މިއީ ހިތަދޫ މަދިރިފެލާ ނުވަތަ ގުދަނުގައި އަޅުގަނޑު ހޭދަކުރި އެކާވީސް ދުވަހުގެ ވާހަކައެވެ. އެއީ ނުވަދިހައިގެ އަހަރުތަކެވެ. މިޒަމާނުގެ ޅަޒުވާން ކުދިންނަށް އިބުރަތަކަށް ވާނޭކަމަށް ހިތައި މިވާހަކަ އައްޑޫލައިވުގައި ޝާއިއު ކުރަނީއެވެ. މީގައި ދޮގެއް އޮޅުވައިލުމެއް ނުވާނެއެވެ.
އަޅުގަނޑު ގުދަނަށްލީ ދުވަހުގެ ފަހު ދުވަހަކީ ރޯދަމަހެއްގެ އެއްވަނަ ދުވަހެވެ. އެގުދަން ހުންނަނީ އޭރުގެ އަތޮޅު އޮފީހާ ވަކިން އެއިމާރާތުގެ ދެކުނުން އަތިރިމައްޗަށްވާ ގޮތަށެވެ. ގުދަނުގެ ވަށައިގެން އުސްފާރެއް ރާނާފައި ހުރެއެވެ. އެހެންވީމާ އަތޮޅު އޮފީހުގެ އިރުމަތީ ފެންޑާއާއި ދެކުނު ފެންޑާއަށް ނިކުންނަ މީހުންނަށް ގުދަނުގެ ތެރޭގައި ހިގާއެއްވެސް ކަމެއް ނުފެންނާނެއެވެ. ގުދަނާއި ގޮނޑުދޮށާ ދޭތެރޭ ގާތްގަޑަކަށް ތިރީހަކަށް ފޫޓް ހުންނާނެއެވެ. ގުދަނުން ނުކުމެގެން ސީދާ މޫދަކަށް ނުފޭބޭނެއެވެ. އެއީ މޫދާކައިރިން ގުދަނުގެ ދެ އިންފާރަށް ހުރަސްވާގޮތަށް ނަރުދާ ޖަހާފައި ހުންނަ ކަމުންނެވެ.
ގުދަނާއި ގޮނޑުދޮށާ ދޭތެރޭގައި އޮންނަ ހުސްތަންކޮޅުގައި އާދައިގެ ދިގުމިނުގެ ދެ ރުއް ހުރެއެވެ. އިތުރު ގަހެއް ނުހުރެއެވެ. ދެން ހުންނަނީ މުޅިންވެސް ކަކުނި ހޮރެވެ. އޭގެ ބައިވަރެއް އޮވެއެވެ. ގުދަނުގެ އުސްމިނުގައި ހުންނާނީ ހައެއްކަ ފޫޓެވެ. ތެޅިގަލުން ރާނާފައި އެތެރޭގައި އުވަޖަހާފައި ދަގަނޑު ޓިނުން ހިޔާކޮށްފައި ހުންނަ ތަނެކެވެ. ދިގުމިނުގައި ބާރަވަރަކަށް ފޫޓެވެ. ފުޅާ މިނުގައި އަށެއްކަފޫޓުވަރެވެ. ގުދަނުގެ އުތުރު ފާރުގައި ތޭރިޖަހާފައި ހުންނަ ކުޑަވަރެއްގެ ބާގަނޑެއް ހުރެއެވެ. އިރުމަތީ ބިތުގެ ފާރުގައި ވެސް ދަގަނޑު ތޭރި ޖަހާފައި ހުންނަ ކުޑަދޮރެއް ހުރެއެވެ. މައިދޮރުވެސް ހުންނަނީ އެފާރުގައެވެ. އެއީ ވެސް ތޭރިޖަހާފައި ހުންނަ ދަގަނޑު ދޮރެކެވެ. ބިންމަތީގައި އޮންނަނީ ސިމެންތި ފަށަލައެކެވެ. ގުދަނުގެ ދިގަށް ވާގޮތަށް އިހުޒަމާނުގެ ލަކުޑި އަނދަގޮނޑިއެއް އޮވެއެވެ. އުތުރު ފާރުން ދެކުނު ފާރަށް އޮންނަނީ އެއަނދަގޮނޑިއެވެ. އޭގެ ހުޅަނގަށްވާގޮތަށް ބަހައްޓާފައި ހުރީ ހުޅުވައިލެއްޕޭ ޒާތުގެ އެނދެކެވެ. އެއެނދުގައި ޖަހާފައިއޮތް ތަރަފާލުގަނޑުގެ އުމުރާ މެދު އެއްޗެއް ބުނަން އުނދަގުލެވެ. ހަމަގައިމުވެސް ކޮން ކުލައެއްކަން އެނގޭވަރަށްވުރެ މުޑުދާރުކަން ބޮޑެވެ. އޭގައި އޮށޯވެއްޖެނަމަ ތެދުވާން ޖެހޭނީ އެނދާއެކުގައެވެ.
