ހުޅުމީދޫގައި ފުލުހުން ކުރިއަށް ގެންދިޔަ ސްޕޯޓްސް ޑިޕްލޮމަސީ ޕްރޮގްރާމް ނިންމައި ބައިވެރިންނަށް ހަނދާނީލިޔުން ދީފި އެވެ.
ބައިވެރިންނަށް ސެޓްފިކެޓް ބައްސަވާ ދެއްވީ ސައުތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަލީ ޝަރީފެވެ.
ހުޅުމީދޫގައި މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ސްޕޯޓްސް ޑިޕްލޮމަސީ ޕްރޮގްރާމުގައި ވަނީ ހަތަރު ކުޅިވަރަކުން ޓްރެއިނިން ކޭމްޕުތަކެއް ކުރިއަށް ގެންގޮސްފަ އެވެ.
މި ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދިޔަ ކުޅިވަރުތަކަކީ އެތުލެޓިކްސް އާއި ހޭންޑް ބޯލް އާއި ވޮލީ އަދި ފުޓްސަލް އެވެ. ޕްރޮގްރާމުގައި 19 ބައިވެރިއަކު ވަނީ ޕްރޮގްރާމް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފަ އެވެ.
ސްޕޯޓްސް ޑިޕްލޮމަސީ ޕްރޮގްރާމަކީ ޒުވާނުންނަށް އަމާޒުކޮށްގެން ކުޅިވަރުގެ އަހުލާޤާއި ކުޅިވަރު ހުނަރުތައް ދަސްކޮށް ދިނުމުގެ ގޮތުން ފުލުހުން ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމެކެވެ.
އައްޑޫގައި ކުރިއަށް ގެންދިޔަ ސްޕޯޓްސް ޑިޕްލޮމަސީ ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގައި އެތުލެޓިކްސް އާއި ހޭންޑް ބޯލް އާއި ވޮލީ އަދި ފުޓްސަލް އެސޯސިއޭޝަނުން އެހީތެރިކަން ލިބިފައިވާ އިރު ކުލާސްތައް ކުރިއަށް ގެންގޮސް ދީފައި ވަނީ ފުލުހުންގެ ތެރޭގައި މަސައްކަތް ކުރާ ކޯޗުންނެވެ.