Last Updated: March 12, 21:58
Wednesday, March 12, 2025
ޚަބަރު

ސްކޫޕް ކަންމަތި: މި ޓީމަށް ކޮންމެ މެޗަކީ ވެސް ފައިނަލެއް

2016 ވަނަ އަހަރު ބޭއްވި ޒެފިޔާ ފުޓްސަލް މުބާރާތުގައި ވާދަކުރި ސްކޫޕް ކަންމަތީގެ ޓީމް.

ގޯދިއްޔާ ފުޓްސަލް މުބާރާތުގައި ވާދަކުރާ ޓީމް ތަކުގެ ތެރެއިން މުބާރާތަށް އެންމެ އާ ޓީމަކީ ސްކޫޕް ކަންމަތި ސްޕޯޓްސް ކްލަބެވެ. ނަމަވެސް އެޓީމްގެ ވަކިވަކި ކުޅުންތެރިންނަކީ މި މުބާރާތުގައި ކުޅެފައިވާ ތަޖްރިބާ ކާރރު ކުޅުންތެރިންނެވެ.

ސްކޫޕް ކަންމަތި ޓީމުން މުބާރާތުން ޖާގަ ހޯދި ހިސާބުން ފެށިގެން ޓީމް ވަރުގަދަ ކުރުމަށް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން މޮޅެތި ކުޅުންތެރިން ހޯދުމަށް ވަނީ ގިނަ މަސައްކަތްކޮށް ކާމިޔާބްވެސް ކޮށްފއެވެ.

އައްޑޫގައި އެފްއޭއެމް އިން ހިންގި ވައިޑީޕީ ޕްރޮގްރާމުން ވިދާލި، އަދި އެފްސީ ޒެފިއާގެ މުހިއްމު އެއް ކުޅުންތެރިޔާ އާލިފް (އާލިއްޕޭ) އާއި ހަސަން އިރުފާން(އިރޭ) ވަނީ މިފަހަރު ސްކޫޕަށް ސޮއިކޮށްފައެވެ. ޓީމުގެ ފަހަތް ބެލެހެއްޓުމަށް މޫސާ ވަހީދު އާއި އަހްމަދު ޝާނިޒު ގެނެސްފައިވާ އިރު އެޓީމްގެ އެއްމެ މުހިއްމު އެއް ކުޅުންތެރިއަކީ މީގެ ކުރިން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ވެސް ކުޅެފައިވާ މުހައްމަދު ސައީދު (ލޮޖާ)އެވެ.

ޓީމުގެ ކޯޗަކަށް ހަމަޖައްސާފައި ވަނީ ހިތަދޫގެ ފުޓްބޯޅަ ލެޖެންޑެއް ކަމުގައިވާ މުހައްމަދު އުގައިލު(އެންޑާ) އެވެ.

މީގެ ކުރިން ބޭއްވި ފުޓްސަލް މުބާރާތެއްގައި އާލިއްޕޭ (7) އަދި އިރްފާން (10). މި ދެކުޅުންތެރިން ވެސް މިފަހަރު ކުޅޭނީ ސްކޫޕް ޓީމަށް.

'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ސްކޫޕް ކަންމަތި ސްޕޯޓްސް ކްލަބްގެ މެނޭޖަރ އަބްދުﷲ ނަވީން(ސޮކާޓޯ) ބުނި ގޮތުގައި، މިފަހަރުގެ މުބާރާތަށް ނިކުންނަނީ ކޮންމެ މެޗަކީ ވެސް ފައިނަލެއް ކަމުގައި ބަލައިގެން ކަމަށެވެ.

ސޮކާޓޯ ބުނިގޮތުގައި އެއްވެސް މެޗެއް ފަސޭހަ ނުވާނެ ކަމަށާއި މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމެއްގައި ވެސް ތިބީ މޮޅު ކުޅުންތެރިން ކަމަށެވެ.

ގްރޫޕް ސީގައި ސްކޫޕް ކަންމަތި ސްޕޯޓްސް ކްލަބުގެ އިތުރުން ދެން ހިމެނެނީ ޒެލޯން، ޔުނައިޓެޑް ފްރެންޑްސް، ޑީސީ ކްލަބް އަދި ބޭރުމަތި އެފްސީއެވެ.