ރޭގަނޑަކަށް އިރުއޮއްސިއްޖެނަމަ މަދިރީގެ ނުހޮރޮއްޕާން ފެށުނީއެވެ. އިރުއެރުމުގެ ކުރިން ލޭކޮޅު ބޯލައި ހުސްވެދާނެ ކަމުގެ ބިރު ބޮޑެވެ. އެއްގޮތަކަށްވެސް ނިދޭވަރެއް ނޫނެވެ. ދުވާލަކަށް އިރު އަރައިފިއްޔާ ހޫނުގަދަކަމުން ކެތްވާވަރެއް ނޫނެވެ. ހާޖަތަކަށްދެވޭނީ ވެސް ކަނޑައެޅިފައި އޮންނަ ވަގުތުތަކުގައެވެ. އެނޫން ވަގުތެއްގައި ހާޖަތަކަށްދާނަމަ ދާން ޖެހޭނީ ގުދަނުގެ ތެރެއަށް ގަޔަށެވެ. ބޮޑުކަމު ހާޖަތަށް ދާއިރު އަދި މާބޮޑަށްވެސް ވިސްނައިލާން ޖެހެއެވެ. ކަކުނި ހޮރުތަކުގެ ތެރެއަށް ނުކުމެ ފޫކޮޅު ތިރިކޮށްލާއިރަށް ގުނަވަނަކަށް ކަކުނީގެ ހަމަލާއެއް އަމާޒުވުމުގެ ނުރައްކާ ނުހަނު ބޮޑެވެ.
ބެޑްޝީޓެއް ބާލީހެއް ނެތެވެ. ދަތް އުނގުޅާ ބުރުހެއް ސައިބޯންޏެއް ތުވާއްޔެއް ނެތެވެ. ފެންވަރާން ބޭނުންވާ ވާހަކަ ބުނީމާ ދުވާލަކު އެއްފަހަރު ނެރެއެވެ. ފެންވަރާން ޖެހެނީ އަތޮޅުގޭގެ ބަދިގެއާ ޖެހިގެން ހުންނަ ބޮޑު ވަޅަކުންނެވެ. ދެން އާދޭސްކޮށްގަތީމާ އަތޮޅުގޭގެ ބަދިގޭން ތެލި ތަށިދޮންނާން ގެންގުޅޭ ޒާތުގެ ދޮންނަ ކުނޑިކޮޅެއް ދީފަތެވެ. މިފެންވެރުމެއްވަރާއިރު އެއްވެސް ނިވައިކަމެއް ނޯވެއެވެ. އެކުޅިވަރު ބަލަން އަތޮޅުގޭގެ ބަދިގޭ ފަރާތުގައި މަސައްކަތްކުރާ މީހުން ނިކަން ފޯރި ހުރެއެވެ. އުމުރުން ބާވީސް ތޭވީސް އަހަރުގެ ޒުވާން ފިރިހެނަކު ނިވައިކަމެއް ނެތި ދެކޭން ބޭނުންވާ ބަޔަކު ވެސް ތިބެދާނެތާއެވެ. ސިފަވެސް އޭރަކު މުޅިން ގޯހަކީ ނޫނިއްޔާއެވެ.
