މި އަހަރުގެ ފިތުރު ޒަކާތް ނެގުމާއި ބެހުމުގައި އަމަލު ކުރާނެ ގޮތެއް އަދިވެސް ސާފު ނުވާ ކަމަށާއި އެކަމާ ވަރަށް ކަންބޮޑުވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފިތުރު ޒަކާތުގެ ބެހުމުގެ މައްސަލަ މިދިޔަ އަހަރު ވެސް ވަރަށް ބޮޑަށް ހޫނުވެފައިވާ ކަމަށެވެ.
އެގޮތުން މިދިޔަ އަހަރުގެ ފިޠުރު ޒަކާތަށް ހިތަދޫ ރައްޔިތުން ނެރުނު ފައިސާގެ ތެރެއިން 48،977.00ރ. ނުބެހި އަދިވެސް ކައުންސިލް އިދާރާގައި އެބަހުރި ކަމަށާއި އެ ފައިސާއާ މެދު އަމަލު ކުރާނެ ގޮތެއް މިހާތަނަށް ވެސް އިސްލާމިކް މިނިސްޓްރީން ކައުންސިލަށް އަންގަވާފައި ނުވާ ކަމަށް ބަޔާނުގައި ބުންޏެވެ.
"މިދިޔަ އަހަރުގެ ފިޠުރުޒަކާތް ބެހުމަށް މިނސްޓްރީން އެކުލަވާލެއްވި ލިސްޓަށް މިނސްޓްރީން ކަނޑަ އެޅުއްވި ގޮތަށް ކައުންސިލްގެ އިދާރާއިން ޒަކާތް ބަހަން ފެށުމުން ޒަކާތުން ބައިލިބުމަށް އެދިގެން އައި ފަރާތްތަކުން ކުރިމަތި ކުރި ސުވާލުތަކަށް ޖަވާބު ދެވޭނެ ގޮތެއް ނެތުމުން މަސްލަހަތު ގެއްލި ޒަކާތް ބެހުން ކުރިއަށް ނުގެންދެވުނެވެ. އަދި މިކަމާ ގުޅިގެން މިނސްޓްރީގެ ވެރިންނާ މުއާމަލާތު ކުރެވި މިނިސްޓްރީން ހަމަޖައްސަވައިގެން ފުލުހުންގެ އެހީތެރކަމާ އެކު ޒަކާތް ބަހަން ކުރި މަސައްކަތް ވެސް ވަނީ ނާކާމިޔާބުވެފައެވެ." ބަޔާނުގައި ބުންޏެވެ. "މިދެންނެވި ހާދިސާގައި ކައުންސިލްގެ އިދާރާގެ އިމާރާތަށް ގެއްލުން ލިބުމުގެ އިތުރަށް މުވައްޒަފުންނަށް ވެސް އެކިވަރުގެ ބިރުވެރިކަމާ ކުރިމަތިލާން ޖެހުނެވެ."
ކައުންސިލުން ބުނީ އެގޮތަށް ކަންކަން ހިނގާފައި ހުރި ނަމަވެސް އިސްލާމިކް މިނިސްޓްރީގެ މަސައްކަތުގެ ތެރޭ ހިމެނޭ ފިތުރު ޒަކާތުގެ ފައިސާ ބަލައި ގަތުމާއި، ޒަކާތުގެ ފައިސާ ދޭން ޖެހޭ ފަރާތްތައް ކަނޑައަޅައި، އެ ފަރާތްތަކަށް ފައިސާ ދިނުމާ އެކަމާ ބެހޭ ގޮތުން ކުރަން ޖެހޭ ކަންތައްތައް ކުރުމުގެ ދާއިރާ އިން އައްޑޫގައި ދޭން ޖެހޭ ޚިދުމަތްތައް ދޭނީ ކައުންސިލުން ކަމަށް މިނސްޓްރީން އެންގި ކަމަށެވެ.
އެހެން ނަމަވެސް މިދިޔަ އަހަރުގެ ރޯދަ މަހު ފިޠުރު ޒަކާތް ބަލައި ގަނެ ޒަކާތް ބެހުމަށް ކައުންސިލުން ކުރި މަސައްކަތް ކުރިއަށް ގެންދެވިފައި ނުވާތީ އާއި މިއަދާ ހަމައަށް ވެސް ކައުންސިލާއި މިނސްޓްރީއާ ދެމެދު ގުޅިގެން މަސައްކަތް ކުރުމުގައި އަމަލު ކުރާނެ ގޮތުގެ އިންތިޒާމްތައް މިނސްޓްރީން ހަމަޖައްސަވާފައި ނެތުމާއި ފިތުރު ޒަކާތް އައްޑޫގައި ބަލައިގަތުމުގެ އިންތިޒާމް އައްޑޫ ސިޓީ ކައުންސިލުން ހަމަޖައްސާނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް އެކަމަކީ ކައުންސިލަށް ކުރިއަށް ގެންދެވިދާނެ ކަމެއް ކަމަށް ނުދެކޭ ކަމަށް ބަޔާނުގައި ބުންޏެވެ.
"މިހެން މިކަން އޮތުމުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ފިޠުރުޒަކާތް ނެރުމާއި ޒަކާތުން ބައި ލިބިގަތުމުގައި ދަތިތަކާ ކުރިމަތިވާނެތީ އައްޑޫސިޓީ ކައުންސިލުން ނުހަނު ކަން ބޮޑުވެއެވެ." ބަޔާނުގައި ބުންޏެވެ.