Last Updated: November 22, 23:40
Friday, November 22, 2024
ކުޅިވަރު

އެފްސީ ބޭރުމަތި: އަމާޒަކީ ތަށި، ސަޕޯޓް ބޭނުން

2016 ވަނަ އަހަރުގެ ގޯދިއްޔާ ފުޓްސަލް މުބާރާތުގައި ވާދަކުރި އެފްސީ ބޭރުމަތި ޓީމް.

ގޯދިއްޔާ ފުޓްސަލް މުބާރާތާ އެފްސީ ބޭރުމަތި ކުރިމަތިލަނީ ވަރަށް ވަރުގަދަ ސްކޮޑަކާއި އެކުގައެވެ. އެ ޓީމުގައި ތިބީ ފުޓްސަލް ކެޕްޓަނުންނާއި ޗެމްޕިއަނުންނެވެ.

ހިތަދޫ 'ކިނބިވައު ސަރަހައްދަށް ނިސްބަތްވާ ޒުވާނުން އިސްނަގައިގެން އެކުލަވާފައިވާ މި ޓީމުގައި ކްލަބް މޯލްޑިވްސް ފުޓްސަލް މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައިވާ ގިނަ ކުޅުންތެރިން ހިމެނެއެވެ.

އެފްސީ ބޭރުމަތީގެ ގޯލް ބަލަހައްޓާނީ، ކްލަބް މޯލްޑިވްސް ފުޓްސަލް މުބާރާތުގައި ވާދަކުރި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޝިރުހާނެވެ. ކްލަބް މޯލްޑިވްސްގައި ބީއެމްއެލްގެ ޓީމުގައި މުހިއްމު ދައުރެއް އަދާކުރި ގަބޭ އާއި ސިނާހު ވެސް ބޭރުމަތި ޓީމުން ފެނިގެންދާނެއެވެ.

ރަށުން ބޭރުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ބޭރުމަތި އެފްސީ އިން އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔަކީ، ދެ ވަނަ ޑިވިޝަންގެ މޮޅު ކުޅުންތެރިއާގެ މަގާމު އަލީ ހާފިޒް (ހާއްޕެ) އެވެ.

އަހްމަދް ނާޝިދު(ނައްޓޭ) އާއި އެފްސީ ރެސްޕެކްޓާއި އެކު ގޯދިއްޔާ ފުޓްސަލް ޗެމްޕިއަންކަން ހޯދާފައިވާ ހަސަން މިފްރާހް (ސީއާރް7) ގެ އިތުރުން ހިތަދޫ ފުޓްބޯޅަ ޓީމުގެ މުހިއްމު ކުޅުންތެރިން ކަމަށްވާ މުހައްމަދު ސިޔާން، އަލީ ފަހުމީ އަދި އަމީން އިބްރާހިމް ވެސް އެފްސީ ބޭރުމަތީގެ ޓީމުން ފެނިގެންދާނެއެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން އެފްސީ ބޭރުމަތީގެ މެނޭޖަރ އަހްމަދު އާސިމް (އައްމައްކޯ) ބުނި ގޮތުގައި މުބާރާތަށް ނިކުންނައިރު އަމާޒަކީ ތަށި ހޯދުން ކަމަށެވެ.

"މިފަހަރުގެ މުބާރާތަށް ޓީމު ނިކުންނަނީ ޗެމްޕިއަންކަން ހޯދުމަށް. ޓީމުގެ ތައްޔާރީތައް ވަރަށް ފުރިހަމައަށް ދަނީ. އިރާދަކުރެއްވިއްޔާ މިއީ، ބޭރުމަތި ފަޚުރުވެރިވާނެ ފަހަރަކަށް ވާނެ"

އައްމައްކޯ ބުނި ގޮތުގައި ބޭރުމަތި އަށް ނިސްބަތްވާ ވީހާ ވެސް ގިނަ ފަރާތްތަކުން ޓީމަށް ސަޕޯޓް ކުރުމަށް ދަނޑަށް ދިއުމަކީ، ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

އެފްސީ ބޭރުމަތީގެ ކޯޗަކީ، މީގެ ކުރިން ގޯދިއްޔާ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދި އެފްސީ ރެސްޕެކްޓަށް ކޯޗުކަން ކޮށްދީފައިވާ އަހްމަދް ނަސީމް(ނަސަމާ) އެވެ. ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މިފަހަރު ފެނިގެންދާނީ، އަހްމަދް އަރީޝް (އަރިއްޓާ)އެވެ.

އެފްސީ ބޭރުމަތީގެ ފުރަތަމަ މެޗްގައި ޖޫން މަހުގެ 4 ވަނަ ދުވަހު ނިކުންނާނީ ޑީސީ ސްޕޯޓްސް އާއި ދެކޮޅަށެވެ.