ގުދަނުގެ ފާރުގައި އުވަޖަހާފައި ހުންނަކަމުން އޭގައި ނިކަން ރީއްޗަށް ލިޔެވެއެވެ. އެފާރަކީ ގުދަނުގެ ތާރީޚާއި އޭގައި ބަންދުކުރެވުނު އެކި މީސްމީހުންގެ ނަންތަކާއި ވަނަވަރު އަންގައިދޭ ލައިބްރަރީއެއް ފަދަ ފާރެކެވެ. ބަންދުކުރި ތާރީޚުތަކާއި މިނިވަންވި ތާރީޚު އަދި ގުދަނަށް ލެވުނު ސަބަބުވެސް ބައެއް މީހުން ލިޔެފައި ހުއްޓެވެ. އަދި ބައެއް މީހުން ރަށްރަށުގެ ވެރީންނާއި އަތޮޅު އޮފީހުގެ ވެރިންނަށް ވެސް ނިކަން ވަރެއްކޮށްފައި ހުރެއެވެ. އަނެއް ބަޔަކު އަތޮޅުގައި އުޅޭ ރަންޑި ވައްތަރުގެ އަންހެނުންގެ ނަން ލިޔެފައި އެމީހުންނާ މުއާމަލާތުކުރާނެ ގޮތްވެސް އަންގައިދީފައި ހުރެއެވެ.
ކުރީގައިވެސް ދެންނެވިފަދައިން އަޅުގަނޑު ގުދަނަށްލީ ދުވަހުގެ ފަހު ދުވަހަކީ ރޯދަ މަހެއްގެ ފުރަތަމަ ދުވަހެވެ. ރޯދަވީއްލުމާއި ހާރުދަމާއި ތަރާވީސްދަމަކީ އިރުއޮއްސޭ ވަގުތެވެ. ކާންބޯންދެނީ ހަމަ އެންމެ ވަގުތަކުއެވެ. ކާން ހިފައިގެން އަންނަނީ މުސްކުޅިފުރައިގެ އަންހެނެކެވެ. އެކެއުމެކޭ ގެރިބަކަރީގެ ކެއުމެކޭ އެއްވެސް ފަރަގެއް ނުހުރެއެވެ.
މިޒަމާނުގައި މީހުން އެކިޔާ ގުއަންޓަނަމޯބޭ ޖަލާއި ދޫނިދޫ ޖަލާއި މާފުށީ ޖަލަކީ އަޅުގަނޑު ގަބޫލު ކުރާގޮތުގައި ހިތަދޫ ގުދަނަށް ނިސްބަތްކުރާއިރު ހަމަ ސުމެއްގެ ތަންތަނެވެ. މިވަރުގެ ތަނަކަށް އިންސާނަކު ލައިގެން އުޅޭ މީހަކީ އިންސާނީ ކަރާމާތަށް ކިހާ ހުރުމަތެއް ބަހައްޓާ މީހެއް ކަމާއި އޯގާވެރިކަމާއި ރަހުމުގެ ކިހައި މިންވަރެއް ލިބިފައިވާ މީހެއްކަން އޮތީ ހީކޮށްލުމެކެވެ.
