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ހިނގަމުންއައި އެތައް ޤަރުނެއްގައި ވެފައިނެތް ތަރައްޤީ އެއް ނުވަތަ ވިއްސަކަށް އަހަރު ތެރޭގައި މާލީގޮތުން ކުރިއަރާފައިވާ އިނގިރޭސި ސަރުކާރަށް އައްޑޫ މީހުނަށް ކޮށްނުދެވުނު ކަމެއް ދެތިން އަހަރު ތެރޭގައި ސިޓީ ކައުންސިލަށް ކޮށް ނުދެވޭނެކަމެވެ. މިއަދުގެ ދުނިޔޭގައި ފައިސާ އާއި ނުލައި ކުރެވޭނެ މާބޮޑުކަމެއް ނެތްކަމެވެ. ކިތަންމެ މޮޅު ޑޮކްޓަރަކު ހުއްޓަސް ބޭހާއި ނުލައި ރަނގަޅު ފަރުވާއެއް ނުދެވޭނެ ކަމެވެ.
އައްޑޫ ތަރައްޤީކޮށް ކުރިއެރުވުމަށް ސިޓީ ކައުންސިލަށް މިއަދު ކުރެވެންއޮތް އެންމެ ބޮޑު މަސައްކަތަކީ ތަރައްޤީގެ ޚިޔާލު އުފެއްދުމެވެ. މިވަގުތަކީ އައްޑޫގައި ޓްރާންސްޝިޕްމެންޓް ބަނދަރެއް ހެދުމުގެ ވާހަކަ ދެކެވެންވީ ވަޤުތެވެ. ކަނޑިހެރަ މެދަށްވާގޮތަށް މާކަނޑާއި ކޮޑަކަނޑު މަތީން ބުރިޖެއް އަޅައި އައްޑޫ ސިޓީ ގުޅާލުމުގެ ވާހަކަ ދެކެވެންވީ ވަޤުތެވެ. ގުޅިފަޅު ހިއްކުނީ ގުޅިފަޅު ހިއްކުމުގެ ވާހަކަ ދައްކަންފެށިތާ ވިއްސަކަށް އަހަރު ފަހުންނެވެ. ހުޅުމާލެ ތަރައްޤީ ކުރެވުމުގެ މާކުރީން އެކަމުގެ ވާހަކަ ދެކެވުނެވެ. އެހެންކަމުން އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރަންޖެހިފައިވާ މަސައްކަތަކީ އައްޑޫ ތަރައްޤީ ކުރުމުގެ ދުރު މުސްތަޤުބަލެއްގެ މަޝްރޫޢު ރޭައްވެވުމެވެ. ތަރައްޤީގެ ޚިޔާލު އުފެއްދުމެވެ. ކުރަންޖެހޭ ކަންތައްތަކުގެ ވާހަކަ ޢާއްމުންގެ މެދުގައި ދެއްކުވުމެވެ. އޭރުން ދައުލަތުގެ މުޅިބަޖެޓާ އެކު ޤައުމާއި ޙަވާލުވާން މަސައްކަތް ކުރާ ފަރާތްތަކަށް އައްޑޫ ރައްޔިތުންގެ އުއްމީދު ތަކާއި ސިޓީ ކައުންސިލުގެ ހުވަފެން ތަކުގައި ކުލަ ޖައްސައި ދިނުމަށް ހުށަހެޅޭނެއެވެ. އަދި މަޑުމަޑުން ނަމަވެސް އެކަންތައްތައް ޙާޞިލު ކުރެވޭނެއެވެ.
