ގޯދިއްޔާ ފުޓްސަލް މުބާރާތް ބާއްވަން ފެށި ފަހުން މަލްޓި ޖީނިއަސް ސިޓީން އެ މުބާރާތުގައި ބައިވެރިނުވާ އަހަރެއް ނުދެއެވެ. އެއީ އެޓީމާއި މުބާރާތާއި ހުރި ގުޅުމެވެ.
ހިތަދޫ އުސްގަނޑަ ސަރަހައްދަށް ނިސްބަތްވާ މި ޓީމުން މިފަހަރުގެ މުބާރާތާއި ކުރިމަތިލަނީ، އެހެން ފަހަރުތަކާއި ޚިލާފަށް ރަށުން ބޭރުން ބައެއް ކުޅުންތެރިން ގެނެސް ޓީމް ވަރުގަދަކޮށްގެންނެވެ.
މަލްޓި ޖީނިއަސް ޓީމް މިފަހަރު ހިމެނެނީ ގްރޫޕް ބީގައެވެ. އެޓީމާއި އެކު އެގްރޫޕްގައި ދެން ހިމެނެނީ މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ކިޔާ ވީއެޗް އާއި ފޭދޫގެ ގަދަ ބާރެއް ކަމަށްވާ އެފްއާރްޓީ އާއި މުބާރާތުގައި އަލަށް ވާދަކުރާ ނިއުއެމްއެފްސީ އަދި އެފްސީ އަފިރިންނެވެ.
މަލްޓި ޖީނިއަސް ސިޓީގެ ޕްރެކްޓިސް ފޯރީގައި ކުރިއަށް ގެންދާއިރު އެ ޓީމުގެ ކޯޗަކީ، މީގެ ކުރިން އެ ޓީމަށް ކުޅެފައިވާ މުހައްމަދު އަހްމަދު (މޯޑާ) އެވެ. ޓީމުގެ މެނޭޖަރަކީ، ހިތަދޫގައި އެތައް ފުޓްބޯޅަ ޓީމެއް ގޮވައިގެން ނިކުމެ ކާމިޔާބު ހޯދާފައިވާ އަހުމަދު ނާޒިމް (ނާޒާ) އެވެ.
މަލްޓި ޖީނިއަސް ޓީމްގެ މައި ތަނބަކީ ރާއްޖޭގެ ފުޓްބޯޅަ ތާރީޚުގައި ބައިނަލްއަގްވާމީ ދެ މުބާރާތުގެ ރަން މެޑަލް ހޯދި ހަމައެކަނި ކުޅުންތެރިޔާ، ޝަމްވީލް ގާސިމް (ބޮންޑާ)އެވެ. ކުޅުމާއި ދުރުގައި ދުވަސްތަކެއް ހުރުމަށްފަހު ނިމިގެން ދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބަށް ގިނަ ކާމިޔާބީތައް ހޯދިއިރު އެކަމުގެ އެންމެ ބޮޑު އެއް ހިއްސާދާރަކީ ބޮންޑާއެވެ.
ބޮންޑާ އަކީ ގޯދިއްޔާ މުބާރާތުގެ ތަޖްރިބާ ހުރި ހުނަރުވެރި ކުޅުންތެރިއެކެވެ.
'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން މަލްޓި ޖީނިއަސް ސިޓީގެ ކޯޗް މޯޑާ ބުނިގޮތުގައި، މުބާރާތައް ތައްޔާރުވަމުން އަންނައިރު އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ޓީމުގެ ކުޅުންތެރިންގެ މެދުގައި އޮތް އެކުވެރިކަން ކަމަށެވެ.
"ޓީމުގެ ކުޅުންތެރިންގެ މެދުގައި އޮތް އެކުވެރިކަމާއި އެކު، ނިކުމެ ރަގަޅު ކާމިޔާބެއް ހޯދުން އަޒުމަކީ. އިރާދަކުރެއްވިއްޔާ ކާމިޔާބު ފަހަރަކަށް ވާނެ." މޯޑާ ބުންޏެވެ.
މުބާރާތަށް ވަރަށް ފުރިހަމައަށް ތައްޔާރުވަމުންދާ މަލްޓި ޖީނިއަސް ސިޓީގެ ފުރަތަމަ އިމްތިހާނު އޮންނާނީ ޖޫން މަހުގެ 2 ވަނަ ދުވަހުއެވެ. އެރޭ އެ ޓީމުން ނިކުންނާނީ ފޭދޫ އެފްއާރްޓީ އާއި ދެކޮޅަށެވެ.