ފައިބޯޅަ ކުޅެންހަދައިގެން އަޅުގަނޑުގެ ކަނާތު ކަކޫ ހުންނަނީ ގުޑައިފައެވެ. ގުދަނުގައި ހޭދަކުރި ދުވަސްތަކުގެ ތެރެއިން އެއްދުވަހަކު ފައިއެޅުނު ގޮތަކުން ކަކުލަށް ތަދެއް އަރާއްޖެއެވެ. ދެން މިތަދު ބޮޑުވަމުން ބޮޑުވަމުންގޮސް ހިނގައިނުގަނެވި އޮށޯވެގެން އޮންނާން މަޖްބޫރުވެއްޖެއެވެ. ކާން ގެންނަ ދައިތަޔާއި ހާޖަތަށްދާންވީމާ ގުދަން ހުޅުވާ ކަލޭގެއަށް މިކަން އަންގައިފީމެވެ. އެކަކުވެސް އަޅައެއްނުލިއެވެ. ރޯދަ ވީއްލާގަޑީގައި ކާންވެސް ނުތެދުވެ އަދި ހާޖަތަކަށްދާންވެސް ނުތެދުވެ މިހެން އޮންނާން ފެށީމައި ދެ ދުވަސް ފަހުން އަތޮޅު އޮފީހުގެ ހަރުކުލައިގެ މީހަކު ގުދަނަށްވަދެ އަޅުގަނޑު އޮތް އެނދުގެ ވަށައިގެން ހަޔެއްކަފަހަރު ހިނގާލާފައި އަޅުގަނޑުގެ ނިތްކުރީގައި އަތް ޖައްސާލައިފިއެވެ.
ހުންގަދަކަމުންވެސް ތޯއްޗެކެވެ. މިމީހަކު ޝަހާދަތްކިޔައިގެންފައި މިކުއްޖާ މިއޮތްގެން މަރުވަނީއޭ އަވަހަށް ހަސްފަތާލަށް ގެންދާންވީއޭ ގޮވަމުން ނިކުމެއްޖެއެވެ. އެމީހަކު ނުކުތްތާ ހަމަ ކުޑައިރުކޮޅެއްގެ ތެރޭގައި އެހެން ދެ މީހަކު އައިސް އަޅުގަނޑު ނަގައިގެން ގުދަނުން ނެރެ އަތޮޅުގޭގެ ދެކުނު ފަރާތުގައި ބަހައްޓާފައި ހުރި ދިގު ގޮނޑިއެއްގައި ބާއްވައިފިއެވެ. އެތާގައި ބައިގަޑިއިރުވީފަހުން އަނެއްކާވެސް ނަގައިގަނެގެން ގެންގޮސް އެމްބިއުލާންސަކަށްލައިފިއެވެ. އޭގައި ގެންދިޔައީ ހިތަދޫ ހޮސްޕިޓަލަށެވެ. ހޮސްޕިޓަލުގައި އަޅުގަނޑު ބެލީ ޑޮކްޓަރެއް ނޫނެވެ. ޑޮކްޓަރެއް ނެތީވެސް ތޯއްޗެކެވެ. ދެން ބެލި މީހަކު އަޅުގަނޑު ބަލާފައި ހުން ފިނިކުރާން ބޭހެއްދީފައި އެތާގައި ބާއްވައިފިއެވެ. ހުން ފިނިވީމާ އައިސް ޚަބަރު އޮޅުންފިލުވީމާ ކަކުލުގެ ވާހަކަޔާއި ހިނގައި ނުގަނެވޭ ވާހަކަ ބުނެފީމެވެ.
މީނާ އަޅުގަނޑުގެެ ކަކޫ ބަލާފައި ކާން ގުޅަ ބޭހަކާއި އުނުގުޅާން ބޭހެއް ދީފައި މިތާގައި އެޑްމިޓްވެގެން އޮންނާން ބޭނުންތޯއަހައި އޮންނާން ބޭނުންނަމަ އެކަން ހަމަޖައްސައިދީފާނެ ކަމަށް ބުނެފިއެވެ. އޭނާވެސް ހީކުރީ އަޅުގަނޑު ގުދަނުގައި ނޯންނާންވެގެން ކަކުލޭ ކިޔައިގެން އެކްޓްޖައްސަނީ ކަމަށެވެ. މިހެން ހިތަށް އެރުމުން ޒާތަކަށް ރުޅިގަދަވެގެން ބުނެފީމެވެ. މަރުވިޔަސް އޮންނާނީ ގުދަނުގައެވެ. އެހެން ބުނުމުން އަތޮޅު އޮފީހުން އަޅުގަނޑާ ހަވާލުވެގެން އައި މީހާ ކާރަކަށް ލައިގެން އަޅުގަނޑު އަނެއްކާވެސް ގުދަނަށް ގެންގޮސްފިއެވެ.
އަޅުގަނޑު ގުދަނުގައި އޮތީ އެކާވީސް ދުވަހުއެވެ. އެހައިދުވަހަށް ގުދަނުގައި އޮތީ އެމުއްދަތަށްފަހު އަޅުގަނޑު މިނިވަންކުރުމަށް އަތޮޅުވެރި ދީދީ އާއި އޭނާގެ އައުވާނުން ގަސްތުކޮށްފައިވާތީއެއް ނޫނެވެ. އެމީހުންގެ ޕްލޭނުގައި އޮތީ ރަށު އޮފީހުގެ ބަޔާނާއި އަތޮޅު އޮފީހުގެ ބަޔާނާއެކު ކަނޑުމަގުން އަޅުގަނޑު މާލެ ފޮނުވުމަށެވެ. ދެން އެބަޔާންތަކަށް ރިއާޔަތްކޮށް ފުލުސް ކޯޓުން ފަންސަވީސް އަހަރު ދުވަހުގެ ހުކުމެއް އިއްވައިފާނެ ކަމަށެވެ. އޭރު ސިޔާސީ މައްސަލަތަކުގައި އަވަސް ނިޔާ ކަނޑައަޅަނީ ފުލުސް ކޯޓުންނެވެ. މީހަކު އެއްބަސްވިޔަސް ނުވިޔަސް ހުކުމް އޮންނަނީ އިއްވައިފައެވެ. އެތަނުގައި ހުންނަ މޭޒާއި ގޮނޑި އަދި ކަރުދާސްފަދަ ތަކެއްޗަކީވެސް މީސްމީހުންގެ ކުށުގެ މައްޗަށް ހެކިދޭ ތަކެތިކަމުގައިވެއެވެ.
އަޅުގަނޑު ގުދަނަށްލީތާ ދެތިން ދުވަސްފަހުން ކުރިމަތިވީ ވަރަށް ގަދަފަދަ ވިއްސާރައެކެވެ. މިވިއްސާރައިގެ ސަބަބުން އެއްވެސް އޮޑިޔަކަށް މާލެދާން ނުފުރެއެވެ. އެހެންވީމާ އޮޑިއެއް ފުރަންދެން ގުދަނުގައި އޮންނާން ޖެހުނީއެވެ. އަޅުގަނޑު ގުދަނަށްލީއިރު ބަރުދަނުގައި ފަސްދޮޅަސް ފަސްކިލޯ ހުއްޓެވެ. ނެރުނުއިރު ފަންސާސްވެސް ހަމައެއްނުވެއެވެ. އަޅުގަނޑުގެ ގެއިން އަންނައުނު ފޮނުވިއެއްކަމަކު އެޔަށްވީގޮތެއް ނޭގެއެވެ. އަރައިގެން ހުރި ޓެނިހަށްވީގޮތެއްވެސް ނޭގުނެވެ. އެހުރިހައި ދުވަހު ލައިގެން އުޅުނީ އެންމެ ހެދުމެކެވެ. ގުދަނަށް ލީއިރު އަޅުގަނޑު ހުރީ ޖީންސެއް ލައިގެންނެވެ. ނެރުނުއިރު އަޅުގަނޑު ހުރީ ހަމަ އެޖީންސް އަނދެގެންނެވެ.