މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ހިތަދު އަށް އެރި ނަގޫރޯޅީގައި ގެއްލުންވި އާއިލާތަކަށް ދިރާގުން ވެސް އެހީގެ ތަކެތި ފޯރުކޮށް ދީފި އެވެ.
އެ ކުންފުނިން ވަނީ ގެއްލުންވި ގެތަކަށް ކާބޯތަކެތޯގެ ބާވަތްތަކާއި ބަދިދޭގައި ބޭނުން ކުރާ ބައެއް ސާމާނު ވެސް ހަދިޔާކޮށްފަ އެވެ.
ހިތަދޫގައި ހުންނަ ދިރާގު އޮފީހުގެ އިސްވެރިން ގޭބިސީތަކަށް ވަޑައިގެން ތަކެތި ހަވާލުކޮށްފައި ވަނީ އިއްޔެ އެވެ.
އަދި އެހީ ލިބުނު އާއިލާތަކުން ވަނީ ދިރާގުން ފޯރުކޮށް ދިން އެހީއަށްޓަކައި އެ ކުންފުންޏަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.
މީގެ އިތުރުން މީރާ އިން ވެސް ގެއްލުންވި ގެތަކަށް ވަނީ ފައިސާގެ އެހީ ދީފަ އެވެ. އެގޮތުން އެ ކުންފުނީގެ މުވައްޒަފުން ހޯދި 60،000ރ. ވަނީ ގެއްލުންވި 12 ގެއެއްގެ އާއިލާތަކާ އިއްޔެ ހަވާލުކޮށްފަ އެވެ.
އެއީ ކޮންމެ ގެއަކަށް 5،000ރ. ގެ މަގުންނެވެ.
ނަގޫރޯޅީގައި ގެއްލުންވި ގެތަކަށް ސަރުކާރުން ވެސް އެހީ ދީފައިވާ އިރު، އައްޑޫ ސިޓީ ކައުންސިލާއި ރާއްޖެ ޓީވީން ވެސް ވަނީ އެކަމަށް ހާއްސަކޮށްގެން ރިލީފް ފަންޑެއް ހުޅުވައިފަ އެވެ.
އެ ފަންޑްތަކަށް އެކި ފަރާތްތަކުން މިހާތަނަށް އެކި ކަހަލަ އެހީތައްވެފައިވެ އެވެ.