އަޅުގަނޑަކީވެސް އައްޑޫގައި ދިރިއުޅޭ އައްޑޫ މީހަކަށްވާތީ އައްޑޫގެ ގިނަ މީހުންގެ ވިންދުގައި އިނގިލި އޮބާލަން ރަނގަޅަށް އެނގެއެވެ. އެމީހުންގެ ފިކުރުތައް ޤަބޫލުކުރެވެއެވެ. މިފިކުރުތަކާއި ޚިޔާލު ތަފާތުވަނީ ކޮންބަޔަކު ކަން އައްޑޫގެ އެންްމެނަށް އެނގޭ ބީދައިން އަޅުގަނޑަށްވެސް އެނގެއެވެ. އައްޑޫގެ ތަރައްޤީއަށް މަސައްކަތް ކުރުމުގެ ނަމުގައި އައްޑޫގެ ކަންތައްތަކާބެހި ހައްދަވަނީ މީގެ އަހަރު ތަކެއް ކުރީން އައްޑޫގައި ދިރިއުޅެފައި މާލެއަށް ބަދަލުވެ އެބޭފުޅުންނަށް ލިބުނު އާމްދަނީ މާލެއަށް ހޭދަކުރައްވައި، މާލެ ސިޓީއެއްގެ ފެންވަރަށް ތަރައްޤީ ކުރެއްވުމުގައި ހިއްސާވި "މާލޭ ޑިވެލޮޕްމަންޓް ކޮމިޓީ"ގެ މެމްބަރުންނެވެ. އެބޭޅުންނަކީ މާލޭގެ ހޮޓަލަކުން މެންދުރު "ބައްކައިގެން" މާލޭގެ ދަފްތަރުގައި އެބޭފުޅުންގެ ރަޖިސްޓަރީ ކުރެވިގެން ތިއްބެވި މާލޭގެ ބީރައްޓެހީންނެވެ. ލިބިވަޑައިގެންނެވި ހުރިހާ ފައިސާއެއް މާލޭގެ ތަރައްޤީއަށް ހޭދަ ކުރައްވައި މާލެ ތަރައްޤީ ކުރެއްވިއިރު އައްޑޫ ސިޓީއަށް ލިބިފައިވާ އުމްރާނީ ނިކަމެތިކަމަކީ އެބޭފުޅުން ކުރިން ދިރިއުޅުއްވި ގެތައް ވީރާނެވެ، ފުރާޅުގެ ޓިނު ދަބަރަށްވެ ގޭގެ ފާރުތައް ވެއްޓުމުން އައްޑޫއަށް ލިބިފައިވާ ނިކަމެތިކަން ކަމުގައި އެބޭފުޅުންނަށް ޤަބޫލެއް ނުކުރެވެއެވެ. އައްޑޫގެ ކޮންމެކަމަކާ ބެހި ފާޑުކިޔުންނޫންކަމެއް ކޮމިޓީގެ މަޤްޞަދުގެ ތެރޭގައި ނެތް ކޮމިޓީގެ މެމްބަރުން އައްޑޫގެ ކަންތައްތަކާ ބެހި ހައްދަވާއިރު މާލެ ތަރައްޤީ ކުރަން ފައިސާ ހޭދަކުރެއްވި ފަރާތްތަކުން އައްޑޫއަށް ދެއްވި ހަދިޔާއަކީ އާރޯކަމެއްނެތް ފަޅު ގެތަކެއް ކަން ހަނދާންނެއް ނުހުރެއެވެ. އައްޑޫގެ ތަރައްޤީގައި އެބޭފުޅުނަށް ކުރެވޭނެ މަސައްކަތްތައް ހުރެމެ، އެކަންތައްތަކަށް ފިއްލަވާ ވަޑައިގެން ތިއްބަވައިގެން ސިޓީ ކައުންސިލުގެ ކައުންސިލަރުން އޮފީހަށް ވަޑައިގަތުމަށްޓަކައި ހިންގަވާާއިރު އަޅުއްވާ ފިޔަވަޅު ގުނުމާ ހިސާބަށް ކަންތައްތަކާބެހި ހައްދަވަނީއެވެެ. އައްޑޫގައި ސަރުކާރުން އޮފީހެއް ހެއްދެވިޔަސް އެއޮފީހުގެ މަސައްކަތު މީހަކަށް ވާންޖެހެނީ ކާކުކަން އެނގެނީވެސް މިކޮމިޓީއަށެވެ. ކުންފުންޏެއް އުފައްދަވައިފިނަމަ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޑިރެކްޓަރުންނަށް ހައްދަވަންޖެހެނީވެސް މިކޮމިޓީއަށް ފެންނަ ބަޔެކެވެ.
