ރޯދައިގެ މަތިވެރިކަމާއި ބެހޭ ގޮތުން އެތަކެއް ޙަދީޘެއް ވާރިދުވެފައިވެއެވެ. އެގޮތުން ބުޚާރީ މުސްލިމުގައި އައިސްފައިވާ ޞައްޙަ ޙަދީޘްތަކުގެ ތެރެއިން އެއް ޙަދީޘެއްގައި ވަނީ: أَبي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ قَالَ اللَّهُ عَزَّ وَجَلَّ كُلُّ عَمَلِ ابْنِ آدَمَ لَهُ إِلَّا الصِّيَامَ هُوَ لِي وَأَنَا أَجْزِي بِهِ
މާނައަކީ: "އަބޫ ހުރައިރާ ރިވާކުރެއްވިއެވެ. ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވި އަޑު އަހަރެން އެހީމެވެ. ﷲ ޢައްޒަ ވަޖައްލަ ވަޙީކުރެއްވިއެވެ. ރޯދަ ފިޔަވައި، އާދަމުގެ ދަރިއާ ކުރާ ކޮންމެ ޢަމަލަކީވެސް އޭނާއަށްޓަކައި ވާ އެއްޗެކެވެ. ރޯދައަކީ ތިމަން ރަސްކަލާނގެއަށްޓަކައި ވާ އެއްޗެކެވެ. އަދި އެ ކަމަށްޓަކައި ތިމަންރަސްކަލާނގެ އޭނާއަށް ހެޔޮޖަޒާ ދެއްވާނަމެވެ."
މުސްލިމުން ކުރާ ހުރިހާ ހެޔޮކަމަކީ ވެސް ﷲގެ ވަޖުހުފުޅަށްޓަކައި ކުރެވޭ ކަމަކަކަށް ވާތީ، މި ޙަދީޘްގައި އޮތް އަސްލު މާނައަކީ ކޮބައިކަމާ މެދު ޢިލްމުވެރިންގެ ޚިޔާލު ތަފާތުވެފައިވެއެވެ. މި ގޮތުން ބައެއް ޢިލްމުވެރިން ވިދާޅުވެފައި ވަނީ، ޙަދީޘްގެ މުރާދަކީ، ރޯދައަކީ ނަމާދާއި ޙައްޖާއި ޞަދަޤާތް ދިނުންފަދަ ބޭރުފުށަށް ފެންނަ އަޅުކަންތަކާ ޚިލާފު، އެއްވެސް ކަހަލަ ދެއްކުންތެރިކަމެއް އޭގެ ތެރެއަށް ނުވެއްދޭނެ އަޅުކަމެއް ވާހަކައެވެ. އަނެއްބައި ޢިލްމުވެރިން ވިދާޅުވީ އޭގެ މުރާދަކީ، ރޯދައަކީ ﷲ ނުން އެއްވެސް އިލާހަކަށް އަޅުކަމުގެ ގޮތުގައި ކުރެވުނު ކަމެއް ނޫންވާހަކައެވެ. ހީވާ ގޮތުން ބޮޑަށް ރަނގަޅީ ފުރަތަމަ މާނައެވެ.
ކޮންމެއަކަސް، ރޯދަ ވެރިއާ އޭނާގެ ކާނާއާއި ޝަހުވަތް ދޫކުރަނީ މާތް ﷲ އެނގެވިކަމަށްޓަކައެވެ. އެހެން އެއްވެސް ސަބަބެއް އޭގައި ނެތެވެ. އަދި ރޯދަ ހިފައިގެން ހުންނަނީ މީހަކަށް ދައްކާކަށް ވެސް ނޫނެވެ. އިޚްލާޞްތެރިކަމެއް ނެތިއްޔާ، ވަގަށް ކެޔަސް އެކަން އެނގޭނެ އިންސިއެއް ނުހުންނާނެއެވެ.
މުސްލިމް ރިވާކުރެއްވި އެހެން ޙަދީޘެއްގައިވަނީ: لِلصَّائِمِ فَرْحَتَانِ فَرْحَةٌ عِنْدَ فِطْرِهِ وَفَرْحَةٌ عِنْدَ لِقَاءِ رَبِّهِ
މާނައަކީ: "ރޯދަވެރިއާއަށް ދެ އުފަލެއް ލިބެއެވެ. ރޯދަ ވީއްލާވަގުތު ލިބޭ އުފަލާއި، އޭނާ ހައްދަވައި ބޮޑު ކުރެއްވި ކަލާނގެ އާއި ބައްދަލު ކުރެވޭވަގުތު ލިބޭ އުފަލެވެ."
ބުޚާރީ މުސްލިމްގައިވާ އެހެން ޙަދީޘެއްގައިވަނީ: مَنْ صَامَ يَوْمًا فِي سَبِيلِ اللَّهِ بَاعَدَ اللَّهُ وَجْهَهُ عَنْ النَّارِ سَبْعِينَ خَرِيفًا
މާނައަކީ: "އެއް ދުވަހު ވެސް ﷲ ގެ މަގުގައި ރޯދައެއް ހިފައިފި މީހެއްގެ މޫނު، ނަރަކައާއި ހަތްދިހަ އަހަރުގެ ރާސާތާއަކަށް، މާތްﷲ ދުރުކުރައްވާނެއެވެ."
ބުޚާރީ މުސްލިމްގައި އައިސްފައިވާ ޙަދީޘެއްގައިވެއެވެ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِنَّ فِي الْجَنَّةِ بَابًا يُقَالُ لَهُ الرَّيَّانُ يَدْخُلُ مِنْهُ الصَّائِمُونَ يَوْمَ الْقِيَامَةِ لَا يَدْخُلُ مَعَهُمْ أَحَدٌ غَيْرُهُمْ يُقَالُ أَيْنَ الصَّائِمُونَ فَيَدْخُلُونَ مِنْهُ فَإِذَا دَخَلَ آخِرُهُمْ أُغْلِقَ فَلَمْ يَدْخُلْ مِنْهُ أَحَدٌ
މާނައަކީ: "އައްރައްޔާން އޭ ކިޔޭ، ޤިޔާމަތް ދުވަހު ރޯދަވެރިން ވަންނަ ދޮރުކޮޅެއް ސުވަރުގޭގައިވެއެވެ. އެ މީހުންނާއެކު އެހެން އެއްވެސް ބައެއް އެ ދޮރުން ނުވަންނާނެއެވެ. ގޮވާލެވޭނެއެވެ. ރޯދަވެރިން ކޮބައިހެއްޔެވެ؟ ދެން އެ މީހުން އެ ދޮރުން ވާންނާނެއެވެ. އަދި އެ މީހުންގެ ތެރެއިން އެންމެ ފަހު މީހާ ވަދެ ނިމުމުން ދޮރު ލެއްޕޭނެއެވެ. ދެން އެކަކުވެސް އެއިން ނުވަންނާނެއެވެ."
ރޯދަ މަހަކީ އިސްލާމްދީނުގެ ރުކުނެކެވެ. އެ މަހަކީ އިސްލާމް ދީނުގެ ދުސްތޫރު އަދި ﷲގެ ކަލާމްފުޅު ކަމުގައިވާ ޤުރުއާން ބާވައިލެއްވުނު މަހެވެ. ލައިލަތުލް ޤަދްރިވިލޭރޭ ޤުރުއާން ބާވައިލެއްވުމާ ބެހޭ ގޮތުން ވަރަށް ގިނަ ގޮތް ގޮތަށް ޢިލްމުވެރިން ވާހަކަ ދައްކާފައި އެބަހުއްޓެވެ. ނަމަވެސް، އެންމެ ޞައްޙަ ރައުޔެއް ކަމަށް ބެލެވޭ ރައުޔަކީ، އިބްނު ޢައްބާސްގެ ރައުޔެވެ. މި ރައުޔު ދެކޭ ގޮތުގައި، ލައިލަތުލް ޤަދްރި ވިލޭރޭ ޤުރުއާން ބާވައިލެއްވުނީ، ލައުޙުލް މަޙްފޫޡުން ދުނިޔޭގެ އުޑުގެ ބައިތުލް ޢިއްޒާ އަށެވެ. މި ބާވައިލެއްވުމަކީ، އެއްފަހަރާ އެއްކޮށް ބާވައިލެއްވުނު ބާވައިލެއްވުމެކެވެ. ދެން ފަހުން ވަކިވަކިން ޤުރުއާން ބާވައިލެއްވުނީއެވެ. އައްޝަޢްބީ އަދި މުޙައްމަދު ބިން އިސްޙާޤު ވިދާޅުވި ގޮތުގައި، ޤުރުއާނަށް ވަނީ އެންމެ ބާވައިލެއްވުމެކެވެ. ދެ ބާވައިލެއްވުމެއް ނޫނެވެ. ބާވައިލެއްވުމުގެ ފެއްޓުމަކީ، ސޫރަތުލް ޢަލަޤް ގެ ފުރަތަމަ ހަތަރު އާޔަތެވެ. މި ހަތަރު އާޔަތް ބާވައިލެއްވުނީ، ލައިލަތުލް ޤަދްރި ވިލޭރޭގައެވެ.
ރަމަޟާން މަހަކީ، ސުވަރުގޭގެ ދޮރުތައް ހުޅުވި ނަރަކައިގެ ދޮރުތައް ލެއްޕޭ މަހެވެ. ބުޚާރީގެ "ޚަލްޤުފެއްޓެވުން" ކިތާބުގެ ގެ އިބިލީހުގެ ސިފައާއި ބެހޭ ބާބުގައި އައިސްފައިވާ ޙަދީޘްގައިވަނީ: إِذَا دَخَلَ رَمَضَانُ فُتِّحَتْ أَبْوَابُ الْجَنَّةِ وَغُلِّقَتْ أَبْوَابُ جَهَنَّمَ وَسُلْسِلَتْ الشَّيَاطِينُ
މާނައަކީ: "ރޯދަމަސް އައުމުން ސުވަރުގޭގެ ދޮރުތައް ހުޅުވި، އަދި ނަރަކައިގެ ދޮރުތައް ލެއްޕޭނެއެވެ. އަދި އަދި ޝައިޠާނުންތައް ކަސްތޮޅު އެޅުވޭނެއެވެ."
ބުޚާރީގެ ރޯދަ ބާބުގައި އައިސްފައިވަނީ: مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ
މާނައަކީ: "ތެދުވެރި އީމާންކަމަކާއެކު، ﷲގެ ދަރުމައަށް އެދި ރަމަޟާންމަހު ރޯދަ ހިފައިފި މީހެއްގެ ވޭތުވެދިޔަހާ ފާފައެއް ފުއްސެވިއްޖެއެވެ."
ނޯޓް: މިއީ ކަވާސާ.ކޮމްގައި އިސްމާއިލް ނާޖީ ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.