ބޭރުގެ ބާރުގަދަ ދައުލަތް ތަކުން ރާއްޖޭގެ ދާޚިލީ ކަންތައްތަކާ ބެހި ހަދާވާހަކަ ދައްކަމުންދާ މިޒަމާނުގައި ހަނދާންކޮށްލަން ޖެހެނީ މިއަހަރު ފަހުކޮޅު ބޭއްވޭ ރިޔާސީ އިންތިޚާބާ ދިމާކޮށް މި ކޮމިޓީ އައްޑޫއަށް އަންނާނެކަމެވެ. އައްޑޫ ރައްޔިތުންގެ "ދާޚީލީ ކަންތައްތަކާއި" ބެހޭނެކަމެވެ. ކޮމިޓީ ޙަރަކާތްތެރިވާނީ އައްޑޫ ރައްޔިތުންގެ ވޯޓު ލުމުގެ މިނިވަންކަން ފޭރިގަންނަހާ ހަރަކާތްތެރިކޮށްކަމެވެ. ކަހުފު ބާގައިގެ ހަނދާން ތަކާއެކު ކޮމިޓީގެ ބޭފުޅުން ބައްދަލު ކުރައްވާ ޒުވާނުންނަކީ އަދި އެބޭފުޅުން ވަދެވަޑައިގަންނަވާ ގެތަކަކީ ކޮން ބައެއްގެ ގެދޮރެއްކަން އެނގި ވަޑައިނުގެން ތިއްބަވައި ކެމްޕޭނު ކުރެއްވުމަށްފަހު ވޯޓުލާ ދުވަހު މާލޭ ދަފްތަރު މީހުން ވޯޓުލާ ފޮއްޓެއް ހުރިތަނެއް ބައްލަވައިގެން ވޯޓުލައްވާނެއެވެ. އަދި ކޮންމެ ކެންޑިޑޭޓަކު އިންތިޚާބު ކާމިޔާބު ކުރެއްވިޔަސް އައްޑޫގެ ވޯޓު ހޯދައި ދިނީ އެބޭފުޅުންގެ ބުރަ މަސައްކަތުން ކަމުގައި "ކަމާބެހާ ފަރާތްތަކުގައި" ދަންނަވައިގެން މެޑެލް ޖައްސަވާނެއެވެ.
އައްޑޫ ދެކެލޯބިވާ އައްޑޫ ސިޓީ ކައުންސިލާއި އައްޑޫ ރައްޔިތުން އިންތިޚާބުކޮށްފައިވާ މަޖުލީހުގެ މެމްބަރުންގެ މަސައްކަތްޕުޅަކަށް ހައްދަވަންވީ ވޯޓާއި ދިމާކޮށް އައްޑޫއަށް އަންނަ "ބީރައްޓެހީންނަށް" ވިސްނައިދީގެން އެމީހުން އައްޑޫ އަށް ލޯބި ހުރިކަމަށް ބުނާނަމަ އެކަން ސާބިތުކޮށް ދިނުމަށް މަސައްކަތް ކުރުވުމެވެ. އެމީހުންގެ ފަޅު ގެތަކަށް އާރޯކަން ގެނެސްދެއްވުމެވެ. މާލެ ސިޓީއަކަށް ތަރައްޤީ ކުރުމަށް މާލެއަށް ފައިސާ ހޭދަ ކުރުމުގެ ބަދަލުގައި އައްޑޫއަށް ދިރިއުޅުން ބަދަލުކޮށް އައްޑޫ އާރާސްތު ކުރުވުމެވެ. މާލޭގެ ދަފްތަރުގައި ޖެހިގެން ތިބެ ރައްޔިތުންގެ މަޖުލީހާއި ސިޓީ ކައުންސިލްގެ ގޮނޑިއެއް މާލެއަށް އިތުރުކޮށްދިނުމުގެ ބަދަލު ގައި އައްޑޫގައި ރަޖިސްޓްރީވެ އައްޑޫއަށް އެގޮނޑިތައް އިތުރުކޮށްދިނުމެވެ.
ދިރިއުޅުމުގެ ކަންތައްތަކަށް ފައިސާ ހޯދުމަށް ވަޒީފާ އަށްޓަކައި މާލެއަށް ބަދަލުވި މީހުންގެ ތެރޭގައި އައްޑޫ ދެކެ ލޯބިވާ ދަރީން އެބަތިއްބެވިއެވެ. ގިނަގިނައިން އެބޭފުޅުން ރަށަށް ވަޑައިގަންނަވައެވެ. ރަށުގައި އެބޭފުޅުން ގެ ފައްކާ ގެދޮރު އެބަހުއްޓެވެ. ރަށުން ދިމާވާ ކޮންމެ މީހަކީ ދަންނަ ރައްޓެއްސެކެވެ. މިފަދަ ބޭފުޅުންގެ ތެރޭގައި އިމާދު ޞާލިޙާއި ވާރުގޭ ޝާހިދު ޢަލީ އަކީ ފާހަގަ ކޮށްލަންޖެހޭ ދެބޭފުޅުންނެވެ.
ޑޮކްޓަރ ސިމާދު ސަޢީދާއި އޭނާގެ ޓީމުގެ މެމްބަރުންނަކީ އެބޭފުޅުންގެ ޕްރޮފެޝަނަލް ރޮނގުން އަތޮޅަށް ޚިދުމަތް ކުރެއްވުމުގައި ނަމޫނާ ބައެކެެވެ. ނޫސްވެރިކަމުގެ ދާއިރާއިން ކިތަންމެ ކުރިއަކަށް ވަޑައިގެން ހުންނެވިޔަސް އައްޑޫގެ ފަޤީރު ނޫސްވެރިކަމުގައި އައި.އެލް ހިއްސާވެ ނޫސްވެރިކަމުގައި އައްޑޫއަށް ތަރައްޤީ ގެނުވުމުގައި ބައިވެރިވެއެވެ. އައްޑޫގެ ކުޅިވަރު ތަރައްޤީ ކުރުމުގައި ޑިލައިޓް އަލީގެ ހިއްސާ އަބަދުވެސް އޮވެއެވެ. އައްޑޫގައި ރޭވޭ ކޮންމެ އިޖުތިމާޢީ ޙަރަކާތެއްގައި ގްލޯބަލް ލިންކްސް ގެ ދައުރު އެއްދުވަހުން އަނެއްދުވަހަށް ފުޅާވެ، މުޙައްމަދު ޖުނައިދުގެ އެހީތެރިކަންދަނީ އިތުރުވަމުންނެވެ. އައްޑޫ ރައްޔިތުންނަށް ހުރިހާ ރޮނގަކުން އެހީތެރިވުމުގައި އެފް އެންޑް ސީ ބްރަދާސް އެއީ ނަމޫނާއެކެވެ. ޞިއްޙީ ފަރުވާ އަތްފޯރާ ފަށަށް ގެނެސް ދެއްވުމުގައި ޑޮކްޓަރ އިބްރާހީމް ރަޝީދާއި އެފް އެންޑް ސީ އަކީ އާއްމު ޚިދުމަތުގެ ހިތްވަރު ދޭން ޖެހޭ ފަރާތެކެވެ. އެކަހެރިކޮށް ދިރިއުޅެމުންދާ ހުޅުމީދޫ ރައްޔިތުންނަށް ސަންލައިޓް މޫސާ ފަތުޙީ އަކީ ހަނދާން ނައްތާލެވޭނެ ބޭފުޅެއް ނޫނެވެ. ހެޕީމާކެޓް މުޙައްމަދު ނަޢީމަކީ ވެސް އަތޮޅަށް ޚިދުމަތް ކުރެއްވުމާއި އަތޮޅު ތަރައްޤީ ކުރުމުގައި ބައިވެރިއެކެވެ. ދުނިޔޭގެ ފެންވަރުގައި މަޝްހޫރު ކަމާއި މޮޅުކަން ލިބިވަޑައިގަތަސް ޕްރޮފެސަރ ޙަސަން އުޤައިލު އައްޑޫގެ މަގުމަތީން ފެނެއެވެ. އެހެންކަމުން މިބޭފުޅުންނާއި ދޭތެރޭގައި އައްޑޫގެ ރައްޔިތުންގެ ރުހުމާއި ލޯބި ތާއަބަދަށް ދެމި އޮންނާނެއެވެ. އެބޭފުޅުންނަކީ އަތޮޅުގެ ތަރައްޤީގައި ބައިވެރީންނެވެ. އަތޮޅަށް ހެޔޮ އެދިވަޑައިގަންނަވާނަމަ "މާލޭޑިވެލޮޕްމަންޓް ކޮމިޓީ"ގެ ބޭފުޅުންވެސް މިދެންނެވި ބޭފުޅުން މާދިރީއަކަށް ބައްލަވައިގެން އަތޮޅަށް ޚިދުމަތް ކުރައްވާށެވެ. ސިޓީ ކައުންސިލަށް އެހީތެރިވެ އެންމެން އެއްރޫޙެއްގައި މަސައްކަތް ފައްޓަވާށެވެ. އޭރުން "މާލޭ ޑިވެލޮޕްމަންޓް ކޮމިޓީ"ގެ ބޭފުޅުން ނަށް އައްޑޫވެސް ސިޓީއެއްގެ ގޮތުގައި ތަރައްޤީ ކުރުމުގައި ބައިވެރިވެވުނީއެވެ. "އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީ" ވުޖޫދަށްވެސް ގެނެވުނީއެވެ.
އައްޑޫގައި ދިރިއުޅޭ ގިނަ ރައްޔިތުންނަކީ އަތޮޅުދެކެލޯބިވާ ބައެކެވެ. އެމީހުންނަށް ޚިދުމަތް ކުރައްވާ އަދި އެމީހުނާއި ގާތް ގުޅުން ބަހައްޓަވާ ފަރާތްތައް ހަނދާން ނައްތާލާ ބައެއްނޫނެވެ. އެމީހުންގެ ކަންތައްތަަކާއި ބަސްބުނަން ޙަވާލު ކުރަނީވެސް އެމީހުނާއެކު އުޅުނު، އެމީހުންގެ ކަންތައްތައް ރަގަޅަށް އެނގޭ ފަރާތްތަކާއެވެ. ރައްޔިތުންގެ މަޖުލީހަށް މީހުން ހޮވުމުގައި ހިތަދޫަ މީހުން ނިންމި ނިންމުމުން މިކަން ސާބިތުވެއެވެ. އެއްގޮނޑިއަށް ހޮވީ މަދަރުސާއަށް ބޭނުންވާ ފޮތްފަންސުރު ދަރިވަރުންގެ އަތްފޯރާފަށަށް ގެނެސްދިނުމުގެ އިތުރަށް ދަރިވަރުން ސްކޫލާ ހަމައަށް ގެންގޮސް ދިން ހީވާގި ޒުވާނާއެވެ. އަނެއްގޮނޑިއަށް ހޮވީ ނިޒާމީ ތަޢުލީމުން ފުރުޞަތު ގެއްލޭ ކުދީންނަށް ކިޔަވައި ދިނުމަށްޓަކައި އަމިއްލަ ސްކޫލެއް ހިންގައި އެސްކޫލުގައި ކިޔަވައިދޭން ހުރި މުދައްރިސެވެ. އަނެއް ގޮނޑިއަށް ހޮވީ ރައްޔިތުންގެ ޙާލު އަޙުވާލު ބަލައި ރަށް ތަަރައްޤީ ކުރުމުގައި ރެއާދުވާލު ނިދި ނަންގަވާާލައްވައިގެން މަސައްކަތް ކުރެއްވި ބޮޑުކަތީބެވެ. ކުރިއަށް އޮތް ދުވަސް ތަކުގައި އައްޑޫގެ އެހެންރަށްރަށުގެ މީހުންވެސް ހިތަދޫ މީހުންގެ ނަމުނާ ބަލާނެއެވެ. އަދި "ކަހުފު ބާގައިގެ މީހުން" ގެ ވާހަކަ އިތުރަށް ދަސް ކުރާނެއެވެ.